އީރާން

ޔަމަނުގައި ހުންނަ އިރާނު އެމްބަސީއަށް ސައުދީން ހަމަލާދީފި

ޔަމަނުގެ ވެރިރަށް ސަންއާގައި ހުންނަ އިރާނުގެ އެމްބަސީއަށް ސައުދީ އަރަބިއްޔާއިން ހަމަލާދީފި އެވެ.

ތެހްރާންގައި ހުންނަ އިރާނުގެ ފޮރިން މިނިސްޓްރީން ބުނީ ތަކުރާރުކޮށް ސައުދީގެ ޖެޓުތަކުން އެއެމްބަސީއަށް ހަމަލާތައް ދީފައިވާ ކަމަށާއި މިހަމަލާތަކުގައި އެމްބަސީގެ މުވައްޒަފުންނަށް އަނިޔާ ވެފައިވާ ކަމަށެވެ.

އަދި މިއީ ޑިޕްލޮމެޓިކް މިޝަންތައް ހިމާޔަތްކުރާ ބައިނަލް އަގްވާމީ ހުރިހާ ފަރާތްތަކަށް ސައުދީން ދެމުންދާ ހަމަލާތަކެއްކަމަށް އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖާބިރު އަންޞާރީ ވިދާޅުވި އެވެ.

"މި ހަމަލާގެ ސަބަބުން އެމްބަސީ އަށާއި މުވައްޒަފުންނަށް ލިބުނު އަނިޔާގެ ޒިންމާ ސައުދީ ސަރުކާރުން ނަގަން ޖެހޭނެ،" އަންސާރީ ވިދާޅުވި އެވެ. އޭނާ ވަނީ މިއީ ގަސްތުގައި ދިން ހަމަލާތަކެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

އެހެން ނަމަވެސް މިކަމާއި ގުޅިގެން ސައުދީން އުފައްދާފައިވާ ލެޑް ކޯލިޝަންގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް އަހްމަދު އަސަރީ ވިދާޅުވީ އެމައްސަލަ އެފަރާތުން ތަހުގީގް ކުރާމެ ކަމަށާއި، އެ ކޯލިޝަނުން ރޭގެ ވަގުތުތަކެއްގައި ސަންއާގެ މަތިން، ޔަމަނުގައި ހަރަކާތްތެރިވާ ހޫތީންނަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވާނެ ކަމަށެވެ.

ސައުދީ އަާއި އިރާނާއި ދެމެދު އޮންނަ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައި ދެގައުމު "ދެ ހަތުރުންނަށް" ވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ސައުދީގައި އިރާނުގެ ޝީއީ ލީޑަރަކަށް މަރުގެ އަދަބު ދިނުމާއި ގުޅިގެންނެވެ.