ބޮލީވުޑް

ފަސް އަހަރު ކުއްޖަކު އަމީތާބަށް ދިން މަޝްވަރާ

ފަސް އަހަރުގެ ކުއްޖަކު އޭނާއަށް ދިން މަޝްވަރާތަކެއް އަމީތާބު ބައްޗަންގެ ބްލޮގްގައި ދާދިފަހުން ވަނީ ހިއްސާ ކޮށްފަ އެވެ. އަމީތާބު ބުނެފައިވާ ގޮތުގައި ފަސް އަހަރުގެ ކުޑަ ފިރިހެންކުއްޖާ އަށް އޭނާއަކީ 80 އަހަރުގެ މީހެއްކަން އެނގުމުން ގޭގައި ކަމެއް ނުކޮށް އަރާމުކުރަން އިންނަން މަޝްވަރާ ދީފައިވާ ކަމަށެވެ. އަދި ކުއްޖާ އޭނާ އާ ދިމާލަށް މިފަދަ އެއްޗެއް ބުނުމުން އިތުރަށް ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައި ހުރި ކަމަށް ވެސް އަމީތާބު ބުންޏެވެ.

"އެ ދުވަހު އަހަރެން އާރްބީއައި ކެމްޕެއިންއަށް ކުޅެން ޖެހޭ މަންޒަރުތަކެއް ރިހާސަލް ކުރުމުގައި އެ ދުވަހު އުޅުނީ. އެ މަންޒަރުގައި އަހަންނާއެކު ފަސް ވަރަކަށް އަހަރުގެ ފިރިހެން ކުއްޖަކު ވެސް ބައިވެރިވޭ. ރިހާސަލްގެ މެދުތެރޭން މި ކުއްޖާ ކުއްލިއަކަށް އަހަންނާ ދިމާލަށް އެނބުރިލާފައި އަހައިފި އަހަރެންގެ އުމުރުން ކިހާ ވަރެއްހޭ؟ އަހަރެން ބުނިން 80 އަހަރޭ. އެހެން ބުނީމަ އެ ކުއްޖާ ބުނެފި ދެން ކީއްކުރަން ކަލޭ ތި މަސައްކަތްކުރަނީ؟ ތިމަންނަގެ މާމަ އާއި ކާފަ އާ ވެސް މިހާރު ތިބެނީ އަރާ މުކުރަން ގޭގައޭ. ކަލޭވެސް އެގޮތަށް ގޭގައި އަރާމުކުރަން އިނުން މާ ރަނގަޅުވާނޭ،" މި ކުއްޖާ ދެއްކި ވާހަކަތައް ހިއްސާ ކުރަމުން އަމީތާބު ލިޔެފައި ވެއެވެ.

އަމީތާބު ބުނެފައިވާ ގޮތުގައި އެ ކުއްޖާއަށް ދޭނެ ޖަވާބެއް އޭނާއަކަށް އެ ވަގުތަކު ނޭނގުނެވެ.

"އެ ކުއްޖާއަށް ޖަވާބު ދޭން އަހަންނަށް އުނދަގޫވީ ފުރަތަމަ ކަމަކީ އެންމެ ފަސް އަހަރުގެ ކުއްޖެއްގެ ވިސްނުން ހުރި ވަރުން ލިބުނު ހައިރާންކަން. ދެ ވަނަ ކަމަކަށް ހަމަ ހަގީގަތުގައި ވެސް ދޭނެ ޖަވާބެއް އަހަންނަށް އެ ވަގުތު ނޭނގުން. އެހެންވެ ޝޫޓް ނިންމާފައި އޭނާއަށް އަލްވަދާއު ކިޔާފައި ގެއަށް ދިޔައީ. އެ ކުއްޖާގެ މަންމަގެ އެދުމުގެ މަތިން ކުއްޖާ އާއެކު ފޮޓޯ ނަގައި އޮޓޯގްރާފް ވެސް ދިނިން. އެކަމަކު އެ ކުއްޖާގެ ވާހަކަތައް އަދިވެސް އަހަރެންނަށް ހަނދާން ވޭވޭ އެބަހުރި،" އަމީތާބު ބުންޏެވެ.