- ރިކޯޑް އަދަދަކަށް ވިޔަފާރިކޮށް ޕްރޮޖެކްޓް ހިންގި
- މިދިއަ އަހަރަކީ އެމްޓީސީސީގެ އެންމެ ކާމިޔާބު އަހަރު
މިދިޔަ އަހަރަކީ އެމްޓީސީސީއަށް އެންމެ ކާމިޔާބު އަހަރު ކަމަށާއި ކުންފުނީގެ ސާފު ފައިދާ ގޮތުގައި 150 މިލިއަން ރުފިޔާ ލިބުނު ކަމަށް އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގް ހަލީމް ވިދާޅުވެއްޖެ އެވެ.
ހަލީމް މިހެން ވިދާޅުވީ އިރު މީގެ ކުރިން އެކުންފުނިން އެންމެ ބޮޑު ފައިދާއެއް ލިބިފައި ވަނީ 2014 ވަނަ އަހަރުގަ އެވެ. ރެކޯޑު އަދަދެއްގެ ފައިދާއެއް ގޮތުގައި އެއަހަރު ލިބުނީ 81.64 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރު އެމްޓީސީސީ އިން ވަނީ 2014 ވަނަ އަހަރުގެ ރިކޯޑް މުގުރާލައި އިތުރު ކުރިއެރުމެއް ހޯދައިފަ އެވެ.
އެމްޓީސީސީއަށް 35 އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ 2015 ވަނަ އަހަރަކީ އެމްޓީސީސީގެ ހަޔާތުގައި މިހާތަނަށް އެންމެ ގިނަ ޕްރޮޖެކްޓުތަށް ކުރިޔަށް ގެންދަން ލިބުނު އަހަރު ކަމަށާއި އޭގެ އިތުރުން ރެކޯޑު އަދަދަކަށް އެކުންފުނިން ވިޔަފާރި ކުރެވުނު އަހަރެއް ކަމަށެވެ.
"އަޅުގަނޑުމެން ކުންފުނިން ނާއި ސަރުކާރުން މިދެއްވި އެއްބާރުލުމުގެ ސަބަބުން ވަނީ މިދިޔަ އަހަރުގެ ލިބުނު ރެކޯޑު ޕްރޮފިޓް އަށްވުރެއް އިތުރަށް ފައިދާ ހޯދައިފަ. އެހެން ކަމުން މިދިޔަ އަހަރަކީ ކުންފުނީގެ އެންމެ ކާމިޔާބު އަހަރުކަން ވެސް ދަންނަ ވާލާނަން،" ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ގޮތުގައި ކުންފުނިން ވޭތުވެދިޔަ އަހަރު ތަކު ތެރޭގައި ވަރަށް ދަތި ދުވަސްތަކެއްވެސް ކަޑަތު ކުރަން ޖެހުނު ކަމަށާއި އެގޮތުން 2009 ވަނަނ އަހަރުން 2011 ވަނަ އަހަރަށް އޭރުގެ ސަރުކާރުން ކުންފުންޏަށް ދޭންޖެހޭ އެއްބާރުލުން ނުދީ ދައްކަންޖެހޭ ފައިސާތަކެއް ނުދިނުމުގެ ސަބަބުން އެތައް ގެއްލުން ތަކެއް ލިބުނު ކަމަށެވެ.
ވޭތުވެދިޔަ އަށް އަހަރު ތެރޭ ކުންފުންޏަށް ލިބުނު ފައިދާއާއި ގެއްލުން
- 2008: 25 މިލިއަން ރުފިޔާގެ ފައިދާ
- 2009: 14.29 މިލިއަން ރިފިޔާގެ ގެއްލުން
- 2010: 48.6 މިލިއަން ރުފިޔާގެ ގެއްލުން (ކުންފުންޏަށް އެންމެ ގެއްލުން ލިބުނު އަހަރު)
- 2012: 8.31 މިލިއަން ރުފިޔާގެ ގެއްލުން
- 2013: 26.57 މިލިއަން ރުފިޔާގެ ފައިދާ
- 2014: 81.64 މިލިއަން ރުފިޔާގެ ފައިދާ
- 2015: 150 މިލިއަން ރުފިޔާގެ ފައިދާ (އަދި ހިސާބުތަށް ހަދައި ނުނިމޭ)
އެމްޓީސީސީ އަކީ ރާއްޖޭގެ އެންމެ ފުރަތަމަ ސަރުކާރާއި އާމުން ހިއްސާދާރުވާ ޕަބްލިކް ލިމިޓަޑް ކޮމްޕެނީ އެވެ. ކުންފުންޏަށް 35 އަހަރު ފުރުން އިރު މިކުންފުނިން އަންނަނީ ކޮންސްޓްރަކްޝަންއާ ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ މަސައްކަތްތުގައި މުޅިރާއްޖޭގައި ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.