ބޮލީވުޑް

ފިރިމީހާ އާ ލޯބީގެ ގުޅުން ބާއްވާ ކަމަށް ތުހުމަތުކޮށް ބަތަލާއަކަށް ހަމަލަދީފި

ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ބަތަލާ ޕްރަކުރޫތީ މިޝްރާ އަށް އަންހެނަކު ހަމަލަދީފި އެވެ. ރޯމާ ދުވާލު މި އަންހެންމީހާ ޕްރަކުރޫތީ އަށް ހަމަލަ ދީފައިވަނީ ބުބަނޭސްވަރް އެއާޕޯޓަށް ކާރުގައި ދަނިކޮށް ކާރު ހުއްޓުވާފަ އެވެ.

ޕްރަކުރޫތީ އަށް ހަމަލަދިން އަންހެންމީހާ އަކީ އޭނާ މިހާރު ކުޅެމުންދާ ފިލްމެއްގެ ބަތަލެއްގެ އަންހެނުންނެވެ. އަންހެންމީހާ ބުނަނީ ޕްރަކުރޫތީ އާއި އޭނާގެ ފިރިމީހާ އާ ސިއްރު ލޯބީގެ ގުޅުމެއް އޮންނަ ކަމަށެވެ.

އަންހެންމީހާ ހަމަލަ ދޭން ފެށުމުން ޕްރަކުރޫތީ ރޮމުން އެހީއަށް އެދެމުން ދިޔަ މަންޒަރުގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑީއާގައި ދަނީ ދައުރު ވަމުންނެވެ.

ޕްރަކުރޫތީ ގެންދަނީ ތަންމޭ މޮހަންޓީ ނުވަތަ މަޝްހޫރު ނަމުން ނަމަ ބަބުޝާން އާއެކު ފިލްމެއް ޕްރޮޑިއުސް ކުރަމުންނެވެ. ޕްރަކުރޫތީ އަށް ހަމަލަދިން އަންހެންމީހާ އަކީ މި ބަބުޝާންގެ އަންހެނުން ޓްރުޕްތީ ސަތުޕަތީ އެވެ.

ޓްރުޕްތީ ތުހުމަތުކުރާ ގޮތުގައި އޭނާގެ ފިރިމީހާ އާއެކު ލޯބީގެ ގުޅުން ހިންގުމަށްފަހު މިހާރު ޕްރަކުރޫތީ ގެންދަނީ ފިރިމީހާ ބްލެކްމެއިލް ކުރަމުންނެވެ.

ނަމަވެސް މި ހާދިސާގެ ފަހުން ބަބުޝާން ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި ޕްރަކުރޫތީ އާއި އޭނާގެ ސިއްރު ލޯބީގެ ގުޅުމެއް އެއްވެސް އިރެއްގައި ނޯވެ އެވެ. އަދި އޭނާ ބްލެކްމެއިލް ކުރަން ޕްރަކުރޫތީ މަސައްކަތެއް ނުކުރެ އެވެ.

"ޕްރަކުރޫތީ އަކީ އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް. އޭނާ އަހަރެން ބްލެކްމެއިލް ކުރާކަށް އަދި އަހަރެން އަތުން ފައިސާ ހޯދާކަށް މަސައްކަތެއް ނުކުރޭ. އޭގެ ބަދަލުގައި އޭނާއަކީ އަބަދުވެސް އަހަންނަށް އެހީތެރިވާ މީހެއް،" ބަބުޝާން ބުނެފައި ވެއެވެ.

ފަހުން ޕްރަކުރޫތީ ޕޯސްޓްކުރި ވީޑީއޯއެއްގައި މި ހާދިސާ ހިނގި ގޮތް ކިޔައިދީފައި ވެއެވެ. އަދި އޭނާއަށް އަންހެންމީހާ ހަމަލަ ދިނުމުން އޭނާ ރޮމުން އެހީއަށް އެދި ގޮވަމުން ދިޔައިރު އެ މަންޒަރު ބަލަން ތިބި މީހުން އަންހެންމީހާ ދުރުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ފޮޓޯއާއި ވީޑީއޯ ނަގަން ތިބީ ކަމަށް ޕްރަކުރޫތީ ތުހުމަތު ކުރެ އެވެ.

"މިހާރު ވެސް ހަލާކުވެފައިވާ ދިރިއުޅުމެއް ހަލާކުކުރަން އެހެން މީހަކު މަސައްކަތް ކުރަންވީ ކީއްކުރަން. އެހެން މީހުންނާއެކު ތިމާގެ ފިރިމީހާ މަސައްކަތްކުރަން ބޭނުން ނޫންނަމަ އޭނާގެ ކަރުގައި ވާގަނޑެއް ޖަހާފައި ގޭގައި ބޭއްވީމަ ނިމުނީނު،" ޕްރަކުރީތީ ޝެއާ ކުރި ވީޑިއޯގައި އޭނާ ބުނެފައި ވެއެވެ.

ބަބުޝާންގެ އަންހެނުން އޭނާއަށް ހަމަލަ ދިނުމުން އައި ރުޅީގައި ޕްރަކޫރީތީ ވަނީ ބަބުޝަން އާއެކު ކޯ-ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ފިލްމުގެ މަސައްކަތް އޭނާއާއެކު އިތުރަށް ނުކުރަން ނިންމާފަ އެވެ. އަދި މި މައްސަލަ ޕްރަކުރީތީގެ މަންމަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

ޕްރަކުރޫތީ އަށް ނެޝަނަލް އެވޯޑު ލިބިފައިވަނީ "ހެލޯ އަރްސީ"ކިޔާ ފިލްމަކުންނެވެ. އޭނާ ގިނައިން ކުޅެފައިވަނީ އޮޑިއްޝާގެ ފިލްމުތަކެވެ. އަދި ބައެއް ހިންދީ ސީރީޒްތަކުގައި ޕްރަކުރޫތީ ބައިވެރި ވެފައި ވެއެވެ.