ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ޓީޗަރުން ހަމަކުރެވި ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި އެހެނިހެން ވަސީލަތްތައް ވެސް ލިބޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ ރާއްޖެއިން ބޭރުން އަލަށް އަންނަ ބިދޭސީ ޓީޗަރުންނާއި ޗުއްޓީއަށް ދިޔަ ބިދޭސީ ޓީޗަރުންވެސް މިހާރު ރާއްޖެ އަންނަމުންދާ ކަމަށާއި ކުރިއަށް އޮތް އޮގަސްޓް މަހުގެ ދެވަނަ ދުވަހު ޓީޗަރުން ސްކޫލުތަކަށް ނިކުންނަން ފަށާނެ ކަމަށެވެ.
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަތައް މިދިޔަ މެއި މަހު ސަރުކާރުން ބޮޑުކޮށްފައިވާތީ ތައުލީމީ ދާއިރާއަށް ޝައުގުވެރިވާ ދިވެހި ޓީޗަރުންގެ އަދަދު އިތުރުވެފައިވާތީ ކުރިއަށް އޮތް ދިރާސީ އާ އަހަރު ރާއްޖެ އަންނަ ބިދޭސީ ޓީޗަރުން މަދުވާނެ ކަމަށް ކުރިން އެޑިޔުކޭޝަން މިނިސްޓްރީން އޮތީ ބުނެފަ އެވެ.
އަހްމަދު އަލީ ވިދާޅުވީ ސްކޫލުތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ ފުރަތަމަ ބުރުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. ދެވަނަ ބުރުގައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށްވެސް ފޮތްތައް ހަމަކުރެވޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވި އެވެ.
"ދެން އެބައުޅޭ އަތޮޅުތެރެއިން މާލެއަށް ބަދަލުވާ ކުދިންނާއި އަތޮޅު ތެރޭގެ އެއް ރަށުން އަނެއް ރަށަށް ބަދަލުވާ ކުދިން. އެ ކުދިން އެ ބަދަލުވާ ތަނަކަށް ބަދަލުވުމުން އެކުދިންގެ ފޮތްތައް ފޮނުވުމުގެ ކަންކަންވެސް އަޅުގަނޑުމެން ހަމަޖައްސާނަން،" އަހްމަދު ވިދާޅުވި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ޗާޕް ކުރަނީ ގުރޭޑް 8 އިން ފެށިގެން ދަށް ގުރޭޑް ތަކުގެ ކުދިންގެ ފޮތްތަކެވެ. ގުރޭޑް 9 އިން ފެށިގެން 12 ވަނަ ގުރޭޑާ ދެމެދުގައި ކިޔަވާ ދަރިވަރުންނަށް ފޮތް ޗާޕް ކުރަނީ އެ ދަރިވަރުންގެ ޖުމްލަ އާބާދީގެ 15 ޕަސަންޓަށް ވާވަރަށެވެ. މަތީ ގުރޭޑް ތަކުގެ ދަރިވަރުންގެ ފޮތްތައް ޑިޖިޓަލްކޮށް ސްމާޓް ޑިވައިސްއެއް މެދުވެރިކޮށް ފޮތްތައް ލިބޭނެ އިންތިޒާމު ވެސް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާފަ އެވެ.
ދިރާސީ އާ އަހަރު ފެށޭއިރު މުޅިން އަލަށް އެއްވެސް ސްކޫލެއް ހުޅުވޭނެތޯ ދެންނެވުމުން އެހާތަނަށް އެއްވެސް ސްކޫލެއް ހުޅުވޭނެ ކަމުގެ ޔަގީންކަމެއް އަހްމަދު ނުދެއްވަ އެވެ. އެހެންނަމަވެސް ދިރާސީ އާ އަހަރު ފެށޭތާ ކުޑަދުވަސްކޮޅެއް ތެރޭގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ނިންމުމުގެ މަސައްކަތް ކުރަމުންދާ ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ހުޅުވޭނެ ކަމަށާއި އެތަނަށް ބޭނުންވާ ޓީޗަރުންނާއި ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހުޅުވޭނީ ކޮން އިރަކުންތޯ އެހުމުން އަހްމަދު ވިދާޅުވީ އެ ސްކޫލު ހުޅުވޭނެ ތާރީހެއް ދެންނެވޭނީ ބައެއް މައުލޫމާތު އިތުރަށް ސާފުކޮށްލުމަށްފަހު ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން ކުރިއަށް އޮތް ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ މިއަހަރުގެ އޮގަސްޓް ހަތްވަނަ ދުވަހު އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށްފަހު މިޑް ޓާމަށް ސްކޫލުތައް ބަންދު ވާނީ އޮކްޓޫބަރު ނުވަވަނަ ދުވަހަށެވެ. އަދި ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޑިސެމްބަރު 22 ވަނަ ދުވަހު އެވެ.
އޮގަސްޓްގައި ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ އަށްވަނަ ދުވަހު އެވެ.
ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމްގައި 92 ދުވަސް އަދި ދެވަނަ ޓާމްގައި 111 ދުވަހު ކިޔަވައިދޭނެ އެވެ.