ބޭންކް އޮފް މޯލްޑިވްސް

ހިންގުމުގެ ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ

Jul 24, 2022
2

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 592 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ބީއެމްއެލްގެ މާލީ ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ 592 މިލިއަން ރުފިޔާ އަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 19 ޕަސަންޓް އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ވަނީ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ މިންވަރަށް ވުރެ މަތީގައި ހިފަހައްޓާފަ އެވެ.

ބީއެމްއެލްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު މި ކުއާޓަރުގައި ބީއެމްއެލް އިން ވަނީ ރަނގަޅު މާލީ ނަތީޖާއެއް ހޯދާފަ އެވެ. ހިންގުމުގެ ފައިދާ ވެސް އިތުރުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި ރަނގަޅުވަމުން އަންނަ އެސެޓް ކުއަލިޓީއާ ގުޅިގެންނެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ޑިޖިޓަލް ވޮލެޓް ބީއެމްއެލް ޕޭ ގެ ހިދުމަތް ތައާރަފްކޮށްފައިވެ އެވެ. މި ހިދުމަތާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އަދި ވޮލެޓް-ޓު-ވޮލެޓް ޓްރާންސްފާގެ ހިދުމަތް، މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސާފައިވެ އެވެ.

ބޭންކުގެ ޑިޖިޓަލް ސްޓްރެޓެޖީ އިތުރަށް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން، ބޭންކުން މާސްޓާ ކާޑު އަދި އެމްޓީސީސީއާ ގުޅިގެން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ފުރަތަމަ ފަހަރަށް އޯޕަން ލޫޕް ޓްރާންސިޓް ކާޑުގެ ހިދުމަތް ތައާރަފް ކުރަންވެސް ނިންމާފައިވެ އެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގާފައިވެ އެވެ. އެގޮތުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިއްމު ބަދަލުތައް ގެނެއުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް "ކައިންޑްލީ" އިފްތިތާހުކުރުމާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގުސަދުގައި "ބީއެމްއެލް ފެހި ޕްރޮޖެކްޓް" އިފްތިތާހުކޮށްފައިވެ އެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބޭންކުގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، ބޭންކުގެ ކުރިމަގާ މެދު އުއްމީދު ބޮޑު ކަމަށެވެ.

"ބޭންކު މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓްރެޓެޖީގެ މުހިއްމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިން ހިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތް ކުރަމުން ދާނަން." އައިޝަތު ނޫރައްދީން ވިދާޅުވެފައިވެ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސާވިސް ބޭންކިން ސެންޓަރާއި، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބޭންކުން ބުނެ އެވެ.