އިމްތިޔާޒު އަލީއަކީ ބޮލީވުޑް ފިލްމު ޑައިރެކްޓަރުންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ކަމުދާ ޒާތުގެ ފިލްމުތައް އުފައްދާ ޑައިރެކްޓަރެކެވެ. އޭނާގެ "ޖަބް ވީ މެޓް" އާއި "ރޮކްސްޓާ"، "ތަމާޝާ" އަދި "ލަވް އާޖް ކަލް" ފަދަ ފިލްމުތައް އެހާ މަގްބޫލުވެފައިވަނީ އެހެން ޑައިރެކްޓަރުންނާއި އޭނާގެ ފިލްމު އުފެއްދުމުގައި ހުންނަ ތަފާތު ބޮޑުކަމުންނެވެ.
ދާދިފަހުން އިމްތިޔާޒު ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާ އުފެއްދި ރަންބީރު ކަޕޫރާއި ދީޕިކާ ޕަދުކޯން ލީޑް ރޯލު ކުޅެފައިވާ "ތަމާޝާ"ގެ ބަތަލާ އަކަށް ރަންބީރު ބޭނުންވީ އޭނާގެ މިހާރުގެ އަނބިމީހާ އާލިއާ ބަޓް އެވެ. ނަމަވެސް އާލިއާ މާ ހަގުކަމުން އިމްތިޔާޒު އެކަމާ އެއްބަސް ނުވީ އެވެ. އަދި ދީޕިކާ އަށް އެ ފިލްމުގެ ލީޑް ރޯލު ދިނީ އެވެ.
އިމްތިޔާޒު އިތުރަށް ބުނި ގޮތުގައި އާލިއާގެ އެކްޓްކުރުމުގެ ގާބިލްކަން ރަންބީރު ވަރަށް ކުރިއްސުރެ ފާހަގަ ކުރެ އެވެ. އަދި ފިލްމުތަކުގައި އާލިއާ ބައިވެރިކުރަން ރަންބީރު ވަރަށް ބާރު އަޅަ އެވެ.
"ކާކަށް އެނގޭނީ 'ތަމާޝާ’ އުފެއްދިތާ އަށް އަހަރު ފަހުން އާލިއާ އާ ރަންބީރު ކައިވެނިކުރާނެކަން؟" އިމްތިޔާޒު ސުވާލު ކުރި އެވެ.
ރަންބީރު އާއި އާލިއާ އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ މީގެ ފަސް އަހަރު ކުރިން އެމީހުން ސޮއިކުރި "ބްރަމަސްތުރަ:ޕާޓް ވަން ޝިވާ" އެވެ. އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވާއިރު އޭގެ ކުރިން ވެސް އާލިއާ އާއެކު ފިލްމު ކުޅުމުގެ ފުރުސަތެއް ރަންބީރަށް ލިބުނެވެ. ނަމަވެސް އޭނާ ފުރުސަތު ދޫކޮށްލީ އެވެ.
އެ ފިލްމަކީ އަރްޖުން ކަޕޫރާއެކު އާލިއާ ކުޅުނު "2 ސްޓޭޓްސް" އެވެ. ނަމަވެސް އެ ދުވަސްވަރު ރަންބީރު އުޅޫނީ "ރޮކްސްޓާ"ގެ މަސައްކަތުގައި މާ ބިޒީކޮށް ކަމަށްވާތީ މާ ސީރިއަސްކޮށް އެ ފިލްމާ މެދު ނުވިސްނާ އުޅެނިކޮށް ފިލްމު އަރްޖުން އަށް ލިބުނީ އެވެ.