ރިޒާވް

ފުރަތަމަ ކުއާޓަރުގައި ރިޒާވް ދެ ޕަސެންޓް އިތުރު

Jul 21, 2022

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ޖުމްލަ ރިޒާވް ދެ ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ފުރަތަމަ ތިން މަހުގެ ކުއާޓަރީ ބްލެޓިންގައިވާ ގޮތުން ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 865.2 މިލިއަން ޑޮލަރެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާނަމަ ދެ ޕަސެންޓުގެ އިތުރުވުމެކެވެ.

މަރުކަޒީ ބޭންކުން ބުނީ މި މުއްދަތުގައި ރިޒާވް އިތުރުވި މައިގަނޑު ސަބަބަކީ ޓޫރިޒަމުން ލިބުނު އާމްދަނީ އިތުރު ވެފައިވުމެވެ.

އިގްތިސޯދަށް އަންނަ ބަދަލާއެކު ރިޒާވް އިތުރުވެ މަދުވެ އެވެ. އަދި ރިޒާވުގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް ކުރިން އާއްމުކުރެ އެވެ. ނަމަވެސް މިހާރު ރިޒާވްގައި ހިމެނޭ ބޭނުން ކުރެވޭ ރިޒާވް އާއްމު ކުރުން ވަނީ ހުއްޓާލާފަ އެވެ.

މިހާރު ރާއްޖޭގެ ރިޒާވްގައި ފަސް މަހުގެ އިމްޕޯޓަށް ބޭނުންވާ ވަރަށް ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.