ރައީސް މުހައްމަދު ނަޝީދު

މިނިވަންކަމުގެ މަސައްކަތް ދިވެހިން ދުލެއް ނުކުރާނެ: ނަޝީދު

Jul 26, 2022

މިނިވަންކަން ހޯދުމާއި ދެމެހެއްޓުމަށް ދިވެހިން ކުރާ މަސައްކަތް ދޫނުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ދިވެހިން މިއަދު ފާހަގަކުރަމުންދާ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގަ އެވެ.

ސީޝެލްސްގައި ހުންނަވައިގެން ކުރެއްވި ޓްވީޓްގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބިކުރާ ބައެއް ކަމަށެވެ. އެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ދިވެހިންނަކީ ގުރުބާންވާ ބައެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިގޮތް އަޅުގަނޑުމެން ދިވެހިން ދުލެއް ނުކުރާނެ. އެންމެ ދިވެހިންނަށް މިނިވަން ދުވަހުގެ ތަހްނިޔާ،" ނަޝީދުގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

ރައީސް ނަޝީދު މިނިވަން ދުވަހުގެ މުނާސަބަތުގައި ވާހަކަ ދެއްކެވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިނިވަން ދިމިގްރާތީ ދައުލަތެއްގެ ގޮތުގައި ދިވެހިން ކުރިއަށް ދިއުމަށް މިއަދު ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ވަކިން ހާއްސަކޮށް ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށާއި އެމީހުންގެ ސަބަބުން ދިވެހި ގައުމުގެ މިނިވަންކަމަށް ނުރައްކާ ވެފައިވާ ކަމަށެވެ. ގައުމަށް އެ ނުރައްކާ ކުރިމަތިކުރުވާ ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދު ހިމެނޭ ކަމަށް އިދިކޮޅު ފަރާތްތަކުން އަބަދުވެސް ތުހުމަތުކުރެ އެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ، އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ނެއްޓި ފުރިހަމަ މިނިވަންކަން ދިވެހިރާއްޖެއަށް ލިބުމާ ގުޅިގެންނެވެ.