ސްޓެލްކޯ

ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކޮށްފި

Aug 6, 2022
1

ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބުނު ގިނަ މުވައްޒަފުންނަށް މިއަދު ފްލެޓްތައް ހަވާލުކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ ފްލެޓްތައް ހަދާފައިވާ ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި 306 އެޕާޓްމަންޓް ވަނީ މުވައްޒަފުންނާ ހަވާލުކޮށްފަ އެވެ. ބާކީ 52 ފްލެޓް ހަވާލުނުކުރެވި ވަނީ ފްލެޓް ލިބުނު މުވައްޒަފުން ސްޓެލްކޯއާ އެކު ސޮއިކުރަން ޖެހޭ އެއްބަސްވުމުގައި އަދި ސޮއިކޮށްފައި ނުވާތީ އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ އެއްބަސްވުމުގައި ސޮއި ނުކޮށް ތިބި މުވައްޒަފުން އެންމެ ލަސްވެގެން ކުރިއަށް އޮތް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެއްބަސްވުމުގައި ސޮއި ކުރަންޖެހޭނެ ކަމަށެވެ.

"އޭގެ ފަހުން ދެން އެގްރިމެންޓްގައި ސޮއި ނުކުރާ މުވައްޒަފުންގެ ފްލެޓްތައް އެހެން މުވައްޒަފުންނަށް އަޅުގަނޑުމެން ދޫކޮށްލާނަން،" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯގެ މުވައްޒަފުން 18 އަހަރުން ފައިސާ ދައްކާ ހަލާސްކުރާ ގޮތަށް އެޕާޓްމަންޓްތަކުގެ ކުލި ދައްކަންޖެހެނީ ސްޓެލްކޯ އަށެވެ. އެގޮތަށް ހެދީ ބެންކް ނިޒާމުގެ ތެރެއިން އެޕާޓްމަންޓްގެ ފައިސާ ދައްކާ ގޮތަށް ހެދިނަމަ ބޭންކްގެ ބައެއް ޝަރުތުތައް ހުންނަ ގޮތުން އެޕާޓްމަންޓް ލިބުނު މުވައްޒަފުންގެ ތެރެއިން 203 މުވައްޒަފަކަށް އެޕާޓްމަންޓް ނުލިބުމުގެ ފުރުސަތު އޮތުމުން ޝަރީފް ވިދާޅުވި އެވެ. އެހެންވެ ބޭންކަށް ދައްކަންޖެހޭ ލޯންގެ ބައި ސްޓެލްކޯއިން ކަވަރުކޮށް އެ ފައިސާ ކުންފުންޏަށް ދައްކާ ގޮތަށް ހެދުމުން މުވައްޒަފުން އެޕާޓްމަންޓަށް ދައްކަންޖެހޭ ޖުމްލަ އަދަދު ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ސިންގަލް ބެޑްރޫމް އެޕާޓްމަންޓެއް ނަމަ ބޭންކަށް ދައްކަން ޖެހޭނެ 5.8 މިލިއަން ރުފިޔާ. އެކަމަކު މިހާރު މިއިން ގޮތުން ސްޓެލްކޯއަށް ކޮންމެ މަހެއްގައި ދައްކަން މިހާރު ކަނޑައަޅާ އަދަދުން 2.1 މިލިއަން ކޮންމެ އަހަރަކު ދައްކާނެ. 3.7 މިލިއަން ރުފިޔާގެ ސޭވިން އެއް އެއީ. ދެ ކޮޓަރީގެ އެޕާޓްމަންޓަށް ބަލާނަމަ ބޭންކު ލޯނަކަށް ގޮސްގެން 12 ޕަސަންޓާއެކު 10.6 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ. ސްޓެލްކޯއިން އެވަނީ 3.8 މިލިއަން ރުފިޔާ ދައްކާފައި. 6.9 މިލިއަން ރުފިޔާގެ ސޭވިން އެއް މި،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދިޔައީ މުވައްޒަފުންނަށް ފަސޭހަކޮށްދޭން ކަމަށްވާތީ އެއްވެސް މައްސަލައެއް ޖެހިގެން އެއްވެސް މުވައްޒަފެއްގެ އަތުން އެޕާޓްމަންޓް ނަގަން ނުޖެހޭނެ ގޮތަކަށް ކަންކަން ކޮށްދިނުމަށް އެދޭ ކަމަށެވެ. އެއްވެސް އެޕާޓްމަންޓްމަންޓަކަށް ދައްކަންޖެހޭ ކުލި ޖެހިޖެހިގެން ތިން މަސް ވަންދެން ނުލިބިއްޖެނަމަ އެ އެޕާޓްމަންޓް އަތުލާނެ ކަމަށްވެސް ވިދާޅުވި އެވެ. އެގޮތަށް އަމަލުކުރަންޖެހެނީ ހުރިހާ މުވައްޒަފުންނާ މެދު ވެސް އެއް އުސޫލަކުން އަމަލުކުރަންޖެހޭތީ މުވައްޒަފުންގެ ހައްގުގައި ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯ އިން މުވައްޒަފުންނަށް ހޯދައިދިން ފްލެޓްތަކުގެ ބަދަލުގައި ކުންފުނިން ހަމައެކަނި ބޭނުންވާ ކަމަކީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތް އިހްލާސްތެރިކަމާ އެކު ފޯރުކޮށްދިނުން ކަމަށެވެ.

ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލު ކޮށްގެން ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް އެޅުމަށް 696 މިލިއަން ރުފިޔާ ވަރު ސްޓެލްކޯ އިން ހަރަދުކޮށްފައިވެ އެވެ. ނަމަވެސް މުވައްޒަފުންގެ އަތުން ނެގުމަށް ސްޓެލްކޯ އިން ނިންމާފައިވަނީ ޖުމުލަ 623 މިލިއަން ރުފިޔާ އެވެ. މުވައްޒަފުންގެ އަތުން ނަގަން ނިންމާފައިވާ ފްލެޓްތަކުގެ 20 ޕަސެންޓުގެ ގޮތުގައި މިހާތަނަށް 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން މިހާރުވެސް ވަނީ ނަގާފަ އެވެ.