ދީނީ އިލްމުވެރިން

މަސް ދުވަސް ޖަލުގައި، ޝަރުތުތަކަކާއެކު ޝެއިހް ފަޒްލޫން ދޫކޮށްލައިފި

ފުލުހުންގެ ބަންދުގައި ހުންނެވި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކުރަން ކޯޓުން އަމުރުކޮށްފި އެވެ. ޝައިހް ފަޒްލޫން ދޫކޮށްލާފައި މިވަނީ ފުލުހުންގެ ބަންދުގައި މަސް ދުވަހު ބެހެއްޓުމަށް ފަހު އެވެ. އޭނާ ހައްޔަރު ކުރީ ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

ފަޒްލޫން ދޫކޮށްލި ޝަރުތުތަކުގެ ތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތު ކޮށްފައިވެއެވެ. އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.

ޝެއިހް އާދަމް ނިޝާން އާއި ޝެއިހް ފަޒްލޫން ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވީ މި ދެ ބޭފުޅުންނެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ހަމަނުޖެހުން ހުއްޓުވަން ދެ ބޭފުޅުން މަސައްކަތް ކުރަައްވާ މަންޒަރު ފެނެއެވެ.

ޝެެއިހް ފަޒްލޫން ދޫކޮށްލި ނަމަވެސް ޝެެއިހް ނިޝާންގެ ބަންދަށް ވަނީ އިތުރު 16 ދުވަސް ވަނީ ޖަހާފައެވެ. ފުލުހުންގެ ތުހުމަތު އެންމެ ބޮޑަށް އޮތީ ޝެއިހް ނިޝާނަށެވެ. ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ހައްޔަރު ކުރިއެވެ. މިހާތަނަށް ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.