ޔުކްރޭން ގޮވާން ބޭރުކުރުމުގެ ކުރިން ފުރަތަމަ ކުރަން އޮތް މަސައްކަތަކީ ބަނދަރުތަކަށް އަޅާފައި ހުރި މައިންތައް ސާފުކުރުން ކަމަށް ބުނާ ބުނުމަކީ އެކަން އޮތް ގޮތް ނޫން ކަމަށް ތުރުކީން ބުނެފި އެވެ.
ތުރުކީގެ ދިފާއީ ވަޒީރު ހުލޫކީ އަކާޝް ވިދާޅުވި ގޮތުގައި ގޮވާން ބޯޓުތައް ކަޅުކަނޑަށް ނެރުމުގައި ތުރުކީ ވެސް ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ބޯޓްތަކަށް ދަތުރުކުރެވޭ ވަރަށް މަގުތައް ސާފުކުރުމުން މަރުހަލާތައް އަވަހަށް ފެށޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ޔުކްރޭންގައި ތާށިވެފައި ހުރި ގޮވާން ކޮންޓޭނަރުތައް އެ ގައުމުން ބޭރުކޮށް ބައިނަލްއަގްވާމީ މާކެޓަށް ސަޕްލައި ކުރުމަށް ރަޝިއާ އާއެކު ތުރުކީގައި ޔުކްރޭނުން ސޮއިކުރި އެއްބަސްވުމަށް ފަހު މަސައްކަތްތައް އޮތީ ފެށިފަ އެވެ.
ހުލޫކީ އަކާޝް ވިދާޅުވި ގޮތުން މި ވަގުތަށް ބޭނުން ނުވާ ވަރަށް މަސައްކަތްތައް ފުޅާކުރުމުގެ ބޭނުމެއް ނެތެވެ. ގޮވާން ބޯޓުތައް ދަތުރުކުރަން ފެށުމުން މައިން ސާފުކުރަން ފެށިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޔުކްރޭންގެ ބަނދަރުތަކުގައި މައިން ވަޅުލީ ޔުކްރޭން ސިފައިންނެވެ. އެއީ ރަޝިއާގެ ހަނގުރާމަމަތީ ބޯޓުތަކުން އެ ބަނދަރުތައް ހިފާފާނެ ކަމަށް ކުރިން ލަފާކުރެވިފައި އޮތުމުންނެވެ.
ތުރުކީ ބުނާ ގޮތުން ބަނދަރުތަކުން މައިން ސާފުކުރުމުގައި ތުރުކީގެ ތަޖުރިބާކާރުން އެހީތެރިވާނެ އެވެ. އަދި ތުރުކީގެ ޑައިވަރުން އަމަލީ ގޮތުން އެހީތެރިވާނެ އެވެ.
ރަޝިއާ އާއި ޔުކްރޭން ގޮވާން ބޭރުކުރަން އެއްބަސްވިތާ ގިނައިރުތަކެއް ނުވަނީސް ޔުކްރޭންގެ އޮޑިއްސާ ބަނދަރަށް ރަޝިއާއިން މިސައިލް ހަމަލާތަކެއް ވަނީ ދީފަ އެވެ. ރަޝިއާގެ މި އަމަލު މުޅި ދުނިޔެއިން ވަނީ ކުށްވެރި ކޮށްފަ އެވެ.
ރަޝިއާ ބުނާ ގޮތުން އެ ހަމަލާއާ ރަޝިއާއާ އެއްވެސް ގުޅުމެއް ނެތެވެ. އެއީ ކިހިނެއް ހިނގި ކަމެއްތޯ ބަލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.