ބޮލީވުޑް

"ބިގް ބޮސް": ޝަމީތާ އާއި ރާގޭޝްގެ ލޯބި ނިމުމަކަށް

އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް އޯޓީޓީ"ގެ ދެ ބައިވެރިން ކަމަށްވާ ޝަމީތާ ޝެޓީ އާއި ރާގޭޝް ބާޕަޓްގެ ވަރުގަދަ ލޯބީގެ ގުޅުމަށް ނިމުން އަތުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ މި ދެ އެކްޓަރުން އެމީޙުންގެ އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޖެހި ޕޯސްޓެއްގައި މި ދެ މީޙުން އަބަދަށްޓަކައި ވަކިވެއްޖެކަން ޔަގީން ކޮށްދީފައި ވެއެވެ.

ޝަމީތާ ޕޯސްޓްކޮށްފައިވާ ބަޔާނުގައި އޭނާ އާއި ރާގޭޝް ވަކިވިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ދެ މީހުން ދެ ލޯބިވެރިންގެ ގޮތުގައި ތިބުމަށް އެދޭ ފޭނުންނަށް ޝަމީތާ ވަނީ އެ މީހުން އެކުގައި ކުޅެފައިވާ މިއުޒިކް ވީޑީއޯއެއް ހަދިޔާ ކޮށްފަ އެވެ.

ޝަމީތާ އަށް ފަހު ރާގޭޝް ވެސް ވަނީ އެ ދެ މީހުންގެ ގުޅުން ކެނޑިފައިވާކަމަށް ބުނެ ސޯޝަލް މީޑީއާގައި ޕޯސްޓެއް ޝެއާ ކޮށްފަ އެވެ. ނަމަވެސް މި ކަމުގެ ތަފްސީލަކަށް އޭނާ ނުދެ އެވެ.

ރާގޭޝް ބުނި ގޮތުގައި އޭނާ އަކީ ވަރަށް ޕްރައިވެޓް މީހެކެވެ. އެހެންވެ ޝަމީތާ އާއި ރުޅިވީކަން ވެސް އެންމެންނަށް އަންގަން ބޭނުމެއް ނުވެ އެވެ. ނަމަވެސް ޝަމީތާ އިސްވެ އެކަން ހާމަކުރުމުން އޭނާ ވެސް އެއީ ތެދެއްކަން އެމީޙުންގެ ފޭނުންނަށް އަންގާލަން ބޭނުންވީ އެވެ.

ޝަމީތާ އަކީ ބޮލީވުޑް ބައެއް ފިލްމުތަކުގައި ވެސް ބައިވެރިވެފައިވާ ބަތަލާ އެކެވެ. އަދި ޝިލްޕާ ޝެޓީގެ ކޮއްކޮ އެވެ. އުމުރުން 40 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ޝަމީތާ އާއި ރާގޭޝް "ބިގް ބޮސް"ގެ ގޭގައި ބަންދުވެފައި ތިބި ދުވަސްވަރު ވަރަށް އެކުވެރިކަމާއި ލޯތްބާއެކު އުޅެފައި ވެއެވެ. އަދި "ބިގް ބޮސް" ނިމުމަށްފަހު ވެސް އެމީހުންގެ ލޯބީގެ ގުޅުން އޮތެވެ. އަދި ދެ ފަރާތުގެ އާއިލާ ބައްދަލުކޮށް ކައިވެނީގެ ވާޙަކަތައް ވެސް ކޮންމެވެސް ވަރަކަށް ދެކެވިފައި ވެއެވެ.

މި ދެ މީޙުން ވަކިވާން ޖެހުނީ ކޮން ކަހަލަ މައްސަލައެއް ޖެހިގެން ކަމެއް އެމީހުން ހާމައެއް ނުކުރެ އެވެ.

ރާގޭޝް ކުރިން ކައިވެނިކޮށްގެން އުޅުނީ ޓީވީ ބަތަލާ ރިދީ ޑޮގްރާ އާއެވެ. އެ ދެ މީހުން ވަކިވިތާ ވެސް މިހާރު ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.