މޯލްޑިވްސް ޕޮލިސް ސާވިސް

ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

ދިޔަރެސް ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.

އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް އަންއޯތޮރައިޒްޑް އެކްސަސް ވެ ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގައި ސުވާލު ކުރުމަށެވެ. އެކަން އަޒާން ކޮށްފައިވާ ކަމަށް ތުހުމަތު ކުރަނީ ފެބްރުއަރީ 6، 2022 ގައެވެ.

އެ މައްސަލައާ ގުޅިގެން އަޒާން މިއަދު ހަވީރު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާނެއް ނަގާފައެވެ. އައިޖީއެމްއެޗްގެ ޕޭޝަންޓް ޕޯޓަލްއަށް އަންއޯތޮރައިޒްޑް އެކްސަސް ވެ ދައުލަތުގެ އެންމެ އިސް ފަރާތްތަކުގެ މެޑިކަލް މައުލޫމާތު ހޯދައި ލީކުކުރި ކަމަށް ކުރާ ތުހުމަތު އަޒާން ދޮގު ކުރެއެވެ. އެފަދަ އެއްވެސް ކަމެއް އަޒާން ކުރި ކަމުގެ ހެއްކެއް ފުލުހުން އަދި އާންމެއް ނުކުރެއެވެ.

ސަރުކާރުގެ ތެރޭގައި ހިންގާ އުސޫލާއި ހިލާފު ކަންކަން އާންމުންނާއި ހަމައަށް ގެނެސްދީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ނޫސްވެރިއެއްގެ ގޮތުގައި އަޒާން ފާހަގަ ކުރެވެއެވެ. ތުހުމަތުތަކެއް ކޮށް އަޒާން ފުލުހަށް ހާޒިރުކުރީ ބިރު ދައްކަން ކަމަށް ބައެއް ނޫސްވެރީން ދެކެއެވެ. އެހެން ކަމުން އަޒާން ފުލުހަށް ހާޒިރު ކުރި ވަގުތާއި ދިމާކޮށް ބައެއް ނޫސްވެރީން ވަނީ ފުލުސް އިދާރާ ކުރިމައްޗަށް އެއްވެ އިހުތިޖާޖު ކޮށްފައެވެ.