ހަބަރު

"ފުލުހާއި މީޑިޔާ އެކުގައި މަސައްކަތް ކުރަންޖެހޭ"

ފުލުހުން ކުރާ މަސައްކަތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މީޑިއާ ކަމަށާއި ފުލުހާއި މީޑިޔާއަކީ ވަރަށް އެކުގައި މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށް ކުރީގެ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް (ރިޓަޔާޑް) އިބްރާހިމް ލަތީފް ވިދާޅުވެއްޖެ އެވެ.

މަދަނީ ފުލުހުންގެ ހިދުމަތަށް 16 އަހަރު ނަމުގައި ފުލުހުން ދަނީ، ޒަމާނީ ހިދުމަތަކުގެ ބަދަލު ގެނައުމަށް ފުލުހުންގެ ތެރޭގައި އިސްކޮށް ތިއްބެވި އިސްވެރިންގެ މަސައްކަތްތައް ފުލުހުންގެ ވެބްސައިޓު، "ޕޮލިސް ލައިފު" ގައި ގެނެސްދެމުންނެވެ. މިއަދު ގެނެސްދީފައި ވަނީ ކުރީގެ ލަތީފްގެ އިންޓަވިއު އެކެވެ.

ވަޒީފާގައި ހުންނެވި އިރު މީޑިއާގައި ވަރަށް ގާތް ގުޅުމެއް ބޭއްވެވި އަދި އެ ދުވަސްވަރު އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލު ކަމެއް ހޯއްދެވި ލަތީފު ވެސްޓަން އޮސްޓްރޭލިޔާގައި ހުންނަވައިގެން ޕޮލިސް ލައިފަށް ދެއްވި އިންޓަވިއުގައި މީޑިއާގެ ދައުރާ ގުޅޭގޮތުން ވެސް ލަތީފް މެސެޖެއް ދެއްވާފައި ވެއެވެ.

އޭނާ ވިދާޅުވީ، ފުލުހުން ކުރާ މުހިންމު މަސައްކަތްތައް އެއީ ރަނގަޅު ނަމަވެސް އަދި ގޯސް ވިޔަސް އެ މަސައްކަތްތައް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިނުމުގެ އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ މީޑިއާ ކަމަށްވާއިރު ފުލުހުންނާއި މީޑިޔާއަކީ ވަރަށް ގާތްކޮށް މަސައްކަތް ކުރަންޖެހޭ ބައެއް ކަމަށެވެ. އަދި އެ ގުޅުމަކީ ވަރަށް އިހްލާސްތެރި ޕްރޮފެޝަނަލް ގުޅުމަކަށް ވާންޖެހޭ ކަމަށްވެސް ކުރީގެ ޑެޕިއުޓީ ކޮމިޝަނަ ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ ފުލުހުންގެ މަސައްކަތަކީ ބަދަލުވަމުންދާ ހާލަތްތަކަށް ރިއާޔަތްކޮށް ބައްޓަން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި މިކަމަށް އަބަދުވެސް ސަރުކާރުން އިންވެސްޓް ކުރަންޖެހޭނެ ކަމަށެވެ. އަދި އޭނާ ވަނީ ފުލުހުންނަށް ވެސް މެސެޖެއް ދެއްވާފަ އެވެ: "ގާނޫނު ތަންފީޒު ކުރުމަށް ފަސް ނުޖެހި، އިންސާފުވެރިކަމާއި ހަމަހަމަ ކަމާއިއެކު، ހެޔޮ ނިޔަތުގައި ހިދުމަތްކުރައްވާ"

ތޭވީސް އަހަަރު ވަންދެން ލަތީފރު ރާއްޖެއަށް ހިދުމަތް ކޮށްދެއްވާފައި ވާއިރު އެންމެ ފުރަތަމަ ސިފައިންގެއާ ގުޅިވަޑައިގެންނެވީ ވެސް ލާންސް ކޯޕްރަލް ރޭންކުގަ އެވެ. ޕޮލިސިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ ލަތީފު ފުލުހުންގެ ވަޒީފާއިން 2007 ވަނަ އަހަރު އަމިއްލަފުޅަށް ރިޓަޔާ ކުރެއްވުމަށް ފަހު މިހާރު މަސައްކަތް ކުރައްވަނީ ވެސްޓަން އޮސްޓްރޭލިޔާ ޕޮލިސްގެ ސީނިއާ އެޑްވައިޒަރެއްގެ މަގާމުގަ އެވެ.

ފުލުހުން މިނިވަން މަދަނީ މުއައްސަސާއެއްގެ ގޮތުގައި ހަމަޖެއްސީ ސެޕްޓެމްބަރު 1، 2004 ގަ އެވެ. އެ ދުވަސްވަރު ފުލަށް ގެނައި ބޮޑެތި ބަދަލުތަކުގެ މުހިންމު އެއް ބައިވެރިޔަކީ ލަތީފެވެ.