ބޮލީވުޑް

"އަނޫޕަމާ"ގެ ސަމަރް ޝޯ އިން ވަކިކޮށްފި

ސްޓާ ޕްލަސްގެ އެއް ވަނަ ޝޯ "އަނޫޕަމާ"ގައި އަނޫޕަމާގެ އެންމެ ހަގު ދަރިފުޅު ސަމަރްގެ ކެރެކްޓާ އަދާކުރި ޕަރަސް ކަލްނާވަތު އެ ޝޯ އިން ވަކިކޮށްފި އެވެ. "އަނޫޕަމާ" ޕްރޮޑިއުސްކުރާ ޕްރޮޑަކްޝަން ހައުސް އިން ޕަރަސް ޝޯ އިން ވަކިކުރަން ނިންމީ ޕްރޮޑީއުސަރުންނަށް ނާންގާ އެހެން ޝޯއެއްގައި ބައިވެރިވާން ސޮއި ކުރުމުންނެވެ.

މި ޚަބަރުގައި ބުނެފައިވާ ގޮތުގައި ޕަރަސް ސޮއިކުރީ އެހެން ޗެނަލް އަކުން ދައްކަން ހަމަޖެހިފައިވާ ސެލެބްރިޓީ ޑާންސް ރިއަލިޓީ ޝޯ "ޖަލަކް ދިކްލާޖާ"ގެ އާ ސީޒަންގެ ކޮންޓެސްޓެންޓެއްގެ ގޮތުގަ އެވެ.

"އަނޫޕަމާ"ގެ ޕްރޮޑީއުސަރު ރާޖަން ޝާހީ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ފަރާތުން ޕްރޮޑީއުސްކުރާ އެއްވެސް ޝޯއެއްގެ އެއްވެސް ފަންނާނަކު ކޮންޓްރެކްޓާ ޚިލާފުވުމުގެ ފުރުސަތު ނުލިބޭނެ އެވެ. ޕަރަސްގެ ކޮންޓްރެކްޓް ވަގުތުން އުވަލައި އޭނާ ޝޯއިން ވަކިކުރަން ނިންމީ ކޮންޓްރެކްޓާ ޚިލާފުވީމަ ކަމަށް ޕްރޮޑީއުސަރު ބުނެފައި ވެއެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޕަރަސް ބުނީ "އަނޫޕަމާ"ގެ ޓީމަށް އޭނާގެ ހިތުގައި ވަރަށް ޚާއްސަ ގަދަރެއް ދެވިފައިވާ ކަމަށެވެ.

"އަހަރެން "ޖަލަކް ދިކް ލާޖާ' ގައި ބައިވެރިވާން ސޮއިކޮށްފި ކަމަށް މީޑިއާ ތަކުން ޚަބަރު ފެތުރިއިރު އަހަރެން އަދި ސޮޔެއް ނުކުރަން. އެކަމަކު ޕްރޮޑިއުސަރުން ހީކުރީ އެފަރާތަކަށް ނާންގާ އެ ޝޯ އަށް ސޮއިކޮށް އަހަރެން ކޮންޓްރެކްޓާ ޚިލާފުވީ ކަމަށް. އެކަމުގައި އަހަރެންގެ ކުށް އޮތް ކަމަށް ޚުދް އަހަރެން ވެސް ގަބޫލުކުރަން. އެހެން ޝޯއެއްގައި ބައިވެރިވާން ވިސްނާނަމަ އެކަން "އަނޫޕަމާ"ގެ ޕްރޮޑީއުސަރުންނަށް އަންގަން ޖެހޭނެ ދުރާލާ. އެއީ އަހަންނަށް ނުވިސްނާލާ ކުރެވުނު ކަމެއް،" ޕަރަސް ބުންޏެވެ.

ޕަރަސް ބުނި ގޮތުގައި "އަނޫޕަމާ"ގައި އޭނާ ކުޅޭ ކެރެކްޓާ އަށް ފާއިތުވީ އެއް އަހަރު ތެރޭ ވެސް އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ. އެހެންވެ އެ ކެރެކްޓާ ކުޅެން އޭނާ ހުރީ ވަރަށް ފޫހިވެފަ އެވެ. ޚާއްސަކޮށް ނަންދިނީ (އަނާގާ ބޯސަލޭ)ގެ ކެރެކްޓާ ޝޯ އިން ބޭރުވުމަށްފަހު އޭނާއަށް ކުރާނެ އެއްވެސް ކަމެއް ޝޯގައި ނެތް ކަމަށް ޕަރަސް ބުންޏެވެ. އެހެންވެ "ޖަލަކް"ގެ ދައުވަތު ލިބުމުން އޭނާ އެ ޝޯ ގަބޫލުކުރަން ނިންމީ އެވެ.

"އަނޫޕަމާ"އިން އޭނާއަށް ގިނަ ބަޔެއްގެ ލޯތްބާއި މަގްބޫލުކަން ލިބުނުކަމަށް ޕަރަސް ގަބޫލު ކުރެ އެވެ. އަދި އަލަށް ބައިވެރިވި ޝޯ އިން ވެސް އެފަދަ ތާއީދެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.