ބޮލީވުޑް

އެކްޓްކުރުން ހުއްޓާލީ ކައްވަޅުގެ އަޒާބު ހުވަފެނުން ފެނިގެން: ސަނާ

ޓީވީ ބަތަލާ ސަނާ ޚާން އެކްޓް ކުރުން ހުއްޓާލުމުން ވަރަށް ގިނަ ބަޔަކު އޭނާއަށް މަލާމާތްކޮށް ހެދި އެވެ. ކެރިއަރުގެ ވަރަށް އުހަށް ވާސިލު ވެވިފައި ވަނިކޮށް ސަނާ ފިލްމު ކުޅުން ހުއްޓާލަން ނިންމިކަން އިއުލާން ކުރުމުން އޭނާއަށް މަލާމާތްކުރި މީހުން ބުނީ އޭނާ ހަރުކަށި ފިކުރުގެ މުފްތީއަކާ ކައިވެނިކުރަންވެގެން އެކްޓްކުރުން ހުއްޓާލަނީ ކަމަށެވެ. ނަމަވެސް މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ސަނާ ބުނެފައި ވެއެވެ. އަދި އޭނަ އެކްޓިން އަށް އަލްވަދާއު ކިޔަން މެދުވެރިވީ ސަބަބު ވެސް ސަނާ ކިޔައިދިނެވެ.

ސަނާ ބުނި ގޮތުގައި އޭނާ އިތުރަށް އެކްޓް ކުރުމައިގެން ކުރިޔަށް ނުދާން ނިންމީ ފެނުނު ބިރުވެރި ހުވަފެނެއްގެ ސަބަބުން ގަންނާކުރެއްވި ބިރަކުންނެވެ.

އޭނާ މި ވާހަކަތައް ހާމަކޮށްފައިވަނީ ހައްޖުގެ މާތް އަޅުކަމަށް މައްކާއަށް ގޮސް ހުރެ އެވެ. ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށްފަހު މިހާރު ސަނާ ވަނީ އެނބުރި އިންޑީޔާ އަށް ގޮއްސަ އެވެ.

މުއްތަވިފީ ހުއްޖާޖް ސައުތު އޭޝިއާ އަށް ސަނާ ދީފައިވާ ވީޑީއޯ އިންޓަވިއު އެއްގައި އޭނާ ކިޔައިދީފައިވާ ގޮތުގައި އެކްޓްކުރަމުން ދިޔަ ދުވަސްވަރު އޭނާއަށް މަޝްހޫރުކަމާއި މަގްބޫލުކަން އަދި ފައިސާ އިންތިހާއަށް ލިބެމުން ދިޔަ އެވެ. އޭނާ ބޭނުން އެއްޗެއް ގަނެލައި ބޭނުންކަމެއް ކުރުމުގެ ގާބިލްކަން އޭނާއަށް ލިބުނެވެ. ނަމަވެސް އެ ހުރިހާ ކަމެއް ފުރިހަމަ ވެފައި ވިޔަސް އޭނާއަށް އެއް ކަމެއް އުނިވާ ކަމުގެ އިހްސާސް އޭރު ކުރެވެމުން ދިޔަ އެވެ. އެއީ ހިތްހަމަޖެހުމެވެ. ހިތްހަމަނުޖެހުންތައް އިތުރުވެ ފާޑަކަށް ޑިޕްރެޝަން އަށް ވެއްޓެމުން ދިޔަ ކަމަށާއި އެ ދުވަސްވަރު އޭނާއަށް އެއްރެއަކު ވަރަށް ބިރުވެރި ހުވަފެނެއް ފެނުނު ކަމަށް ސަނާ ބުންޏެވެ.

"އެއީ 2019 ވަނަ އަހަރުގެ ރަމަޟާން މަސް. އަހަންނަށް އެއްރޭ ހުވަފެނުން ފެންނަނީ އަހަރެން ކައްވަޅެއްގައި ހުޅު ރޯވެ އަނދަމުން ދާތަން. އަދި އަހަރެން އެ ކައްވަޅުގެ ތެރޭގައި އަނދަމުންދާތަން ވެސް ފެނުނު،" ސަނާ ބުންޏެވެ.

ސަނާ އިތުރަށް ކިޔައިދިން ގޮތުގައި އެ ހުވަފެނުން އޭނާއަށް ވަރަށް ރަނގަޅު މެސެޖެއް ވިސްނުނެވެ. އަދި މުނީފޫހިފިލުވުމުގެ ދުނިޔެއަށް އަލްވަދާއު ކިޔައި އަމިއްލަ ނަފްސު އިސްލާހުކުރުމަށް އަޒުމު ކަނޑައެޅި އެވެ. އަދި އޮކްޓޯބަރު 2020ގައި އެކަން އިއުލާންކޮށް ސޯޝަލް މީޑިއާގައި ހުރި އޭނާގެ ހުރިހާ ޕޯސްޓްތަކެއް ފޮހެލި އެވެ. އަދި ސޫރަތުގައި ދިރިއުޅޭ ވިޔަފާރިވެރިއެއް ކަމަށްވާ އަނަސް ރާޝިދު އާ ކައިވެނިކޮށް ގެވެހި ދިރިއުޅުމެއް ފެށި އެވެ. އަނަސް އަކީ ދީނީ އިލްމު އުގެނިގެން ހުރި މީހެއް ވެސް މެއެވެ.

ކައިވެންޏަށްފަހު ސަނާ ފުރަތަމަ ޝެއާ ކުރި ޕޯސްޓާއެކު އަނެއްކާވެސް ގިނަ ބަޔެއްގެ ލޯ އޭނާއަށް އަމާޒުވި އެވެ. ހިޖާބު އަޅައިގެން ހުރީމަ އެވެ. ސަނާ ބުނި ގޮތުގައި މީހުން ކިތަންމެ މަލާމާތެއް ކުރިޔަސް އޭނާއަށް ފަރުވާލެއް ނެތެވެ. މަރު ދުވަހާ ހަމައަށް ވެސް އޭނާ ދެން ހިޖާބެއް ނުބާލާނެ އެވެ.

ފުރަތަމަ ފަހަރަށް ހައްޖުގެ އަޅުކަން އަދާކުރުމުން ހިތަށް ހީނުކުރާ ވަރުގެ އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށާއި އެކަމަށްޓަކައި ﷲ އަށް ޙަމްދުކުރާ ކަމަށް ވެސް ސަނާ ބުންޏެވެ.

އެކްޓްކުރި ޒަމާނުގައި ސަނާ ވަނީ "ބިގް ބޮސް"ގެ ސީޒަނެއްގައި ބައިވެރިވެފަ އެވެ. އަދި ބައެއް ފިލްމުތަކާއި ޓީވީ ޝޯތަކުގައި ވެސް ބައިވެރި ވެފައި ވެއެވެ.