މަސްދުވަހު ފުލުހުންގެ ބަންދުގައި ހުންނެވުމަށް ފަހު ކޯޓުން މިނިވަންކޮށް ދޫކޮށްލި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު އަނެއްކާވެސް ފުލުހުންގެ އިދާރާއަަށް ހާޒިރުވާން އަންގައިފި އެވެ.
ޝެއިހް ފަޒްލޫން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރު ފަހު އެކެއް ޖަހާއިރު އެވެ. އެ އަމުރު ފަޒްލޫންގެ ވަކީލަށް ފުލުހުން މިހާރު ވަނީ ހަވާލުކޮށްފައެވެ. ޝެއިހް ފަޒްލޫން މިއަދުވެސް ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހުގެ 21 ވަަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކުގެ ތަހުގީގަށް ކަމަށް ފުލުހުންގެ އަމުރުގައިވެއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހެއްހާ ދުވަހު ފަޒްލޫން ހުންނެވީ ފުލުހުންގެ ބަންދުގައި ޖަލުގައެވެ. އަވަސްއަށް އެނގިފައިވާ ގޮތުގައި މި މުއްދަތުގައި ފަޒްލޫނާ ސުވާލު ކޮށް ތަހުގީގު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
މި މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ފަޒްލޫން ދޫކޮށްލީ ތަހުގީގުވެސް ނުނިމޭ މައްސަލައިގެ ޝަރީއަތް ނިމެންދެން ފަޒްލޫން ބަންދުކޮށްދޭން ފުލުހުން އެދިފައި ވަނިކޮށެވެ.
ފަޒްލޫން ދޫކޮށްލީ ޝަރުތުތަކެއް ކޮށްފައެވެ. އޭގެތެރޭގައި މާލެއިން ބޭރަށް ދާނަމަ އެންގުމަށާއި ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެންގުމަށް ޝަރުތު ކޮށްފައިވެއެވެ. އަދި އޭނާ އުޅޭ އެޑްރެސް އެންގުމަށާއި އެޑްރެސް ބަދަލުވެއްޖެ ނަމަ އެކަންވެސް އެންގުމަށެވެ. މީގެ އިތުރުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށްވެސް ކޯޓުން ވަނީ އަންގާފައެވެ.
ޝެއިހް އާދަމް ނިޝާން އާއި ޝެއިހް ފަޒްލޫން ހައްޔަރު ކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގައި އިސްކޮށް ތިއްބެވީ މި ދެ ބޭފުޅުންނެވެ. ނަމަވެސް އާންމުވެފައިވާ ވީޑިއޯތަކުން ހަމަނުޖެހުން ހުއްޓުވަން ދެ ބޭފުޅުން މަސައްކަތް ކުރަައްވާ މަންޒަރު ފެނެއެވެ.
ޝެެއިހް ފަޒްލޫން ދޫކޮށްލި ނަމަވެސް ޝެެއިހް ނިޝާންގެ ބަންދަށް ވަނީ އިތުރު 16 ދުވަސް ވަނީ ޖަހާފައެވެ. ފުލުހުންގެ ތުހުމަތު އެންމެ ބޮޑަށް އޮތީ ޝެއިހް ނިޝާނަށެވެ. ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ހައްޔަރު ކުރިއެވެ. މިހާތަނަށް ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.