ލައިފްސްޓައިލް

އަންހެނުން ރުޅި ގަދަތަ؟ ސަލާމަތްވާން މި އުކުޅު ބޭނުން ކުރޭ!

އާންމު ގޮތެއްގައި އަންހެންވެރިންނަކީ ރުޅިގަދަ ބައެކެވެ. ހާއްސަކޮށް ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ނުވަތަ ކައިވެނިކޮށްގެން އުޅޭއިރު އަންހެނުންގެ ޒީލަގަދަކަން ފެންނާނެއެވެ. އަންހެންވެރިންގެ ރުޅިއަކީ ކޮންމެ ފިރިހެނަކަށް ނޫނީ ކޮންމެ ފިރިއަކަށް "ތަހަންމަލް" ކުރަންޖެހޭ ކަމެކެވެ. ގިނަ ފަހަރަށް ޒުވާބުތަކުން ވެސް މޮޅުވަނީ އަންހެންވެރިންނެވެ. އެއީ އަންހެންވެރިން ކުރިމަތީ ޒުވާބުކުރާނެ ފަދަ ހިތްވަރެއް ފިރިހެންވެރިންގެ ގައިގާ ނުހުންނާތީއެވެ. ނޫނީ އެ ގާބިލުކަން ނެތީމައެވެ. އަނބިމީހާ ރުޅި އައިސްފައިވާނަމަ، އެ ކަން ބޮޑު މައްސަލަ ގަނޑަކަށް ނުހަދާ މައިތިރިކުރަން ފިރިން ބޭނުންވާނެއެވެ. އެފަދަ ފިރިން މި ގޮތްތައް ހިޔާރުކޮށްލާށެވެ.

1- އަނގައިން އެއްޗެއް ނުބުނެ، ހިނިތުންވުން
ތިމާއަށް ކުރެވުނު ކަމަކުން ނުވަތަ ތިމާއަށް ކަމެއް ހަނދާން ނެތުމުން، އަނބިމީހާ ރުޅި އައިސް ހަޅާލަވާނަމަ އަނބިމީހާއަށް ހިނިތުންވެލާށެވެ. ވިއްދާފައި ޒުވާބުކުރަން ނަހަދާށެވެ. އެކަމުން ތިމާއަށް މޮޅެއް ލިބޭނެ ކަމަށް ހީނުކުރާށެވެ. އަދި ވިއްދާފައި ޒުވާބުކުރަން ވެއްޖެނަމަ މައްސަލަތައް ބޮޑުވެ ދެމަފިރިންގެ ދެމެދުގައި ބޮޑެތި އަރާރުންވުންތަކަށް މަގު ތަނަވަސްވެގެންދާނެއެވެ. އެހެންކަމުން އަނބިމީހާގެ ހަޅާލެވުން "ހަޖަމް"ކޮށްލާ، ހިނިތުންވެލާށެވެ. ކުރަން އުނދަގޫ ކަމަކަށް ވެދާނެއެވެ. ނަމަވެސް މިއީ އެންމެ ފައިދާ ބޮޑު ގޮތެވެ. އަދި އަނބިމީހާ އެންމެ އަވަހަށް ރުޅި މަޑުކުރާނީ ވެސް އޭރުންނެވެ.

2- އަމިއްލަ ކުށް ގަބޫލުކުރުން
ގިނަ ފަހަރަށް ފިރިހެންވެރިންނަކީ ކަންކަން ހަނދާނުން ކައްސާލާ ބައެކެވެ. މިފަދަ ކަމެއްގައި އަނބިމީހާ ރުޅި ގަދަވެއްޖެނަމަ، ތިމާގެ ކުށް އަވަހަށް ގަބޫލުކޮށް މައާފަށް އެދޭށެވެ. ކުށް ގަބޫލުކޮށް މާއާފަށް އެދުމަކީ އަންހެނުން ލޯބިކުރާ ސިފައެކެވެ. ބައެއް ފަހަރަށް ތިމާގެ ކުށެއް ނެތި ވެސް އަނބިމީހާ ރުޅި ގަދަވެދާނެއެވެ. އެފަދަ ހާލަތްތަކުު ވެސް އަމިއްލައަށް ކަމެއް ކުރެވިފައި ނެތަސް މާއާފަށް އެދިލާށެވެ. ގުޅުން ދަމަހައްޓަން މިއީ ރަނގަޅު އުކުޅެކެވެ.

3- ދައްކާ ވާހަކަ އަޑުއެހުން
އެހެން މީހުން ދެކެ އަންނަ ރުޅިގަނޑު ފިރިމީހާއަށް ބާލާ، އަންހެނުން ވެސް މަދެއް ނޫނެވެ. ރައްޓެއްސަކާ މައްސަލަ ޖެހުނަސް އެކަމާ ވެސް ފިރިމީހާއަށް ހަޅޭލަވައެވެ. އެފަދަ ހާލަތްތަކުގައި އަންހެނުން ދައްކާ ވާހަކަތައް އަޑުއަހަށެވެ. ރުޅި އައިސްގެން އެއްޗެއް ގޮވިއަސް އެ ވާހަކަތައް އަޑުއަހާށެވެ. އަނބިންނާ ދިމާލަށް ވިއްދާފައި އެއްޗެއް ބުނަން ނަހަދާށެވެ. މި ދުނިޔޭގައި ގިނަ ބަޔަކު ޑިޕްރެޝަންއަށް ދާން މެދުވެރިވާ ސަބަބަކީ ވެސް އެމީހެއްގެ ވާހަކަތައް އަޑުއަހާނެ މީހެއް ނެތުމެވެ.

4- އަންހެނުން ދައްކާ ވާހަކަ މުހިންމު ކަމަށް ގަބޫލުކުރުން
އަންހެނުންނަކީ އަބަދު މުހިންމު ވާހަކަތައް ދައްކާ ބައެއް ނޫނެވެ. ނަމަވެސް އަންހެން ދައްކާ "ބޭކާރު" ވާހަކަތަކީ ވެސް ތިމާއަށް މުހިންމު ވާހަކަތަކަކަށް ހަދާށެވެ. އަދި އެ ވާހަކަތައް ތިމާ އަޑުއަހަން ބޭނުންވާކަން އަންހެނުންނަށް ގަބޫލުކޮށްދޭށެވެ. މިއީ އަންހެނުން ތިމާދެކެވާ ލޯބީ އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ. މިގޮތާ އިދިކޮޅަށް ތިމާ އަމަލުކުރާނަމަ އަންހެނުންގެ ރުޅިވެރިކަމާއި އެއްޗެހި ގޮވާ އަޑުއަހަން ތިމާ ތައްޔާރުވާށެވެ.

5- އަވަހަށް ގެއިން ނުކުތުން
އަންހެން މާ ރުޅިގަދަވެ އެއްޗެއްހި ގޮވާނަމަ، އަވަހަށް ބޭރަށް ނިކުތުމަކީ އެންމެ ރަނގަޅު ގޮތެވެ. އަންހެނުންނާ ވިއްދާފައި އެއްޗެއް ބުނުމަށްވުރެ ރަނގަޅަކީ ބޭރަށް ނިކުމެލާ ހިނގާލަން ދިއުމެވެ. އެއީ ތިމާއަށް ހިންހަމަޖެހުމެއް ލިބޭނެ ކަމެކެވެ. އިރުކޮޅެއް ފަހުން ގެއަށް އަންނައިރު އަނބިމީހާ ވެސް ހުންނާނީ މައިތިރިވެފައެެވެ. އަނބިމީހާ އެހެން މީހެއްދެކެ ރުޅި އައިސްފައިހުރިނަމަ އަނބިމީހާ ގޮވައިގެން ގެއިން ބޭރަށް ހިނގާލަން ދާށެވެ. އެއީ އަނބިމީހާގެ ރުޅިގަނޑު މައިތިރިކޮށްލާ އޭނާއަށް ހިންހަމަޖެހުމެއް ލިބޭނެ ކަމެކެވެ. ރުޅި އައިސްގެން އުޅޭކަމުގައި އަނބިމީހާ ގޯސްވެފައި ދެން ހުރި މީހާ ރަނގަޅުވި ނަމަވެސް އަނބިމީހާގެ ކުށެއް ނެތްކަން ތިމާ ގަބޫލުކުރާކަން އަނބިމީހާއަށް ވިސްނައިދޭށެވެ. ރުޅިގަދަވެފައި ހުންނަ ގަޑީ އަންހެނުންގެ ކުށް ދައްކަން މަސައްކަތް ނުކުރާށެވެ. އެއީ ރިހޭ ފައި މައްޗަށް ފޮއެ ވައްޓާލުންފަދަ ކަމެކެވެ.