ބޮލީވުޑް

"ޝަމްޝޭރާ" ފްލޮޕްވުމުން ޑައިރެކްޓަރުގެ އުދާސްތައް ބޭރުކޮށްފި

ރަންބީރު ކަޕޫރާއި ސަންޖޭ ދަތު އަދި ވާނީ ކަޕޫރުގެ "ޝަމްޝޭރާ"އަށް އުންމީދުކުރި ވަރާ ގާތަށް ވެސް ބޮކްސް އޮފީހުގައި ނަތީޖާ ދެއްކޭ ގޮތެއް ނުވެ ފްލޮޕް ވެއްޖެ އެވެ. ކަރަން މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ މި ފިލްމު ފްލޮޕްވުމުން ޑައިރެކްޓަރު ވަނީ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި ޑައިރެކްޓަރު ޝެއާ ކުރި މެސެޖެއްގައި "ޝަމްޝޭރާ"ގައި ބައިވެރިވި ފަންނާނުންނަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް މައާފަށް އެދިފައި ވެއެވެ. އަދި ފިލްމުގެ ނާކާމިޔާބީ އާ ކުރިމަތިލާނީ ވެސް އެންމެން އަތާ އަތް ގުޅާލައިގެން ތިބެ ކަމަށް ޑައިރެކްޓަރު ބުނެފައި ވެއެވެ.

ކަރަންގެ މެސެޖުގައި ބުނެފައިވާ ގޮތުގައި އެ ފިލްމަކީ އޭނާ ވަރަށް ޝައުގުވެރިކަމާއި ލޯތްބާއެކު އުފެއްދި ފިލްމެކެވެ. ނަމަވެސް ފިލްމު ރިލީޒްވުމަށްފަހު އޭނާއަށް ކުރިމަތިވި ފާޑުކިޔުންތަކުން ވީ ދެރައިންނާއި އައި ރުޅިން ހަރަކަށް ވަދެ ފިލާ އިނދެވުނީތީ ޑައިރެކްޓަރު ވަނީ މައާފަށް އެދިފަ އެވެ. އަދި އެއީ އޭނާގެ ހުރި ބަލިކަށިކަން ކަމަށް ގަބޫލުކުރާ ކަމަށް ޑައިރެކްޓަރު ބުނެފައި ވެއެވެ.

ފިލްމަށް ކްރިޓިކްސް އާއި ބެލުންތެރިން ވަރަށް ބޮޑަށް ފާޑުކިޔަސް ކަރަންގެ ޕޯސްޓަށް ކޮމެންޓު ކުރި ބައެއް މީހުން އޭނާއަށް ތާއީދުކޮށްފައި ވެއެވެ. އަދި ފިލްމު ކަމުނުދާ ކަމަށް ބުނެ މީހުން ކިތަންމެ ގިނަޔަސް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ އެމީހުންނަށް ފިލްމު ވަރަށް ކަމުދިޔަ ކަމަށެވެ.

"ޝަމްޝޭރާ"އަކީ ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފާއިތުވީ ދުވަސްތަކުގައި ޔާޝް ރާޖް އިން އުފެއްދި "ޖަޔޭޝްބާއީ ޖޯރްދާރް"، އަދި "ސަމްރަތު ޕްރިތުވިރާޖް"ވެސް ވަނީ ފްލޮޕް ވެފަ އެވެ.

މި ހުރިހާ ފިލްމަކީ ވެސް ބޮޑެތި ބަޖެޓުތަކަކުން އުފައްދާފައިވާ ފިލްމުތަކަށް ވާތީ މި ފިލްމުތައް ފްލޮޕްވުމުން ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް އެ ފިލްމު ކުންފުންޏަށް ވަނީ ލިބިފަ އެވެ.

"ޝަމްޝޭރާ" އަދިވެސް ސްކްރީނުތަކުގައި އަޅުވާފައި އެބަ އޮތެވެ. ނަމަވެސް ކުރިޔަށް އޮތް ހަފުތާގައި "އޭކް ވިލަން ރިޓާންސް" އާއި ސައުތު އިންޑިއާ ފިލްމެއް ކަމަށްވާ "ވިކްރާންތު ރޯނާ" ރިލީޒްކުރަން ހަމަޖެހިފައިވާތީ "ޝަމްޝޭރާ" ދެން މާ ގިނަ ދުވަހު ސިނަމާތަކުގައި އަޅުވާފައި ނުބޭއްވޭނެ އެވެ.