ފޮރިން މިނިސްޓްރީ

އިންޑޮނީޝިއާއަށް ދާން ދިވެހިންނަށް އޮން-އެރައިވަލް ވިސާ

Jul 27, 2022
1

އިންޑޮނީޝިއާ އަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރާ ފަށައިފި އެވެ.

ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެވެ.

ޝާހިދު ވިދާޅުވީ އިންޑޮނީޝިއާ އިން އޮން-އެރައިވަލް ވިސާ ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ހިމަނާ މިއަދުން ފެށިގެން ވިސާ ދޫކުރަން ފަށާފައިވާ ކަމަށެވެ.

އިންޑޮނީޝިއާ ސަރުކާރުގެ ނިންމުމަށް ޝާހިދު ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

އިންޑޮނީޝިއާ އިން ޖުމުލަ 75 ގައުމަކަށް އޮން-އެރައިވަލް ވިސާ މިހާރު ދޫކުރަމުންދެ އެވެ.

އިންޑޮނީޝިއާއަށް ދަތުރުކުރާ ދިވެހިންނަށް އޮން-އެރައިވަލް ވިސާ ދޫކުރާ ފަށާފައި މިވަނީ އެ ގައުމުގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ދޭވީ ގުސްތީނާ ޓޯބިން، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެރުވުމަށް މިދިޔަ މެއި 17 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އޮން-އެރައިވަލް ވިސާ ހަމަޖައްސަވައި ދެއްވުމަށް ރައީސް ސޯލީހް، ސަފީރަށް ދަންނަވާފައި ވަނިކޮށެވެ.

ރާއްޖެއާއި އިންޑޮނީޝިއާއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އިތުރުވަމުންދާއިރު އެއް ގައުމުގެ ރައްޔިތުން އަނެއް ގައުމަށް އެކި ބޭނުންތަކުގައި ދަތުރުކުރުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ އިންޑޮނީޝިއާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.