ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އޮގަސްޓް 5 ގައި ރަޝިއާއަށް ވަޑައިގަންނަވަނީ އެވެ. ތުރުކީގެ ރިޔާސަތުން ޚާއްސަ ބަޔާނެއްގައި ވަނީ މި ދަތުރު ކަށަވަރު ކޮށްދީފަ އެވެ.
އުރުދުޣާންގެ ރަޝިއާ ދަތުރާ ބެހޭ އެއްވެސް ތަފުސީލެއް ސަރުކާރުން ހާމައެއް ނުކުރެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން މިވަތުތަށް އިތުރު ތަފުސީލެއް ނެތެވެ.
ރަޝިއާއަށް ބޭރު ގައުމެއްގެ ވެރިއަކު މި ދުވަސްވަރު ވަޑައިގަތުމަކީ ފަލަ ސުރުޚީއަށް އަރާނެ ކަމެކެވެ. ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރުމަކީ ވެސް ދެއިރަށް ފައްކާ ޚަބަރަކަށް ވާނެ އެވެ.
އުރުދުޣާން ރަޝިއާށް މި ވަޑައިގަންނަވަނީ ތުރުކީ މެދުވެރިވެގެން ވަރަށް ބޮޑު މައްސަލައަކަށް ހައްލު ހޯދުމަށް ފަހު އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ޔުކްރޭނުން ގޮވާން އެކްސްޕޯޓް ކުރުަމަށް ހުރަސްއެޅިފައި އޮންނަތާ ދުވަސްތަކެއް ފަހުން މިހާރު ވަނީ ގޮވާން ބޭރުކުރެވޭ ގޮތް ވެފަ އެވެ.
ތުރުކީ އާއި އދ. މެދުވެރިވެ ކުރި މަސައްކަތުން ރަޝިއާ އާއި ޔުކްރޭން ވަނީ ގޮވާން އެކްސްޕޯޓްކުރަން އެއްބަސްވެފަ އެވެ. އަދި ގޮވާން ހިފައިގެން ޔުކްރޭންގެ ގަނދަރުތަކުން ކަޅުކަނޑަށް ނުކުންނަ ބޯޓުފަހަރަށް ހަމަލާ ނުދޭނެ ކަމުގެ ޔަގީންކަން ރަޝިއާ އޮތީ ދީފަ އެވެ.
އުރުދުޣާން އާއި ޕޫޓިން އަކީ އާންމު ހާލަތުގައި ވެސް ދޭތެރެ ދޭތެރެއިން ބައްދަލު ކުރައްވާ ދެ ބޭފުޅުންނެވެ. ޕޫޓިން ވިދާޅުވާ ގޮތުން އުރުދުރާންއާ ބައްދަލު ކުރެއްވުމަކީ ބޮލުގައި ރިހުމެކެވެ. އެކަމަކު އޭނާ އަކީ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާ -- ހެުޔޮ ލަފާދެއްވާ ބޭފުޅެއް ކަމަށް ނޫސްވެރިންނަށް ވިދާޅުވި އެވެ. އުރުދުޣާން އާއެކު އޮންނަ ސިޔާސީ ގުޅުމަށް ވުރެ ގާތްކަން ބޮޑު ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.
ޕޫޓިން އާއި އުރުދުޣާން މިދާކަށް ދުވަހު އީރާނަށް ވަޑައިގެން ވަނީ ބައްދަލު ކުރައްވާފަ އެވެ. މި ދެ ލީޑަރުން އީރާނަށް ވަޑައިގަތީ އީރާންގެ ރައީސް، އިބްރާހީމް ރައީސީ އާއެކު ސީރިއާގައި ސުލްހަ ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
ޕޫޓިން އާއި އުރުދުޣާންގެ ބައްދަލު ކުރެއްވުމުގައި ހަމަ ކަށަވަރުން ވެސް ޔުކްރޭނާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. ރަޝިއާ، ޔުކްރޭންގެ މަޝްރަހު ހޫނުވާން ފެށީއްސުރެ ތުރުކީ އަކީ ރަޝިއާއާ ވަރަށް ގާތުން މަޝްވަރާ ކުރަމުންދާ ގައުމެކެވެ.