ރައީސް މުހައްމަދު ނަޝީދު

ދިވެހިންގެ ހަމަޖެހުުން އޮތީ މުޅި އިންޑިއާ ކަނޑުގެ ހަމަޖެހުމަށް: ނަޝީދު

ދިވެހިންނާއި ރާއްޖޭގެ ހަމަޖެހުމާއި ސަލާމަތްތެރިކަން އޮންނާނީ މުޅި މި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތްތެރިކަމުގެ މައްޗަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 55 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ނަޝީދު ދެއްވި ހިތާބެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ އަދި އިގްތިސާދީ ސަރަހައްދު އޮތީ އިންޑިއާ ކަނޑުގައި ކަމަށެވެ. ޒަމާނުއްސުރެން މި ކަނޑުގައި ދިވެހިން ދިރިއުޅެމުންދާއިރު ދިވެހިންގެ ހަމަޖެހުން އޮތީ މުޅި ކަނޑުގެ ހަމަޖެހުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ކަނޑުގެ [އިންޑިއާ ކަނޑުގެ] ސަލާމަތާއި ރައްކާތެރިކަން، މި ކަނޑުގައި ހަމަޖެހުން ހުއްޓިފައި އޮތީ ދިވެހިންގެ އަމަލުތަކުގެ ވެސް މައްޗަށް. ދިވެހިރާއްޖޭގެ ހަމަޖެހުމާއި ދިވެހިރާއްޖޭގެ ސަލާމަތްތެރިކަން، އެއީ ޝައްކެއް ވެސް ނެތް ގޮތުގައި، އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމާއި ހަމަޖެހުން." ރައީސް ނަޝީދު ވިދާޅުވި އެވެ.

ތާރީހުގައި ހިނގައި ދިޔަ ބައެއް ކަންކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އިންޑިއާ ކަނޑުގެ މައްޗަށް ބާރު ފޯރުވަން އުޅުނު ކޮންމެ ބަޔަކަށް ވެސް އެ ކަމެއް ކުރެވިފައި އޮތީ ދިވެހިންނާ އެއްބަސްވުންތަކެއް ވެގެން ކަމަށާއި އެކަން ނުކޮށް ކުރެވިފައި ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ދިވެހިން އަބަދުވެސް އަމަލު ކުރަން ޖެހޭނީ ބުއްދިވެރިކަމާ އެކުގައި ކަމަށެވެ. އިންޑިއާ ކަނޑުގެ އައްސޭރިން ބޭރުން އެ ކަނޑުގެ ތެރެއަށް ބަޔަކު އަތްގަދަ ކުރަން އުމުން ވެފައިވާ ގޮތް ތާރީހުން ފެންނަން އެބަ އޮތް ކަމަށެވެ.

"ދިވެހިންގެ މިނިވަން ކަން އިރާދަކުރެއްވިއްޔާ ދިވެހިން އަބަދުވެސް ދަމަހައްޓާނެ، އަޅުގަނޑުގެ ހިތުގައި އެ ކަމާ ޝައްކެއް ނުއުފެދޭ، ދިވެހިންގެ އަތުން މި މިނިވަންކަން ގުޑުވާލެވޭނެ ވަކި އިތުރު ބާރެއް އޮތް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މުޅި އިންޑިއާ ކަނޑުގެ ސަލާމަތާއި ދިވެހިންނާ ގުޅުވައި ރައީސް ނަޝީދު ވަރަށް ގިނައިން ވާހަކަފުޅު ދައްކަވާފައިވެ އެވެ. ރައީސް ނަޝީދު މި ވާހަކަތައް އެންމެ ބޮޑަށް މީގެ ކުރިން ދެއްކެވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ އެންމެ ވާދަވެރި ޗައިނާއާ މާ ބޮޑަށް ގުޅުން ބަދަހިކުރި ދުވަސްވަރުގަ އެވެ.