ވާހަކަ

އިޙްސާސްވޭ

( 21 ޖުލައި 2022 އާ ގުޅޭ )

"ހުވަފެނެއްތަ މީ." މާޔަލް ސުވާލު އުފެދުނެވެ. އެހިނދު ކުއްލިއަކަށް ފުރަގަސްދީގެން ހުރި ޒުވާނާ އެނބުރިލައިފިއެވެ. މޭޖެހުނު ގޮތަށް މާޔަލްއަށް ހަޅޭލަވައިގަނެވުނެވެ. ލެއިންފޯވެފައި ހުރީ އައިރިކްއެވެ. ބިރުވެރި ސިފައެއްގައެވެ. އޭނާގެ ދެ ލޮލެއް ނެތެވެ. ދުއްވައިގަންނަން މާޔަލް އުޅުމުން އައިރިކް ހިފީ އޭނާގެ އަތުގައެވެ.

"އެއްވެސް ތަނެއް ނުފެނޭ. މާޔާ... އަހަންނަށް އެއްވެސް ތަނެއް ނުފެންނަނީ ކީއްވެތަ!. މާޔާ ދަނީތަ!. އަހަރެން މިހާލަށް ދޫކޮށްލާފަ ދަނީތަ!." މާޔަލްގެ އަތުން ދޫކޮށްނުލާން އައިރިކް މަސައްކަތް ކުރަނީއެވެ. އެހެންވިޔަސް މާޔަލް ހުރީ ބިރުގެންފައެވެ.

"ރިއަލްއެއްނޫން... މީ ހުވަފަނެއް... ހޭލަން ބޭނުމީ..." އައިރިކްގެ އަތް ނައްޓުވާލަން ތެޅިފޮޅެމުން މާޔަލް ތަކުރާރުކޮށް ކިޔަމުންދިޔައެވެ.

ކުއްލިއަކަށް ދެ ލޯ ހުޅުވާލެވުނު ގޮތަށް މާޔަލް ފުންމައިގެން ތެދުވީއެވެ. ހޭލެވުނީތޯ ޔަގީން ނުވެފައި ހުރުމުން ވަށައިގެން މާޔަލް ނަޒަރު ހިންގާލިއެވެ. ހުރެވުނީ އޭނާގެ ނިދާކޮޓަރީގަކަން އެނގުމުން އަވަސްއަވަހަށް ބޮކި ދިއްލާލިއެވެ. މުޅި ކޮޓަރި އަލިވެގެން ދިޔައެވެ. ދެން ވެސް މާޔަލް ކޮޓަރިތެރެއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. މަޑުމަޑުން ކަނާއަތް ގެނެސް މޭގައި ފިރުމާލިއެވެ. ނޭވާ އަވަސްވެފައިވާއިރު އޭނާގެ ހިތް މޭފަޅާ ނުކުންނަން މަސައްކަތް ކުރާ ފަދައެވެ. އަދިވެސް އޭނާއަށް އައިރިކްގެ ބިރުވެރި ސޫރަ ފެންނަ ކަހަލައެވެ. މާޔަލް އައިސް އެނދުގެ އަރިމަތީ ކިރިޔާ ފޫޖައްސާލިއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް އޭނާ ކިޔެވެ. އަލުން އޮށޯންނާކަށް ނުކުރުނެވެ. ޗާޖަށް ޖަހާފައި އޮތް ފޯނު ނަގައި ގަޑިން ވީއިރެއް އޭނާ ބެލިއެވެ. ދަންވަރު ތިނެއް ޖަހަން އުޅެނީއެވެ. މާޔަލް ކޮޓަރިން ނުކުމެ ބަދިގެއަށް އައެވެ. ފިނިފެންތަށްޓެއް ހިފައިގެން އޭނާ ކާމޭޒުދޮށުގައި އިށީނެވެ. އޭސީގެ ފިނީގައި ވެސް އޭނާއަށް ހޭލެވުނުއިރު ހުރީ މީހާ ދާހިއްލާ ފޯވެފައެވެ. ފިނިފެންފޮދަކުން އެ ހޫނުކަން ފިނިކޮށްލުމަށް މާޔަލް ގަސްދުކުރީއެވެ. ނަފްސު ހަމައަކަށް އެޅުވުމަށެވެ.

"އައިރިކް..." މާޔަލްގެ ހިތުގެ ތެރެއިން އާޙެއް ފަދައިން އެ ނަން ކިޔާލިއެވެ.

ކޮޓަރީގައި އެކަނި އޮންނާކަށް މާޔަލްއަށް ނުކެރުނެވެ. އޭނާ އައިސް ވަނީ ކޮއްކޮގެ ކޮޓަރިއަށެވެ. މަލަކްގެ ކޮނޑުގައި މާޔަލް ކޮއްޓާލިއެވެ. މަޑުމަޑުން މަލަކްއަށް ގޮވާލިއެވެ.

"ކުޑޫ...ކިހިނެއްވީ. ބޮލަށް ތަދުވަނީތަ." މާޔަލް ފެނުމުން އެއް އަތުން މަލަކް ލޯ އުނގުޅަމުން ތެދުވިއެވެ. މާޔަލްއަށް ކަމެއްނުވެ އެ ކޮޓަރިއަށް ނާންނާނޭކަން މަލަކްއަށް އެނގެއެވެ. ފަނޑުއަލިކަމުގެ ތެރޭ މާޔަލްގެ މޫނުގައިވި އަސަރުތައް މަލަކްއަށް ސާފެއްނުވެއެވެ.

"ކުޑޫއަށް ބިރުވެރި ހުވަފެނެއް ފެނުނީ. މަލް ކައިރީ އޮވެލިޔަސް އޯކޭތަ." މާޔަލް ބުނެލިއެވެ.

"އިޓްސް އޯކޭ... ޔޫ ވިލް ބީ އޯކޭ... އަވަހަށް އަރާ." މުޅި އެނދުގައި ފެތުރި އޮންނަ މަލަކް އަވަހަށް ބާލީސްތައް އެއްފަރާތްކޮށް ރަޖާ ހިއްލާލަމުން އެނދުން ތަން ދައްކައިފިއެވެ. އަދި މާޔަލް އޮށޯވެލުމުން ރަޖާ ރަނގަޅުކޮށްލާފައި ފުރަގަހުން އައިސް މަލަކް ބައްދާލައިފިއެވެ. ބިރުވެރި ހުވަފެނެއް ދެން ނުފެންނާނެއޭ މަލަކް ބުންޏެވެ. މާޔަލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޮވެވުނީ އެކަނިނޫންކަން އެނގޭތީއެވެ. އައިރިކްގެ ބިރުވެރި ސޫރަ އަލުން ދުށުމަށް އޭނާއަށް ކެތެއްނުކުރެވޭނެއެވެ.

ފުން ނިދީގެ ތެރެއަށް މަލަކް ގެނބިގެން ހިނގައްޖެކަން މާޔަލްއަށް ބުނެދީ އެކުއްޖާގެ ހަރަކާތްތަކެވެ. އަނެއްފަރާތަށް އެނބުރި ބާލީހުގައި މަލަކް ބައްދާލައިގެން އޮތެވެ. ނިދަން އުޅެއުޅެ މާޔަލްއަށް ނިދޭ ގޮތެއް ނުވިއެވެ. މީހާ ހަމައަކަށް އެޅިފައި ވިޔަސް ފެނުނު ހުވަފެން ހަނދާން ނައްތާލެވޭ ގޮތެއް އޭނާއަށް ނުވީއެވެ. އެ ހުވަން އައިރިކްއާ މެދު ވިސްނަން އޭނާއަށް މަޖުބޫރު ކުރަނީއެވެ.

"އައިރިކްއަށް އަހަރެންމީ ކާކުކަން އެނގުނީމަ ވާނީ ކިހިނެއް؟. ކުޑަ ދުވަސްކޮޅެއް އަދިވީ. އެކަމަކު އަހަރެމެން ވަރަށް ކްލޯޒްވެއްޖެހެން ފީލްވަނީ. އައިރިކް ހުއްޓުވަންޖެހޭ ކިތަންމެ ފަހަރަކު އަހަރެން ފަސްޖެހެންވީ ސަބަބެއް ނޭނގޭ. އައިރިކްއާ މެދު ޝައުގުވެރިވެވެނީ... ގަސްދަކާނުލާ... އެކަމުގައި އަހަރެންގެ އިޚްތިޔާރެއް ވެސް ނެތްކަހަލަ. ކީއްވެ؟... އެހެންވެގެން ނުވާނެ. ގޯހެއް އެއީ. މިހާރު އަދިއަމުދުން އަހަރެން ސަމާލުވާން ޖެހޭނެ... އެކަމަކު..." މާޔަލްއަށް އަމިއްލަ ހިތާ ވާހަކަދެއްކުނެވެ. އައިރިކްއާ ގާތްކަން އުފެދެމުންދާއިރު އެ ގާތްކަން އެހެން މިސްރާބެއް ޚިޔާރުކޮށްފާނެކަމުގެ ބިރު މާޔަލްގެ ހިތުގައި އެބައޮތެވެ. އޭނާ ގެއަށް އައީސުރެ ވިސްނަމުންދިޔައީ އައިރިކްއާ ދެމެދު ހިނގައިދިޔަ ކަންތައްތަކެވެ. އިވާން ނޫން ފިރިހެނަކަށް އޭނާއާ އެހާ ގާތުގައި ހުރުމަށް ފުރުޞަތުދީފައި ނުވާއިރު އައިރިކްގެ ގާތްކަމުން އޭނާއަށް އުނދަގޫ ނުވީތީ ހައިރާންވެއެވެ. އެއަށްވުރެ ބޮޑަށް އޭނާ އަޖައިބުވީ އިޙްސާސްތައް ހިފަހައްޓަން އުނދަގޫވީމައެވެ. އިވާންގެ ކުރިމަތީ ސާފުކޮށް އިންކާރުކުރެވުނަސް އައިރިކްގެ ކުރިމަތީ އޭނާ ޖެހިލުންވީ މާބޮޑަށެވެ. ވިސްނަން މަޖުބޫރުކުރުވީ ވެސް އެ އިޙްސާސްތަކެވެ. ކުރީން ހިލަންވެފައިނުވާ އައު ޖަޒުބާތަކާއެކު މުޅީން އައު އިޙްސާސެއް ހިތުގައި އުފަންވީ ފަދައެވެ.

"އަހަރެންގެ ނަފްސުގެ މައްޗަށް ބާރުފޯރުވަން ޖެހޭނެ. މިގޮތަށް ބެހިގެންދިއުން ރަނގަޅެއްނޫން. އައިރިކް އެވަނީ ބޮޑު އޮޅުންގަނޑެއްގެ ތެރޭ... ހަޤީޤަތް އެނގިހުރެ އައިރިކް ދުވަހަކުވެސް އަހަރެންގެ އެހީތެރިކަން ޤަބޫލެއްނުކުރާނެ. އޭނާ އަހަންނަށް ނަފުރަތުކުރާނެ. މިވީ ދުވަސްތަކުގައި އަހަރެމެން ދެމެދުގައި އުފެދުނު ގާތްކަމެއްގެ ސަބަބުން އަހަންނަށް އެކަން ހަނދާންނައްތާލެވުނީ. އައިރިކްގެ ލޮލުގެ ފެނުން ގެއްލުވާލި މީހަކީ އަހަރެން. އެހެންވެ ފެނުނު ހުވަފެނެއް އެއީ... އަހަންނަށް އަހަރެން ކުރި ކުށް ހަނދާންކޮށްދޭން. އަހަރެމެން ދެމެދުގައި އެކުވެރިކަމަށް ވެސް ފުރުޞަތެއްނެތް. އަހަރެން ވާނީ އައިރިކްގެ ހަޔާތަށް އައި ކުޑަ ދުވަސްކޮޅެއްގެ މެހެމާނަކަށް. އެއަށްފަހު އަހަރެމެންގެ މިސްރާބު ދެކަފިވެ އެމީހެއްގެ ރާސްތާ އެމީހަކު ޚިޔާރުކުރާން ޖެހޭނެ. އެހިސާބުން އަހަރެން ވެސް އިވާންގެ މީހަކަށް އެކީވާނެ. އައިރިކްގެ ދިރިއުޅުމުގެ ތެރެއަށް މިގޮތަށް ވަނުމުގެ ހައްޤެއް އަހަންނަކަށްނެތް. ބޭކާރު އިޙްސާސްތަކަކަށް ފުރުޞަތު ދީގެންނުވާނެ..." ޚިޔާލުތަކަށް ގެއްލި އޮވެ އަމިއްލައަށް މާޔަލް ނިންމުންތައް ނިންމިއެވެ.

* * * * *

"ޝަބްނަމް. ޝަބަނަމް..." ފަޒްނާގެ އަޑުގައި ކެތްތެރިކަމެއް ނެތެވެ.

"ރިކް ކީއްކުރީ؟." ބޮޑުކަމެއް ހިނގިއްޔޭ ޝަބްނަމްގެ ހިތަށް އެރިއެވެ. އަދި ގޭތެރޭގައި އެހާ ހެނދުނާ ކަމެއް ހިންގާލާނީ އައިރިކްކަން ޝަބްނަމަށް އެނގެއެވެ.

"ދަރިފުޅު ދުށުމަށް ނިކަން އަވަހަށް އެ ކޮޓަރިއަށް ދޭބަލަ. މިގޭތެރެއަށް ރޯޝަނީކަން އެނބުރި އަތުވެއްޖެ. އިސާކުއާ ދެމަފިރިން އަވަހަށް ދޭބަލަ. އަޅުގަނޑަށް ފެނުނީ ހަޤީޤަތެއްބާއޭ ވެސް ހިތަށް އަރާ." ފަޒްނާގެ ފުޅާ ހިނިތުންވުން ޝަބްނަމް ހައިރާން ކުރުވައިފިއެވެ. ފޯނުކޯލެއްގައި ހުރި އިސާކަށް އޭގެ ދެ އަންހެނުން ދައްކާ ވާހަކައެއް ނީވެއެވެ.

"ފަޒްނާ. ރިކް ކީއްކުރީ." ޝަބްނަމް ހިނގައިގަންނަމުން އަހާލިއެވެ.

"ޝަބްނަމަށް ފެނުނީމަ އެނގޭނެ." ހިނިތުންވުމާއެކު ފަޒްނާ ބުންޏެވެ.

ޝަބްނަމްގެ ކޮނޑުގައި އޭނާ އަތްޖައްސާލި ގޮތުން ހީވީ އަވަހަށް ބާރަށް ދާށޭ އިޝާރާތްކުރީ ހެންނެވެ. އަޖައިބުވެފައި ހުރެމެ ޝަބްނަމް ހިނގުން އަވަސްކޮށްލިއެވެ. އައިރިކް ހުންނަ ބަޔަށް އޭނާ އައިސް ވަނެވެ.

"ބޭރުގައި ކަންނޭނގެ." އައިރިކް ފެންނަން ނެތުމުން ފަޒްނާ ނިކަން އަވަހަށް ބުނެލިއެވެ.

ދެ އަންހެނުން ހަލުވިކޮށް މަސްފެންގަނޑާ ދިމާއަށް ނުކުތެވެ. ޝަބްނަމްގެ ފިޔަވަޅު ހުއްޓިއްޖެއެވެ. އިޚްތިޔާރަކާއި ނުލާ އޭނާގެ ތުންފަތް ދެމިލައިފިއެވެ. ދަރިފުޅާ ދިމާއަށް ބެލިވަރަކަށް ޝަބްނަމްގެ ދެ ލޯ ފުރެމުން އައެވެ. ފަޒްނާއާއި ޝަބްނަމްއަށް އެކަކުއަނެކަކަށް ބަލާލެވުނެވެ. ދެ އަންހެނުންގެ ހިނިތުންވުން ފުންވެގެން ދިޔައިރު އުފަލުން ގޮސް އެކަކުއަނެކަކުގެ އަތުގައި އެމީހުންނަށް ހިފާލެވުނެވެ. ޝަބްނަމްގެ އަތަށް ދަމާލަމުން ފަޒްނާ ބޮލުން އިޝާރާތްކުރިއެވެ. މަޑުނުކޮށް އައިރިކްގެ ގާތަށް ދާށޭ ޝަބްނަމްއަށް އިޝާރާތްކުރަނީއެވެ.

"ރިކް... ގުޑްމޯނިން ދަރިފުޅު." ހަރުފަތްތަކުން ފައިބައިގެން އައިސް އައިރިކް އިން ގޮނޑީގެ ކައިރީ މަޑުކޮށްލުމާއެކު ޝަބްނަމް ބުނެލިއެވެ. އެ އަޑުގައިވާ އުފާވެރިކަން ސިއްރެއް ނުވެއެވެ. އައިރިކްގެ ދެ ލޮލަށް ނުފެނުނަސް އޭނާއަށް މަންމަގެ ހިނިތުންވުން ހިތަށް ތަސައްވުރު ކުރެވެއެވެ.

"ގުޑްމޯނިން މަންމާ." އައިރިކް ބުންޏެވެ.

"މާޝާﷲ... ތީއޭ ދަރިފުޅު ހުންނަންވީ ގޮތަކީ. އަވަހަށް ހިނގާ ސައިބޯން." ޝަބްނަމް ކުރިޔަށް ޖެހިލައި އައިރިކްގެ އަތުގައި ހިފާލިއެވެ.

"މަންމާ. މާޔާ ނާދޭތަ؟. އައިތަން އަތުވެއްޖެތަ؟." އައިރިކް އަހާލިއެވެ. އެހެންޏާ މާޔާ އަންނައިރަށްވުރެ މިއަދު ލަސްވެއްޖެކަން އައިރިކްއަށް އެނގެއެވެ.

"އަދި ނާދޭ. އެކަމަކު މިހާރު އަންނަން އުޅޭނެ. އެންމެން އައީމަ ދޯ ސައިބޯނީ." ޝަބްނަމް ބުންޏެވެ. އޭނާ އައިރިކް އިށީނދެ އިން ދެ މީހުންގެ ޖާގަ ހުރި ގޮނޑީގައި ދަރިފުޅާ ޖެހިގެން އިށީނދެއްޖެއެވެ.

ފަޒްނާއާއެކު ޝަބްނަމް ކާކޮޓަރި ތެރެއިން ނުކުމެގެން ދިޔަތަން އިސާކު ދުށްޓެވެ. ފޯނުކޯލު ނިމުމުން އޭނާ އައިރިކްގެ ކޮޓަރިއާ ދިމާއަށް އައީ އެ ދެ އަންހެނުން އައީ އެބަޔަކަން ލަފާކޮށްފައެވެ. އެތެރެއަށް އިސާކު ވަނުމާއެކު ބިއްދޮށަށް ނުކުމެވެގެން ހުރި ދޮރު ކައިރީ ސަރައްކާލީގައި ފަޒްނާ ހުރިތަން ފެނިއްޖެއެވެ. އޭނާގެ ހިތް ވެސް ފުރަތަމަ ބުނެލީ އައިރިކް ރުޅި ހަދާލައިގެން އުޅެނީ ކަމަށެވެ. އެކަމަކު އައިރިކް ފެނުމާއެކު އޭނާއަށް ވެސް ވީ ޝަބްނަމްއަށް ވީވަރެވެ. ހުއްޓުން އަރާފައި ވަގުތުކޮޅަކަށް ހުރެވުނީއެވެ. ލޮލަށް މިފެންނަނީ ހަޤީޤަތެއްބާއޭ ސުވާލު އުފެދިފައެވެ. އިސާކުގެ ތުންފަތަށް ވެސް ވެރިވީ ޝަބްނަމްގެ ތުންފަތަށް ވެރިވީ ފަދަ އުފާވެރިކަމުގެ ފުޅާ ހިނިތުންވުމެކެވެ. އޭނާއަށް ވެސް ދަރިފުޅާ ދުރަކު ނުހުރެވުނެވެ.

ހިތް އަވަސްވެފައި އައިރިކް ވަގުތު ގުނަމުން ދިޔައީ މާޔާ އަންނާނެ އިރަކަށެވެ. މިއަދު އޭނާ ލަސްވަނީ ކީއްވެބާއޭ އައިރިކް ހިތާ ސުވާލުކުރިއެވެ. އޭނާ އިންތިޒާރު ކުރާކަން މާޔާއަށް އެނގެނީބާއެވެ. އޭނާ އެ އިނީ މާޔާއާ ބައްދަލުކުރާން ބޭނުންވެފައެވެ. އޭނާ ފެނުމުން މާޔާ ބުނާނީ ކީކޭބާއެވެ. އޭނާ ރީއްޗޭ ބުނާނެބާއެވެ. އޭނާގެ ޒުވާންކަމަށް މާޔާ ތާރީފުކޮށްފާނެބާއެވެ. މާޔާއަށް ކަމުދާން އައިރިކްގެ ހިތް އެދެއެވެ. އޭނާގެ ކައިރީ މަންމައާއި ބައްޕަ ތިބެ ދައްކާ ވާހަކައަށް ސަމާލުކަން ކުޑަވެފައި ވިއެވެ. އައިރިކްގެ ހިތާއި ސިކުނޑި ފުރިބާރުވެފައިވަނީ މާޔާގެ ޚިޔާލުތަކުންނެވެ. ހެނދުނުވާނޭ ވަގުތަކަށް އޭނާ މިހާ އިންތިޒާރު ކުރި ދުވަހެއް ނާދެއެވެ. ބަޔަކު އަންނަކަމުގެ ހިލަން އައިރިކްއަށް ވުމާއެކު އެ އަޑަށް އޭނާ ސަމާލުވެލިއެވެ. މާޔާގެ ހިނގުމުގައި އަރާފައި ހުންނަ ބޫޓުގެ ސަބަބުން ގަދަ އަޑެއް ނުކިޔަސް އެ އިވޭ މަޑުމަޑު އަޑުން ވެސް އައިރިކް ކުޅަދާނަކަމާއެކު ވަކިކުރެއެވެ. ހަމައެއާއެކު އޭނާގެ ކޮއްކޮގެ ހިނގުމަކީ އޮޅޭނޭ ހިނގުމެއްނޫނެވެ. އެ އަންނަނީ އައިތަންއާއި މާޔާކަން އެނގުމާއެކު އައިރިކް ތެދުވިއެވެ. ދަރިފުޅާއެކު ޝަބްނަމް ވެސް ތެދުވީއެވެ.

"ފަޒްނާ... މޭޒުމަތި ތައްޔާރުތޯ ބަލާލަބަލަ. އެންމެން ހަމަވީނު." ޝަބްނަމް ބުންޏެވެ.

"ދޮންބޭ." ޤަބޫލުނުކުރެވިފައި އައިތަންއަށް ގޮވާލެވުނެވެ. ހަމައެއާއެކު މަންމައާއި ބައްޕަ އެބައިގަ ތިބީ ކީއްވެކަން ނަގައިގަންނަން އައިތަންއަށް އެނގިއްޖެއެވެ.

"މިއަދު އެންމެން އެއްކޮށް ސައިބޯނީ." ޝަބްނަމް ބުންޏެވެ.

މަންމަގެ ނިންމުމާ އައިރިކް ދެކޮޅެއް ނުވިއެވެ. އައިތަންގެ ކައިރިއަށް އައިރިކް އަންނަން ބޭނުންވިއެވެ. މާޔާ ހުރީ އައިތަންގެ ކައިރީގަކަން އެނގޭތީއެވެ. އެހެންވިޔަސް އިސާކުގެ ވާހަކަތަކުން ބައްޕަ ކައިރިން ދުރަށް ފިޔަވަޅެއް އަޅާނޭ ފުރުޞަތެއް އައިރިކްއަށް ނުލިބުނެވެ. އެންމެން އެކުގައި އައިސް ކާކޮޓަރިއަށް ވަނެވެ. ކާމޭޒެދޮށުގައި އިށީންނަންވުމުން ނޭނގޭ ޖެހިލުންވުމެއް އައިރިކްގެ ހިތަށް ވެރިވެގެން އައެވެ.

"މާޔާ." ކުއްލިއަކަށް އައިރިކް ގޮވާލިއެވެ. އޭނާއަށް އަތް ވެސް ދިއްކޮށްލެވުނީއެވެ. ޝަބްނަމްއާއި އިސާކުގެ އިތުރުން އައިތަން ވެސް ހައިރާންކޮށްލި ޢަމަލަކަށް އެކަންވިއެވެ.

"އައި އޭމް ހިއާ..." މާޔަލް ހަލުވިކޮށް އައިސް އައިރިކްގެ އަތުގައި ހިފައިފިއެވެ. އޭނާ މޭޒުދޮށުން ގޮނޑީގައި އައިރިކްގެ އަތް ގެނެސް ޖެއްސިއެވެ. ކޮންމެ މީހަކު މާޔަލްގެ ހަރަކާތްތަކަށް ބަލަމުންދިޔައެވެ. އޭނާ އައިރިކްއަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތެވެ. އަދި އައިރިކް އެކަން ބަލައިގަންނަލެއް ފަސޭހަކަމެވެ. އާދަވެފައި ހުރި ފަދައަކުން އައިރިކް އިށީނުމާއެކު މޭޒުމަތީ ކާންހުރި ބާވަތްތައް މާޔަލް ކިޔާދޭން ފެށިއެވެ. ކޯއްޗެއްތޯ ދޭންވީ އެއްސެވެ. ތަށިތައް ކައިރިކޮށްދިނުމާއި އައިރިކްގެ އަތް އެއާ ހަމައަށް ގެނެސްދީ މާޔަލް ހެދިއެވެ.

ޝަބްނަމްގެ ތުންފަތުގައިވީ ހިނިތުންވުން ފަނޑުނުވެއެވެ. އައިރިކް ހެނދުނުގެ ނާސްތާ ރަނގަޅަށް ކުރާކަން ފަޒްނާގެ ފަރާތުން ޝަބްނަމްއަށް އޮތީ އެނގިފައެވެ. މިއަދު އެއީ ކީއްވެކަން ވެސް ޝަބްނަމްއަށް ފެނިއްޖެއެވެ. އޭނާ އެންމެ ހައިރާންވަނީ އެއްވެސް މީހެއްގެ އެހީތެރިކަން ޤަބޫލުނުކޮށްފައި މާޔަލްގެ އެހީތެރިކަން އައިރިކް ބަލައިގެންފައިވާތަން ފެނިއެވެ. އެ އަންހެންކުއްޖާ އޭނާގެ ދަރިފުޅަށް ހެދީ ކޮންކަހަލަ ޖާދޫއެއްބާއޭ ޝަބްނަމްގެ ހިތަށް އެރިއެވެ. ކޮންމެގޮތެއް ވިޔަސް މާޔަލް ފިސާރި ކުޅަދާނައޭ ޝަބްނަމްގެ ހިތް ބުންޏެވެ. އައިރިކްގެ ހަރުކަށިކަމާއި ރުޅިގަދަކަން އިންތިހާއަށް ގޮސްފައިވަނިކޮށް އެކުއްޖާ ކިޔަމަން ކުރުވައިފިއެވެ. ޝަބްނަމްގެ ސިކުނޑިއަށް ކުއްލިއަކަށް ޝަހާގެ ޚިޔާލު ވެރިވިއެވެ. އެކުއްޖާ އިއްޔެ އެގެއަށް އައިސް ދެއްކި ވާހަކަތަކުން އައިރިކްއާއެކު މާޔާ އުޅުން އެހާ ރަނގަޅު ޚިޔާލެއްކަމުގައި ނުވިއެވެ. މާޔާ ފަދައިން އައިރިކްއަށް އެހީވާން ޝަހާ ބޭނުންވާކަން ވެސް ޝަބްނަމް ގާތުގައި ބުންޏެވެ. އައިރިކްއަށް ޓަކައި އެކުއްޖާ ހުރީ ކޮންމެކަމެއް ވެސް ކުރާން ތައްޔާރަށެވެ. އެކަމަކު މިއަދު އައިރިކްއަށް އެހީވަމުން މާޔަލް ދިޔަ ގޮތް ފެނުމުން ޝަބްނަމްއަށް ޚާއްޞަކަމެއް މާޔަލްގެ ފުށުން ފާހަގަވެއްޖެއެވެ. ޝަހާއާއި މާޔަލްގެ ފާޑުވެރިކަން ތަފާތުވެފައި ބޮޑު ފަރަގެއް ހުރިކަން ޝަބްނަމްގެ ހިތް ބުނީ ކީއްވެކަމެއް ނޭނގެއެވެ. ޔަގީނުން ވެސް ދަރިފުޅަށް އަންނަ ބަދަލުތަކުން މާޔަލްއަށް ޝުކުރު އަދާކުރުން ހައްޤެވެ. އައިރިކްގެ ހެޔޮ ބަދަލުތަކުން ޝަބްނަމްއަށް ހަމަޖެހުން ލިބިއްޖެއެވެ. ވީއިރު މާޔަލްއާ މެދު ކުރާނޭ ޝަކުވާއެއް އޭނާގެ ނެތެވެ.

ހެނދުނުގެ ނާސްތާ ނިންމާލުމާއެކު އޮފީހުގެ ވާހަކަތަކުގައި ބައްޕައާއި އައިތަންއާއެކު ބޮޑުކޮޓަރީގައި އައިރިކް މަޑުކުރިއެވެ. މާޔަލް އައިސް މަޑުކޮށްލީ އައިރިކް އުޅޭ ބައިގައެވެ. ވައަތް ފަރާތުން ފާރު ކައިރީ ހުރި ސޯފާގައި މާޔަލް އިނެވެ. ދެއަތުން އުނގަށްލައިގެން އިން އަތްދަބަހުގައި ހިފަހައްޓާލައިގެންނެވެ. އޭނާއަށް އައިރިކް ފެނުމުން އެހެން ދިމާއަކަށް ބަލައެއް ނުލެވުނެވެ. އިސްތަށިގަނޑު ކުރިއަށްވުރެ ކުރުކޮށްލައި އެއްފަރާތަށް އޮމާންކުރެވިފައި ހުރިއިރު ތުނބުޅިމަތިމަސް ވެސް ހުރީ ކުރުކޮށްފައެވެ. ތަނަވަސް ނިތްކުރިއާއި އެ އަލިމޫނު އެހާ ފާޅުކޮށް ފެނުމުން އެ ޒުވާންކަމަށް މާޔަލްގެ ހިތް ތާރީފުކުރިއެވެ.

"މިހާރު ހިތަށް އަރާ އެހެން ނުބުނެވުނުނަމައޭ. ކިހިނެއް ތި މޫނަށް ނުބަލާ ހުރެވޭނީ. ތި މޫނު ފެންނަން ހުއްޓާ ކިހިނެއް އެހެން ކަމަކަށް ސަމާލުކަން ދޭނީ. ކީއްވެ އަހަންނަށް މިހެންމިވަނީ..." މާޔަލްއަށް ތިރީތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނެވެ. ރޭގައި އޭނާއަށް ފެނުނު ހުވަފެން މަތިން ހަނދާންކުރިއެވެ. ހިތްއަވަސްވުން ހަމައަކަށް އެޅުމަށް އައިރިކްގެ އެ ބިރުވެރި ސޫރަ އޭނާ ސިފަކުރިއެވެ. ނަމަވެސް އޭނާއަށް ސިފަކުރެވުނީ އޭގެ ކުރީން އައިރިކްއާއެކު ފެނުނު ހުވަފެނެވެ. ރަތްކުލައިގެ ހެދުމުގައި އައިރިކްގެ ކައިރީ ހުރިއިރު ފެނުނު ފުރިހަމަ ސޫރައެވެ.

"މާޔާ." އެތެރެއަށް ވަންނަމުން އައިރިކް ގޮވާލިއެވެ. އެ ދިމާއަށް މާޔަލް ބަލާލިއެވެ.

"ތަފާތެއްނެތް... ކީއްވެ ތި ސިފަ މާކުރީން ހުވަފެނުން ފެންނަންވީ." މާޔަލްގެ ހިތް ބުނެލިއެވެ. މަޑުމަޑުން އޭނާ ސޯފާއިން ތެދުވިއެވެ. އައިރިކް އޭނާ ހޯދީ ކިހިނެއްބާއެވެ. ލޮލަށް ނުފެނުނަސް އޭނާއަށް އައިރިކްގެ ކައިރިން ސަލާމަތްވާން އުނދަގުލެވެ. ކައިރިޔަށް އައިރިކް ފިޔަވަޅެއް އަޅާވަރަކަށް މާޔަލްއަށް ދުރަށް ޖެހިލެވެއެވެ. އޭނާގެ ހިތް އައިރިކްއަށް ގޮވަމުން ދިޔައީ ހުއްޓޭށެވެ. ކައިރިޔަށް ނާންނާށެވެ. އެހެންނަމަވެސް ދުލުން ނުބުނެވޭންވީ ސަބަބެއް ނޭނގެއެވެ.

"ކީއްވެ މިއަދު ލަސްވީ... މާޔާ!... ކައިރިއަށް އާދެބަލަ." މާޔަލްއާ ކައިރިއަށް އައި ނަމަވެސް ދެމެދުގައިވާ ރާސްތާ ކައިރިނުވާކަން އެނގި އައިރިކް އަތްދިއްކޮށްލިއެވެ. މިފަހަރު އެ އަތުގައި މާޔަލް ނުހިފިއެވެ. ޖެހިލުންވެ ހުރެ އޭނާ އުހޫން އޭ ލައްވާލިއެވެ.

"މާޔާ ހޯދަން އުޅެނިކޮށް އަހަރެން ވެއްޓި އަނިޔާއެއް ވިޔަސް އޯކޭތަ؟. އަހަރެންނަށް ވީވަރަކުން ތިހުރި ހިސާބަށް ދެވޭތޯ މަސައްކަތް މިކުރަނީ." އައިރިކް ބުންޏެވެ.

"މަސައްކަތް ފަށަންވީނު." މާޔަލް ބުންޏެވެ. އައިރިކްގެ މަޤްޞަދު ދޭހަނުވިޔަސް އޭނާގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރާލަން ގަސްދުކޮށް މާޔަލް ބުންޏެވެ. ނަމަވެސް އައިރިކް ރައްދެއް ނުދިނެވެ. ދެ ސޯފާގެ ކަން ދިމާވާ ހިސާބުގައި ހުރި ގަސްމުށިގަނޑު ކައިރިން އަޅައި ދާން އުޅުނު މާޔަލްގެ ކުރުތާގައި އައިރިކްގެ އަތް ޖެހުނު ހިނދު ހިފެހެއްޓިއެވެ. އައިރިކްގެ އަތުގެ ތެރެއަށް ކުރުތާ ބޮނޑިކޮށްލި ގޮތުން އޭނާ ދޫނުކުރާނޭކަން މާޔަލްއަށް ވިސްނުނެވެ.

"ދޫކޮށްލާ." މާޔަލް ބުނެލިއެވެ. ނަމަވެސް އެ އަޑު އިވުނު ކަމަކަށް އައިރިކް ނުހެދިއެވެ. މާޔަލްއާ ކައިރިއަށް އޭނާ ޖެހިލިއެވެ. ކައިރީގަ ހުރި ގަސްމުށިގަނޑުގައިވާ ގަހުގެ ފަތްތައް އައިރިކްގެ މޫނުގައި ހޭކިލިއެވެ. އެއާއެކު ހުރެވުނުތަން ދެނެގަންނަން އައިރިކް އުނދަގުލެއްނުވިއެވެ. މާޔަލްގެ އުނަގަނޑުގައި ހިފާލުމާއެކު އޭނާގެ ބާރުގައި ފަހަތަށް ގެންދިޔައެވެ. އަދި މާޔަލްގެ ގައިގާ އޭނާ ބައްދާލީއެވެ.

"ޕްލީޒް... ޑޯންޓް..." އައިރިކް ދުރަށްލާން މާޔަލް މަސައްކަތް ކުރިއެވެ.

"ކުޑަވަގުތުކޮޅަކަށް... ޕްލީޒް. ކުޑަކުޑަ ވަގުތުކޮޅަކަށް. ޕްލީޒް މާޔާ." މާޔަލްގެ ކަންފަތް ދޮށުގައި އައިރިކް މަޑުމަޑުން އާދޭސްކޮށްލިއެވެ.

މާޔަލްގެ އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އެހިނދު އައިރިކް އެ އަތުގައި ހިފަހައްޓައިފިއެވެ. އެއްވެސްކަމެއް ނުކޮށް ވަގުތުކޮޅަކަށް ހުރެދިނުމަށް އޭނާ އަނެއްކާ ވެސް އެދުނެވެ. ކޯލު ނުނެގިފައި ހުއްޓާ ފޯނު ރިންގުވެފައި ކޯލު ކެނޑުނީއެވެ. އެކަމަކު އެވަރުން ނުހުއްޓުނެވެ. އެމީހަކު އަނެއްކާވެސް މާޔަލްއަށް ގުޅައިފިއެވެ. އުނދަގުލުން ވިޔަސް މާޔަލް ފޯނުގެ އިސްކުރީނަށް ބަލާލިއެވެ.

"މަންމަ އެ ގުޅަނީ... ރިކް... އަހަރެންގެ މަންމަ." މާޔަލް ބުންޏެވެ.

"ދުރަށް ގޮސްގެން ނުވާނެ. މިތާހުރެ ވާހަކަދައްކާ." ދަތްކުނޑިވިކާލާފައި އައިރިކް ބުނެލިއެވެ. އަދި މާޔަލްގެ އެ އަތުން ދޫކޮށްލައިފިއެވެ. އެހެންވިޔަސް ދުރަކަށް އޭނާ ނުޖެހުނެވެ. މާޔަލްގެ ކޮނޑުމަތީ ބޯއަޅާލުމާއެކު ކަރުދޮށުގައި މޫނުފޮރުވާލައިގެން ހުރީއެވެ.

"މައްޔު... އިވާން އައިސް އެބައިން." މާޔަލް ފޯނުކޯލު ނެގުމާއެކު މަންމަ ބުނި އަޑު އިވުނެވެ. ހަމަ އެވަގުތު މާޔަލްގެ ފޯނަށް އިތުރު ކޯލެއް އަންނަން ފެށިއެވެ. (ނުނިމޭ)