ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

96 ގެއަކަށް ބޮޑެތި ގެއްލުންތައް ލިބުނު: އެންޑީއެމްއޭ

Jul 25, 2022

ރާއްޖޭގެ އެކި ހިސާބަށް މިމަހުގެ ތެރޭގައި ކުރި ވިއްސާރައިގައި ފެންބޮޑުވެ އުދައެރުމާ ގުޅިގެން ނުވަ ރަށެއްގެ 96 ގެއަކަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއަށް ރަށްރަށުން ލިބިފައިވާ މައުލޫމާތު ހިއްސާކުރަމުން އެ އިދާރާ އިން ބުނީ ވިއްސާރަ އާއި އުދައިގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން 261 ފޯމު ލިބުނު ކަމަށެވެ.

އެންމެ ގިނަ ފޯމު ލިިިިބިފައިވަނީ ގދ. ހޯޑެއްދޫ އިންނެވެ. އެ ރަށުން އެކަނިވެސް 82 ފޯމު އެންޑީއެމްއޭ އަށް ލިބިފައިވެ އެވެ.

ވިއްސާރައިގެ ސަބަބުން ދަނޑުވެރިންނަށްވެސް ބޮޑެތި ގެއްލުންތައް ލިބިގެން އެހީތެރިކަން ހޯދުމަށް އެންޑީއެމްއޭ އަށް ހުށަހަޅާފައިވެ އެވެ. އެގޮތުން ހަތަރު ރަށެއްގެ 110 ގޭބިސީއެއްގެ ބެލުމުގެ ދަށުގައި ހުރި ދަނޑުތަކަށް ގެއްލުން ލިބިގެން ހުށަހަޅާފައިވެ އެވެ.

ދަނޑުތަކަށް ގެއްލުންވެގެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ތިމަރަފުށި، މަޑަވެލި އަދި ހޯނޑެެއްދޫގެ ދަނޑުވެރިންނެވެ.

އެންޑީއެމްއޭ އިން ބުނީ ކާރިސާތަކުގައި އެހީ ދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެހީ ދިނުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާ ކަމަށެވެ.

ރާއްޖެއަށް މިމަހުގެ ތެރޭގައި ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދެކުނުގެ ރަށްތަކުގެ ރައްޔިތުންނަށެވެ.