ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ދިވެހިންގެ މިނިވަން ކަމަށް ފާރަވެރިވާން ޖެހޭ: ރައީސް ވަހީދު

ދިވެހިންގެ މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ވިސްނާ ފާރަވެރި ވާންޖެހޭ ކަމަަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އިސް އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި މިނިވަން ދުވަހުގެ ތަހްނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވާ މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ.

ދިވެހި ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް، ރައީސް ޑރ. ވަހީދު ވިދާޅުވީ ދިވެހިންގެ މިނިވަންކަމާ ދައުލަތުގެ ސިޔާދަތާމެދު ވިސްނަން ޖެހޭ ކަމަަށެވެ. އަދި އެއީ ފާރަވެރިވާން ޖެހޭ ކަމެއް ކަމަަށް ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ފަހްރުވެރި ދިވެހި ދިދަ އުސްކޮށް އުފުލާ ވިހުރުވަން ޖެހޭ ކަމަަށެވެ.

ރައީސް ވަހީދު ވަނީ ފެބްރުއަރީ 7، 2012 އިން ނޮވެންބަރު 17، 2013 އަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދި ނޮވެންބަރު 11، 2008 އިން ފެބްރުއަރީ 6، 2012 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ މަގާމު އަދާ ކުރައްވާފައެވެ. އެމަނިކުފާނު ފާހަގަ ކުރެވިފައިވަނީ މި ފަހުން ރާއްޖެ ދުށް އެންމެ ހަލަބޮލި ދަނޑިވަޅުގައި ގައުމު ހިންގެވި ލީޑަރުގެ ގޮތުގައެވެ. ރައީސް ވަހީދަކީ ބައިނަލްއަގްވާމީ ދުނިޔޭގައިވެސް ހިދުމަތްތެރި ވިދުން ގަދަ ބޭފުޅެކެވެ.