އިލެކްޝަންސް ކޮމިޝަން

އެމްޑީޕީ ބަލިކޮށް އެމްއެންޕީން ވަންދޫގެ ގޮނޑި ކާމިޔާބުކޮށްފި

Jul 23, 2022

ތ. ވަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އެމްޑީޕީ ބަލިކޮށް އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާ މުހައްމަދު ގޮނޑި ކާމިޔާބުކޮށްފި އެވެ.

ވަންދޫގައި ބެހެއްޓި ވޯޓު ފޮށިން އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާ އަށް 114 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 85 ވޯޓެވެ. މާލޭގައި ބެހެއްޓި ވޯޓު ފޮށިން އެމްއެންޕީގެ ކެންޑިޑޭޓަށް 18 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ ހަތަރު ވޯޓެވެ.

އެމްއެންޕީގެ ކެންޑިޑޭޓް ހަދީޖާ އަށް ޖުމްލަ 132 ވޯޓު ލިބުނުއިރު އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 89 ވޯޓެވެ. އެހެންކަމުން އެމްއެންޕީން ގޮނޑި ކާމިޔާބުކޮށްފައިވަނީ 43 ވޯޓުގެ ތަފާތަކުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެންމެ ފަހުން ހިމަނާފައިވާ އެމްއެންޕީން މިފަހުން އަންނަނީ އިންތިހާބުތަކުގައި ރަނގަޅު ނަތީޖާ ތަކެއް ހޯދަމުންނެވެ.

އެގޮތުން މިމަހުގެ ދެވަނަ ދުވަހު ބޭއްވި ށ. ކޮމަންޑޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަންގެ ގޮނޑި ވެސް އެމްއެންޕީން ކާމިޔާބު ކުރީ އެންމެ ބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީއާއި ޕީޕީއެމް ބަލިކުރުމަށްފަހު އެވެ.

އެމްއެންޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެޕާޓީގެ ކެންޑިޑޭޓަކު ނެރުމަށްވެސް ނިންމާފަ އެވެ.

މިއަދު ބޭއްވި އައްޑޫ ސިޓީ ހިތަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ނާޒިމާ ވެސް ކާމިޔާބު ހޯދީ އެމްޑީޕީގެ ކެންޑިޑޭޓް ބަލިކުރުމަށްފަހު އެވެ.