އިނގިރޭސިވިލާތް

ބޮޑުވަޒީރަކަށް ހޮވިއްޖެ ނަމަ ޗައިނާއަށް ފިއްތާނަން: ރިޝީ ސުނަކް

އިނގިރޭސި ބޮޑުވަޒީރުގެ މަގާމު ލިބިވަޑައިގެންފި ނަމަ ޗައިނާއާ މެދު އިނގިރޭސިވިލާތުން ގެންގުޅޭ ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް ބޮޑުވަޒީރު ކަމަށް ވާދަކުރައްވާ ރޭހުގައި އެއްވަނާގައި އޮތް ކެންޑިޑޭޓް، ރިޝީ ސުނަކް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ހުންނެވި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އޭނާއަށް ފަހު އިނގިރޭސި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ފެށިފައި އޮތް ރޭސް މިހާރު އޮތީ ނިމުމަކާ ހިސާބުގަ އެވެ.

ބޮޑުވަޒީރަކު ހޮވުމަށް ފަސްބުރަށް ނެގި ވޯޓުން އެންމެ ކުރީގައި އުޅުއްވަނީ ރިޝީ ސުނަކު އެވެ. އޭނާއާށް 137 ވޯޓް ވަނީ ލިބިވަޑައިގެންފަ އެވެ. ދެވަނާގައި އޮތީ އިނގިރޭސި ފޮރިން މިނިސްޓަރު، ލިޒް ޓްރަސް އެވެ. އޭނާއަށް ލިބިވަޑައި ގެންފައި ވަނީ 113 ވޯޓެވެ.

އިނގިރޭސި ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަންނަވާނެ ކަމަށް ބޮޑަށް ބެލެވެނީ ރިޝީ ސުނަކް އެވެ. އޭނާ އަކީ ބޮޑުވަޒީރު ބޮރިސް ޖޯންސަން ސަރުކާރުގެ ކުރީގެ ފައިނޭންސް މިނިސްޓަރެވެ.

ރިޝީ ސުނަކް ވިދާޅުވި ގޮތުގައި ޗައިނާ އަކީ ދުނިޔެއަށް ބިރެކެވެ. އޭނާ އަދި ވިދާޅުވީ ދުނިޔޭގެ ރައްކާތެރި ކަމަށާއި ސަލާމަތަށް ޗައިނާގެ ސަބަބުން ދަތިތައް ކުރިމަތިވާ ކަމަށެވެ.

އެހެން ނަމަވެސް، ޗައިނާގެ ގްލޯބަލް ޓައިމްސް އިން ވަނީ ރިޝީ ސުނަކްއަށް ތައުރީފް ކޮށްފަ އެވެ. ގްލޯބަލް ޓައިމްސް ބުނާ ގޮތުން ގައުމުތައް ހަމައަކަށް އަޅުވައި ޗައިނާ އާއި އިނގިރޭސިވިލާތާ ދެމެދު ހަރުދަނާ ގުޅުމެއް ދެމެހެއްޓުމަށް އެކަށިގެންވާ ކެންޑިޑޭޓަކީ ރިޝީ ސުނަކް އެވެ.

ޗައިނާގެ ސިޔާސަތަށް ފާޑުވިދާޅުވެ ސުނަކް ވިދާޅުވި ގޮތުން ޗައިނާ އަކީ ފަގީރު ގައުމުތައް ދަރަނިވެރި ކުރުވާ ގައުމެކެވެ. "ބެލްޓް އެންޑް ރޯޑް" ނަމުގައި ހިންގާ ޕްރޮގްރާމަށް ހަޖޫ ޖައްސަވައި ވިދާޅުވީ އެއީ ފަރުދާވެގެން ތިބެ ގައުމުތައް ދަރަނިވެރި ކުރުވަން ކުރާ މަސައްކަތްތަކަކަށް ކިޔާ ނަމެއް ކަމަށެވެ.