މިނިވަން ދުވަސް

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު ބާއްވައިފި އެވެ.

މިއަދު ހެނދުނު 5:50 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވެވި ދިދަ ނެގުމުގެ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީން ވަނީ ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަޙްމަދުދީދީ އާއި މިނިސްޓަރު އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެންގެވުމުގެ އިތުރުން ދުވަހާއި ގުޅޭ ހާއްސަ ދުއާއެއް ކޮށްފައިވެއެވެ. އިސްވެ މި ދުއާ ކޮށްދެއްވާފައިވަނީ އައްޝައިޚް އަހްމަދު މައުމޫނެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ޖުލައި މަހުގެ 26 ވަނަ ދުވަހުގައެވެ.