ޖަޕާން

ޖަޕާނުން ނިއުކްލިއާ ފެން ބޭރުކުރަން ރެގިއުލޭޓަރުން ހުއްދަ ދީފި

ޖަޕާންގެ ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓުން ބޭރުވެފައި ހުރި ފެން ކަނޑަށް އަޅަން އެގައުމުގެ ރެގިއުލޭޓަރުން ހުއްދަ ދީފި އެވެ.

ޖަޕާންގެ އިރުއުތުރު ރަށްބޭރަށް މާޗް 11، 2011 ގައި އައި ބާރުގަދަ ބިންހެލުމެއްގައި ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓްއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި ފިނިކުރާ ނިޒާމް ފެއިލްވެ ރޭޑިއޯއެކްޓިވް ބޭރުވި އެވެ.

ފުކުޝިމާ ނިއުކްލިއާ ޕަވާ ޕްލާންޓުން ލީކުވަމުންދާ ރޭޑިއޯއެކްޓިވް ފެން މިހާރު ރައްކާ ކުރަނީ ތާންގީތަކެއްގަ އެވެ. ރޭޑިއޯއެކްޓިވް ފެން ނައްތާނުލެވި މިއަދާ ހަމައަށް ދިގުލާފައި ވަނީ ނައްތާލާނެ ރައްކާތެރި ގޮތެއް ނެތިގެންނެވެ.

ޖަޕާން ސަރުކާރުން ބުނާ ގޮތުން ނައްތާލަން ޖެހިފައި ހުރި ފެން އެއްމިލިއަން ޓަނަށް ވުރެ އިތުރެވެ. ޓޭންކް އިތުރު ކުރަން ހުރި ޖާގަ އޮގަސްޓް 2022 ލައިގަންނަން ވާއިރަށް ހުސްވާނެ އެވެ. އޭގެ ކުރިން ފެން ނައްތާލަން ވަކި ގޮތެއް ނިންމަން ޖެހެ އެވެ.

ނިއުކްލިއާ ފެން ކަނޑަށް އަޅަން ރެގިއުލޭޓަރުން ހުއްދި ދިން ނަމަވެސް މިއީ ކަންބޮޑުވުން އޮތް ކަމެކެވެ. ނިއުކްލިއާ ފެން އަޅަން ޖަޕާނުން ވިސްނާ ކަނޑުގެ އެ ސަރަހައްދަކީ އެ ސަރަހައްދުގެ މަސްވެރިން، މަސްވެރިކަން ކުރާ ސަރަހައްދެކެވެ.

އަނެއްކޮޅުން ނިއުކްލިއާ މާއްދާތަކުގެ ސަބަބުން ކަނޑުގެ ދިރުމަށް ލިބިދާނެ ގެއްލުމަކާ ހެދި ތިމާވެށީގެ ހިމާޔަތުގައި ވަކާލަތުކުރާ ޖަމާއަތްތަކުން ވެސް އޮތީ ނުތަނަވަސްކަން ފާޅުކޮށްފަ އެވެ.

ރޭޑިއޯއެކްޓިވް ފެން ނައްތާލުމުގައި ޖަޕާނުން ޒިންމާދާރު ވުމަށް ޗައިނާއިން އޮތީ ގޮވާލާފަ އެވެ. ޗައިނާއިން ބުނީ ރޭޑިއޯއެކްޓިވް ފެން ނައްތާލަން ކަނޑަށް އެޅުމަކީ ނުތަނަވަސްކަން ބޮޑު ކަމެއް ކަމަށެވެ.

ޗައިނާގެ އިތުރުން ސައުތު ކޮރެއާއިން ވެސް ވަނީ ރޭޑިއޯއެކްޓިވް ފެން ކަނޑަށް އެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް، ޖަޕާނުން ބުނަނީ ކަނޑަށް އެޅުމަށް ވުރެ ނިއުކްލިއާ ފެން ނައްތާލަން ވަކި ރައްކާތެރި ގޮތެއް ނެތް ކަމަށެވެ. ދުނިޔޭގެ ސައިންސްވެރިން ވެސް ބުރަވަނީ އެގޮތަށް ކަމަށެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީން ބުނާ ގޮތުން ކަނޑަށް އެޅުމަށް ވުރެ ވަކި ރައްކާތެރި ގޮތެއް އަދި ނެތެވެ. އަދި ބުނީ ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހިންގާ ހުރިހާ ގައުމަކުން ވެސް ނިއުކްލިއާ ފެނާއި ދަގުއި ނައްތާލަނީ އިންސާނުންނަށާއި ޖަނަވާރުންނަށް ގެއްލުން އެންމެ ކުޑަ ގޮތްތައް ބަލައިގެން ކަމަށެވެ.

ޖަޕާނުން ބުނާ ގޮތުން ޓޭންކްތަކުގައި މިހާރު ވެސް ފެން ރައްކާކޮށްފައި ހުރީ ނިއުކްލިއާ ބާރު ވަރަށް ދަށްކޮށްފަ އެވެ. އަދި ބުނީ ކަނޑަށް އުކާލުމުގެ ކުރިން މިހާރު ހުރި ވަރަށް ވުރެ 40 ގުނަ ދިޔާ ކުރާނެ ކަމަށެވެ.

ޖަޕާންގައި މިހާރު ފެން ހުރި އަދަދަށް ބަލާއިރު ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅަކާ އެކު ވެސް ނައްތާލަން 30 އަހަރު ހޭދަވާނެ އެވެ.

ފުކުޝިމާ ހާދިސާއަކީ އޭޕްރީލް 26، 1986 ގައި ޔުކްރޭންގެ ޗާނޮބީލްގައި ހިނގި ނިއުކްލިއާ ހާދިސާއަށް ފަހު ދުނިޔޭގައި ހިނގި އެނމެ ގެއްލުން ބޮޑު ނިއުކްލިއާ ހާދިސާ އެވެ.

ފުކްޝިމާ ހާދިސާގައި 18،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި 160،000 މީހުންގެ ގެދޮރު ގެއްލި ވަނީ ބިކަވެފަ އެވެ.