ސްޓެލްކޯ

ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ފަށަނީ

Jul 24, 2022
1

ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ވިލިމާލޭގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ފަށަން މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ތާޖުއްދީން ސްކޫލް ހޯލުގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ ބޭއްވި ބައްދަލުވުމުގައި މިމަޝްރޫއު އިއުލާންކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ.

މިމަޝްރޫއުގެ އިތުރު ތަފްސީލްތައް މި ބައްދަލުވުމުގައި ޝަރީފް ހިއްސާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ހުޅުމާލޭގެ ދެވަނަ ފިިޔަވަހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހަދާފައިވާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ އަދަދު މިބައްދަލުވުމުގައި ޝަރީފް ވަނީ އިއުލާންކުރައްވާފަ އެވެ.

އެގޮތުން އެއް ކޮޓަރީގެ އެޕާޓްމަންޓަކަށް 5،622 ރުފިޔާއާއި މެއިންޓަނަންސް ފީ އަށް މަހަކު 1،000 ރުފިޔާ ނެގުމަށް ވަނީ ނިންމާފަ އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް މަހަކު 10،652 ރުފިޔާ އާއި މެއިންޓަނަންސް ފީ އަށް 1،300 ރުފިޔާ ނެގުމަށް ނިންމާފައިވެ އެވެ.

ހުޅުމާލެ އިން ސްޓެލްކޯގެ މުވައްޒަފުންނަށް ލިބިފައިވާ ފްލެޓްތަކުގައި ކުރިއަށް އޮތް އޮގަސްޓް މަހުގެ ހަވަނަ ދުވަހުން ފެށިގެން ދިރިއުޅެވޭނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ދެއްވާފައިވެ އެވެ. އަދި މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކުލި ނުނެގުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ހުުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރުގައި 360 އެޕާޓްމަންޓް ހެދުމަށް ސްޓެލްކޯ އިން ވަނީ 640 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެ ސަރަހައްދުގައި ސްވިމިން ޕޫލަކާއި ސްޓެލްކޯގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތަކުގެ ހިތްހަމަޖެހުމަށް ބައެއް ވަސީލަތްތައް ގާއިމުކުރުމަށް ހަރަދުކުރާ ފައިސާއާ އެކު ހުޅުމާލެ ފްލެޓްތަކަށް ކުންފުނިން 700 މިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ ކަމުގައި ޝަރީފް ވިދާޅުވި އެވެ.

"މިވަރުގެ އަދަދެއް ހަރަދުކުރީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދޭން. އެއީ ކުރިންވެސް ބުނިހެން ވަރަށް ފަހުރުވެރިކަމާއެކު ފާހަގަކުރަން ބޭނުންވާ ކަމެއް،" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯ އިން މުވައްޒަފުންނަށް ކޮށްދޭ މަސައްކަތްތައް ބަލައިގަނެ ރައްޔިތުން ބަލައިގަންނަ ފެންވަރުގައި ހިދުމަތް ދިނުމަށްވެސް މިބައްދަލުވުމުގައި ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.