ސ. ހިތަދޫ

ބާރަހާސް މީހުންގެ ވޯޓެއް، ވޯޓްލީ ހާހެއް

މިއަދު ކުރިއަށް ދިޔަ އައްޑޫ ސިޓީ ހިތަދޫ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވޯޓްލީ މީހުންގެ އަދަދު މަދުވުމުން އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު އޮތް އިންތިހާބުގައި 12099 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވިއެވެ. އެ މީހުން ވޯޓްލުމަށް 15 ވޯޓް ފޮށި ބެހެއްޓި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 12 ވޯޓް ފޮއްޓަކާއި މާލޭގައި ބެހެއްޓި ތިން ވޯޓް ފޮއްޓެކެވެ.

ނަމަވެސް މިއަދު އޮތް އިންތިހާބުގައި ވޯޓްލާން ނިކުމެފައިވަނީ ވަރަށް މަދު އަދަދެއްގެ ބައެކެވެ. އެއީ 1009 މީހުންނެވެ. މިއީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ 8.34 ޕަސެންޓެކެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވަނީ ވޯޓްލާ ނިކުތް މީހުން މަދުއިރު މިފަދަ ބައި އިލެކްޝަންތަކަށް ކުރަން ޖެހޭ ހޭދަ އާއި ހަރަދު ވަރަށް ބޮޑު ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ހަބީބު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ސ. ހިތަދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 12099 މީހުންގެ ތެރެއިން ވޯޓްލީ 1009 ކަމަށެވެ. މިފަދަ އިންތިހާބަށް އެތައް ލައްކަ ރުފިޔާ ހަރަދު ކުރުމަށް ވުރެ ބޮޑު އިސްރާފެއް ކޮބައިތޯ އޭނާ ސުވާލު ކުރެއްވިއެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮމިޝަނުން މިހާރުވެސް ވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ކޯރަމް ހަމަވާ އަދަދަށް މެންބަރުން ތިބި ނަމަ ގޮނޑިއެއް ހުސްވި ނަމަވެސް އިންތިހާބު ބާއްވަން ނުޖެހޭ ގޮތަށް ހެދުމަށް ހުށައަޅާފައެވެ.

މިއަދުގެ އިންތިހާބުގައި ވާދަކުރީ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް އެވެ. ޕީޕީއެމުން ފާތިމަތު ނަޒީހާ އަހުމަދުއެވެ. އެމްޑީޕީގެ ފަރާތުން އާމިނަތު ޝާހިދާއެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ވަނީ 567 ވޯޓް ހޯދާފައެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 426 ވޯޓެވެ. ނަޒީހާ ކުރި ހޯދީ 141 ވޯޓްގެ ތަފާތުންނެވެ.

ބާތިލް ވޯޓްގެ ގޮތުގައި 16 ވޯޓް ގުނާފައިވެއެވެ.