އެމްޑީޕީ

އެމްޑީޕީއަށް ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބަހަން ނިންމައިފި

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބެހުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމައިފި އެވެ. ގައުމީ މަޖިލީހުން މި ނިންމުން އައީ ރޭ އޮތް ގައުމީ މަޖިލީހުގައެވެ.

ރޭގެ ބައްދަލްވުމަށް އެކަމާއި ގުޅޭ ގަރާރު ހުށައެޅުމުން ބައްދަލްވުމުގައި ބައިވެރިވި މެންބަރުންްގެ އިއްތިފާގުން ގަރާރު ވަނީ ފާސްކޮށްފައެވެ.

ގަރާރުގައި ބުނެފައިވަނީ އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމުގެ ކަންކަން ހިންގުމަށް ބާރު އަޅާ އެކަންކަމަށް ހިތްވަރު ދޭ ޕާޓީއެއް ކަމަށެވެ. އެހެން ކަމުން ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބެހުމަށް ގައުމީ މަޖިލީސް އިގުރާރުވާ ކަމަށެވެ. އެ ގޮތުން މި އަހަރުގެ ދައުލަތުގެ ބަޖެޓުން ލިބުނު ފައިސާ އާއި އޭގެ ފަހަށް ކޮންމެ އަހަރަކު ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ދެމުން ގެންދިއުމަށެވެ.

އެ ގަރާރުގައި ވަނީ ދާއިރާތަކަށް ދޫކުރާ ފައިސާގެ 20 އިންސައްތަ ރަށްތަކުގެ މެދުގައި ހަމަހަމަކޮށް ބެހުމަށާއި 25 ޕަސެންޓް ފައިސާ ދާއިރާތަކުގެ މެދުގައި ހަމަހަމަ ކޮށް ބެހުމަށާއި 45 އިންސައްތަ ދާއިރާތަކުގެ މެންބަރުންގެ ނިސްބަތުން ބެހުމަށެވެ. އަދި ދާއިރާތަކަށް ދޫކުރާ ފައިސާގެ 10 ޕަސެންޓަކީ ދާއިރާތަކުގައި ހިންގާ އެމްޑީޕީގެ ހަރަކާތްތަކާއި ކެމްޕެއިންތަކަށް ދޫކުރާ ފައިސާގެ ގޮތުގައި ހަމަޖެއްސުމަށެވެ.

ގައުމީ މަޖިލީހުގެ ބައްދަލްވުމަށް މި ގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން މާލީ އަދި ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އެވެ. މި ގަރާރަށް ތާއީދު ކުރެއްވީ މަތިއުތުރު ޕްރޮވިންސްގެ ރައީސް އިބްރާހިމް ވަހީދު އެވެ.

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ލިބޭ ފައިސާގެ ތެރެއިން އެމްޑީޕީއަށް ލިބޭ ފައިސާގެ 60 ޕަސެންޓް ދާއިރާތަކަށް ބެހުމަކީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް (ފައްޔަ) ގެ ވައުދެކެވެ.