( 26 ޖުލައި 2022 އާ ގުޅޭ )
"ދޮރު ލެއްޕީ." ދޮރާ ދިމާއަށް އިޝާރާތްކުރަމުން މާޔަލް ބުނެލިއެވެ.
"އަހަންނާއެއްނު މެރީ ކުރާން ތިއުޅެނީ." އިވާން ބުންޏެވެ.
އިވާން އައިސް އިށީނީ ކުޑަދޮރުގެ ކައިރީ ހުރި ސޯފާ ގޮނޑީގައެވެ. އެއީ ދެ މީހުންގެ ޖާގައިގެ ގޮނޑިއެކެވެ. ހަރަކާތެއްކުރާން ނޭނގިފައި ހުރި މާޔަލްއަށް އިވާން ބަލާލިއެވެ. އޭނާ މާޔަލްއަށް ގޮވާލިއެވެ. އައިސް އިވާންގެ ކައިރީ އެ ސޯފާގައި އިށީނުމަށް ބުންޏެވެ. ޖެހިލުންވާންވީ ސަބަބެއް ނެތްކަމުގައި އަމިއްލަ ނަފްސަށް ވިސްނައިދެމުން މާޔަލް އައިސް އިށީނެވެ. އެހެންވިޔަސް އޭނާއަށް ފާހަގަވީ އެހެންޏާ އިވާން ވާހަކަދައްކާއިރު ގެންގުޅޭ ލޯބިވެތި ގާތްކަން އެ އަޑުގައި ނެތްކަމެވެ. ދެން ވެސް މާޔަލް ވިސްނީ އިވާން ހިތްހަމަނުޖެހިފައި ހުރިވަރުން އައިސްގެން އުޅޭ ބަދަލެއް ކަމެވެ. ދެމެދަށް ވެރިވެގެން އުޅޭ ކިލަނބުކަން ފިލާނީ ވާހަކަދައްކައިގެންކަން މާޔަލްއަށް އެނގެއެވެ. ހުރިހާކަމެއް މާޔަލް އޮޅުންފިލުވާ ދިނުމުން އިވާން ހަމައަކަށް އެޅިދާނޭ އޭނާގެ ހިތް ބުނެއެވެ. އިވާންއަކީ އެހާ ހަރުކަށި މީހެއް ނޫންވިއްޔާއެވެ. ރުޅި ހަދާލިޔަސް މާޔަލްއަށް ޓަކައި އޭނާ ނިކަން އަވަހަށް ގޮތްދޫކުރާނެއެވެ.
"ވެއާ ވާ ޔޫ." އިވާން އެއްސެވެ.
"ޖޮބްގަ؟." މާޔަލް ބުންޏެވެ. އެހިނދު އިވާންގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އޭނާއަށް ޤަބޫލުނުކުރާން ދަތި ވާހަކައެއް މާޔަލް ބުނި ފަދައެވެ. އިސާހިތަކު އޭނާގެ ދެ ބުމަ ގުޅި ދަތްކުނޑިވިކާލައިފިއެވެ.
"ކޮންތާކު އޮތް ޖޮބެއް؟." އިވާންއަށް ބުނެވުނެވެ. އޭނާގެ ރާގު ހުރި ގޮތުން ދޭހަވަނީ މާޔަލް ކަމެއް ސިއްރުކުރާން ވެގެން ބަހަނާއެއް ދައްކަނީ ކަމުގައެވެ.
ވަޒީފާއަކަށް ނުކުންނަން ފަށައިފިކަން މާޔަލް ކިޔާދޭން ފެށީ އިސް އޮބާލައިގެން އިނދެއެވެ. އޭނާ ހާމަކުރީ ޢާއިލާއަށް ވެސް ކިޔާދިން ވަރަށެވެ. ފަރުވާތެރިކަމާއެކު މާޔަލްގެ ވާހަކަތައް އިވާން އަޑު އެއްސެވެ. ވަޒީފާއަކަށް މާޔަލް ނުކުންނަން ޚިޔާލުކުރިއިރު އެކަން އިވާންއާ ޚިއްޞާ ނުކުރީ ކީއްވެތޯ އޭނާ ވަގުތުން ސުވާލުކުރިއެވެ. މާޔަލްގެ ކޮންމެކަމެއްގައި އޭނާގެ ޚިއްޞާއެއް އޮންނަންވާނޭކަމުގައި އިވާން ބުންޏެވެ. އެކަކުއަނެކަކާ ކޮންމެކަމެއް ވެސް ޚިއްޞާ ކުރުވެންވާނޭ ކަމުގައި އިވާން ޤަބޫލުކުރެއެވެ. އެންމެ ބޮޑަށް އިވާން ހިތްހަމަނުޖެހުނީ މާޔަލް ވަޒީފާއަށް ނުކުންނަތާ މަހެއްވާން އުޅޭއިރު އޭނާގެ ކައިރީ އެ ވާހަކަ ބުނާނޭ ފުރުޞަތު މާޔަލްއަށް ނުލިބި ނުހުންނާނޭކަން އެނގޭތީއެވެ. ގަސްދުގައި މާޔަލް ނުބުނީއޭ އިވާންގެ ހިތް އެއްބަސްވެއެވެ. އަދި މިހާރު އެ ވާހަކަތައް އެ ކިޔާދެނީ އިތުރު ގޮތެއް ނެތިގެންކަން އިވާނަށް އެނގެއެވެ. މިއަދު އޭނާއަށް މާޔަލްމެންގެއަށް އެހާ ހެނދުނާ ދެވުން އެއީ ހަމަ ނަސީބެކޭ އިވާންގެ ހިތަށް އެރިއެވެ.
"ސިއްރުކުރީއެއްނޫން. ކީއްކުރަންތަ އިވާންއަށް ކަމެއް ސިއްރު ކުރަންވީ. ބުނެފީމެންނު މާޙައުލު ބަދަލުކޮށްލާ ހިތްވީއޭ." އިވާންއާ ދިމާއަށް އެނބުރިލަމުން މާޔަލް ވާހަކަދެއްކިއެވެ.
"ކާކު އެއީ؟. ކޮންފްރެންޑެއް؟." މާޔަލްއަށް ވަޒީފާ ހަމަޖެހުނީ ރައްޓެއްސެއް މެދުވެރިވެގެންކަން ބުނީތީ އެމީހަކު ހޯދަން އިވާން އަވަސްވިއެވެ.
"އިވާންއަކަށް ނޭނގޭނެ ބުންޏަސް. އެއީ ކިޔަވަން އުޅުނުއިރުގެ ފްރެންޑެއް. އޭނާއަށް އަހަރެންގެ ފިހާރައަށް އާދެވުނީ. އެތަނުން ދިމާވީ. އޮފީހުގައި ވަގުތީ ސްޓާފެއް ބޭނުންވެގެން އުޅޭކަން ބުނީ އަހަރެން އެކަމަށް ޚިޔާލުފާޅުކުރީމަ." އެންމެ ފުރަތަމަ އައިތަން ދުށް ދުވަހާއި އޭގެ ފަހުން އޭނާ މާޔަލްއާ ބައްދަލުކުރާން އައި ދުވަސް މަތިން ހަނދާން ކުރަމުން މާޔަލް ވާހަކައެއް ހަދާލީއެވެ.
"ނަމެއް އޮންނާނެއެއްނު ތިބުނާ މީހާގެ ވެސް. އެހެންނޫނަސް މީހެއްގެ ނިޔަތް ބުނާން މައްޔުއަށް އެނގޭނެތަ؟." އިވާން ބުންޏެވެ.
"އައިތަން ކިޔަނީ. މީހަކާ އިނދެގެން އުޅެނީ. އަހަރެން ވަރަށް އަވަހަށް ކައިވެނި ކުރާނެކަން އެނގޭނެ... ދެން ރުޅި މަޑުކުރޭ. ސޮރީ ފޯނަށް އާންސާ ނުކުރެވުނީމަ. ވައިބްރޭޓްވާގޮތަށް ފޯނު އޮތީ ދަބަހުގަ. އެހެންވެ މެސެޖު ކުރިކަން ނޭނގުނީ. އެނގުނުހާ އަވަހަށް އަހަރެން ގުޅީމެންނު. ބޮސް ހުއްޓާ، އޭނާއަށް އިވޭ ހިސާބުގައި އަހަރެންނަށް އިވާން ކުރާ ހުރިހާ ސުވާލަކަށް ޖަވާބެއް ނުދެވޭނެ ދޯ. އިވާން ވެސް އޮފީހުގައި އުޅޭއިރު ބައެއްފަހަރު ބުނަމެންނު ބައެއް ގަޑިތަކުގައި ވާހަކަދެއްކޭ ގޮތަކަށް ނޫނީ ހުރީ. އިވާން... އަތަށް ކިހިނެއްވެފަ ތިއޮތީ؟." މާޔަލް އިވާންގެ އަތުގައި އަތްޖައްސާލިއެވެ.
ގާތުގައި ބަލަހައްޓައިގެން އިން މާޔަލްއާ އިވާން ނަޒަރު ސީދާކޮށްލިއެވެ. އެ މޫނަށް ފަރުވާތެރިކަމާއެކު ބަލަން އިނެވެ. މާޔަލް ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އިވާން ކޮޅަށް ތެދުވިއެވެ. ކޮޓަރިތެރޭ މަޑުމަޑުން ދެކޮޅަށް އޭނާ ހިނގާލިއެވެ. ހުއްޓި މާޔަލްއަށް އަނެއްކާވެސް އޭނާ ބަލާލިއެވެ. ދެން އޭނާ ގޮސް ދޮރުފަތް ކައިރީ މަޑުކޮށްލިއެވެ. ދޮރުތަޅުލީކަން މާޔަލްއަށް އެނގުމާއެކު އޭނާ ވެސް ފުންމައިގެން ތެދުވެއްޖެއެވެ.
"އިވާން. މީހަކު އަތުވެދާނެ. މީ އަހަރެމެން އުޅޭ ގޮތެއް ނޫނެއްނު." މާޔަލް ހާސްވިއެވެ.
"ލެޓްސް ޑޫ އިޓް. އަހަރެން ބޭނުން." އިވާން އައިސް މާޔަލްގެ ގައިގާ ބައްދާލާފައި ނިކަން މަޑުމަޑުން ބުންޏެވެ.
"ވަޓް." މާޔަލްއަށް އިވާން ދައްކާ ވާހަކަ އެނގެއެވެ. އޭނާ އެ ގޮވާލަނީ ކޮންކަމަކައްކަން އެނގެއެވެ.
"މެރީ ކުރާން ހުރިހާކަމެއް ހަމަޖެހިފަ މިއޮތީ. ސޯ... މައްސަލައެއްނެތެއްނު." އިވާން ބުންޏެވެ. އޭނާ މާޔަލްގެ ކޯތާފަތުގައި ހިފަހައްޓާލިއެވެ. ޖެހިލުންވެފައިވާ ދެ ލޮލަށް އިވާން ބަލަން ހުއްޓެވެ.
"ނޯ..." މާޔަލް ބުނެލިއެވެ. ނަމަވެސް އެ އަޑެއް އިވާން ނޭހިއެވެ. ދެ ނޭވާ ގުޅުވާލީ އެކަމާ މާޔަލް ގަޔާނުވިޔަސް ހެޔޮކަމަށެވެ.
މާޔަލްއަށް އަނގައިން ބުނާނޭ ފުރުޞަތެއް ނުލިބުނެވެ. އޭނާގެ ދެ ތުންފަތް ވަނީ އިވާންގެ ގައިދުގައި ހައްޔަރުވެފައެވެ. މާޔަލްގެ ހިމަހިމަ އުނަގަނޑުގައި އިވާން ހިފާލީ ނުހަނު ބާރަށެވެ. އެނދުމައްޗަށް ދެމީހުން ވެއްޓުނީ އެކީގައެވެ. އިވާންގެ ކަރުގައި މާޔަލް ދެއަތްތިލަ ވަށާލައި ބާރުކުރާން ފެށިއެވެ. އެއާއެކު އިވިގެން ދިޔައީ އިވާންގެ ބާރު ހުނުމުގެ އަޑެވެ. އޭނާ މޫނު ދުރުކޮށްލުމާއެކު މާޔަލްއަށް ބަލާލިއެވެ.
"އާ ޔޫ ޓްރައިން ޓު ޗޯކް މީ... އެކްސައިޓިން. އައި ލައިކް އިޓް." ހިނިއައިސްފަ އޮވެ އިވާން ބުނެލިއެވެ. އޭނާގެ ދެ ލޮލުން މަސްތުކަމުގެ ފުސްކަން މާޔަލް ދުށްޓެވެ. ބައެއްފަހަރު އިވާން ނުހަނު ބޮޑަށް މާޔަލްއާ ގާތްވާން އެދެއެވެ. އެހެންނަމަވެސް މާޔަލް ނޫނެކޭ ބުނީމާވެސް ގަދަކަމުން ކަމެއްކުރިމީ ފުރަތަމަ ފަހަރެވެ.
"ޑޯންޓް ޑޫ ދިސް. އަހަރެން ބޭނުމެއްނޫން. މިހާރު ހުއްޓާލައިފިއްޔާ އަހަރެން އިވާންއަށް ފޮގިވް ކުރާނަން." މާޔަލް އަވަސްއަވަހަށް އިވާންގެ ކަރުން ދޫކޮށްލާފައި ވާހަކަދެއްކިއެވެ.
"ހުއްޓާލާކަށް ބޭނުމެއްނޫން." މާޔަލްގެ ކަރުދޮށުގައި މޫނު ފޮރުވާލަމުން އިވާން ބުންޏެވެ. އޭނާ މަޑަކުން ނޯތެވެ. އިވާންގެ ބީހުންތަކުން މާޔަލްއަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. އެހެންވިޔަސް އޭނާއަށް މާޔަލްގެ ރުހުމާއި ހިތްހަމަޖެހުން ބޭނުންނުވާ ކަހަލައެވެ.
ދޮރުގައި މީހަކު ޓަކި ޖެހި އަޑަށް އިވާން ސިހުނެވެ. މާޔަލްގެ ކައިރިން އިވާން ދުރަށް ޖެހުނެވެ. އެނދުން ފޭބުމާއެކު އޭނާ މާޔަލްއަށް ބަލާލިއެވެ. ފެންކަޅިވެފައިވާ ދެ ލޮލާއެކު މާޔަލްގެ މޫނުގައިވީ ހިތްދަތިކަމުގެ އަސަރެވެ. ހިއްލާލެވިފައިވާ ކުރުތާ ތިރިކުރަމުން މާޔަލް އަވަހަށް ހަށިގަނޑު ނިވާކޮށްލިއެވެ. ތެދުވެ އިށީންނަމުން ހޭވިފައިވާ އިސްތަށިގަނޑު މާޔަލް ރަނގަޅުކުރިއެވެ. ދޮރުގައި ޓަކި ޖަހަމުން އައިމީ ގޮވަން ފެށިއެވެ. އިވާން އައިސް ދޮރުހުޅުވިއެވެ. އެހެންވިޔަސް އޭނާ ދޮރު އެއްކޮށް ނުހުޅުވިއެވެ. އަދި ކޮޓަރިތެރެ ނުފެންނާނޭހެން އޭނާ ދޮރުމަތީ ހުއްޓުނެވެ.
"އެބައުޅޭން ދޯ." އައިމީއަށް އިވާންގެ އަތް ދޭތެރެއިން ކޮޓަރީގައި އަންހެންކުއްޖަކު އިންތަން ފެނުނީ ކިރިޔާއެވެ. އެހެންވިޔަސް އިވާންގެ ކޮޓަރިއަށް ވައްދާނޭ ހަމައެކަނި އަންހެންކުއްޖަކީ ކާކުކަން އައިމީއަށް އެނގެއެވެ. ފުޅާ ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ.
"މާޔަލް. ކޮންއިރަކު އައީ." އައިމީގެ އަޑު ގަދަވިއެވެ. އެހެންވިޔަސް ކޮޓަރިއަށް ވަނުމަށް ކޮއްކޮއަށް އިވާން ހުރަސްއެޅިއެވެ.
"މިގަޑިއަކުނޫން." ސީރިއަސް ރާގެއްގައި އިވާން ބުންޏެވެ. އައީމީއަށް ހައިރާންކަން ލިބުނެވެ. ބޭބެގެ މޫނަށާއި ޢަމަލުތައް ހުރި ގޮތާމެދު އައިމީއަށް ވިސްނާލެވުނެވެ. ހަމައެއާއެކު ކޮޓަރީގައި މާޔަލް އިންއިރު އޭނާއަށް ގޮވާ ވެސް ނުލާކަން އައިމީއަށް ފަހަގަވިއެވެ. އިވާންއާއި މާޔަލްއާ ދެމެދު ދެބަސްވުމެއް ހިނގަނީބާއޭ އައިމީ ހިތަށް އެރިއެވެ. އެހެންނޫނީ އޭނާ އައިސް ހުރިކަން އެނގޭއިރު ގޮވާނުލާ މާޔަލް ނީންނާނެއެވެ. މާޔަލް ރަނގަޅަށް ފެންނަވަރަކަށް އިވާން ދޮރުމަތިން ދުރަކަށް ވެސް ނުޖެހުނެވެ. އެހެންވެ އައިމީއަށް މާޔަލް އިން ހާލެއް ނުފެނެއެވެ.
"ދޮންބޭ... ތި ދެމީހުން އަނެއްކާވެސް ފައިޓިން ފެށީތަ." އައިމީ އަހާލީ ސިއްރުންނެވެ. ފަހަކަށް އައިސް އައިމީއަށް ފާހަގަވެފައި އޮތްކަމަކީ އިވާންއާއި މާޔަލްއާ ދެމެދު މައްސަލަ ޖެހޭކަމެވެ. އެކަމަކު އެކްސިޑެންޓަށްފަހު އެފަދަ މަންޒަރެއް ފެނުނުމީ ފުރަތަމަ ފަހަރަށެވެ. މާޔަލްގެ އެކްސިޑެންޓަށްފަހު އެކުވެރިޔާ ބަދަލުވެއްޖެކަން އައިމީއަށް ވެސް ފާހަގަވިއެވެ.
"ވާހަކަ ގިނަ ނުކުރޭ. މިތަނުން ދޭ." އިވާންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. އޭނާ އައިމީ އެއްޗެއް ބުނާކަށް ފުރުޞަތެއް ނުދިނެވެ. ކޮޓަރީގެ ދޮރު ލެއްޕީއެވެ.
"އަހަރެން ގެއަށް ދާން މިދަނީ. އިވާން ނަޔަސް އޯކޭ." ކޮޅަށް ތެދުވި ގޮތަށް މާޔަލް ކޮނޑުގައި އަތްދަބަސް އަޅުވާލުމާއެކު ބުންޏެވެ.
"މާޔަލް..." އިވާން ގޮވާލީ މަޑުމަޑުންނެވެ. ކުރިޔަށް ފިޔަވަޅެއް އަޅާލި އިރަށް މާޔަލް ހުއްޓޭށޭ އަތުން އިޝާރާތްކޮށްފިއެވެ. ނެގި ފިޔަވަޅުމަތީ ހުއްޓި ހުރިއިރު ކުރެވެން އުޅުނު ކަންތަކާމެދު އިވާންގެ ޟަމީރު ލަދުގެންފައި ހުރި ކަހަލައެވެ.
"މިރެޔަށް ވާވަރު ވެއްޖެ." އިތުރަށް ވާހަކަ ނުދައްކާށޭ ބުނާ ފަދައަކުން މާޔަލް ބުންޏެވެ.
"ހިނގާ އަހަރެން ގެންގޮސްދޭނަން. އަހަންނާއެކު އެއްނު އައީ." އިވާން ބުނެލިއެވެ.
"މިރޭ އިވާންއާއެކު ދާކަށް ބޭނުމެއްނޫން." މާޔަލް އައިސް ދޮރުހުޅުވާލިއެވެ. އެހިނދު އިވާން ކުއްލިއަކަށް މާޔަލްގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު މާޔަލްގެ ފޯނަށް ކޯލެއް އަންނަކަން އަތްދަބަސް ތެރެއިން ފޯނު ވައިބްރޭޓްވާން ފެށުމުން އެނގުނެވެ. އަތްދަބަހުގެ ތެރެއިން ފޯނު ނެގުމާއެކު ވަގުތުން އެ ކޯލު މާޔަލް ކަނޑާލައިފިއެވެ. އަދި ދޮރުހުޅުވަން މާޔަލް އުޅުނުހިނދު އިވާން ކުއްލިއަކަށް އައިސް މާޔަލްގެ އަތުގައި ހިފައިފިއެވެ.
"ދޫކޮށްލާ." އިވާންއަށް ބަލާލަމުން އަތުން ދޫކޮށްލާށޭ މާޔަލް ބުންޏެވެ.
"މައްޔު... ސޮރީ... އައި ލޮސްޓް އިޓް." އިވާން ކަންބޮޑުވިއެވެ. ނަމަވެސް ހާމަކުރީ ހަޤީޤަތެވެ. އޭނާ މިރޭ ހަމައިންނެއްޓީއެވެ. މާޔަލް އަމިއްލަ ކުރުމުގައި ހައްދުފަހަނައަޅައިދާން އުޅުނީއެވެ. ކޮޓަރީގައި ޓަކި ނުޖެހިނަމަ ޚުދު އޭނާ ހުރިހާ އިމެއް ފަހަނައަޅައި މިރޭ ދިޔައީސްކަން ގައިމެވެ. މާޔަލް ގެއްލިދާނެކަމުގެ ބިރު އިވާންގެ ބުއްދި ގޯސްކުރުވީއެވެ. ސަބަބެއްނެތިއެއް ނޫނެވެ. އެހެން އެއްވެސް މީހަކަށް ނޭނގޭ ހަޤީޤަތެއް އޭނާއަށް އެނގޭތީވެއެވެ.
"މިރޭ އަހަރެން ދާން ދޫކޮށްލާ. ފަހުން ގުޅާ... ފަހުން ވާހަކަދައްކާނީ. މިވަގުތު އަހަރެން ބޭނުންވަނީ މިތަނުން ދާން." މާޔަލްގެ އަޑުގައިވީ ތަފާތު ހިމޭންކަމެކެވެ. އޭނާ ރުޅިއައިސްފަކަމެއް ނޫނީ ހިތުގައިޖެހިފައި ކަމެއް ހުރީ ބުނާން އިވާންއަށް ދަތިވިއެވެ. އެހެންވިޔަސް މާޔަލްގެ އަތުން އިވާން ދޫކޮށްލިއެވެ. އެއާއެކު ހަލުވިފިޔަވަޅުގައި މާޔަލް އެ ކޮޓަރިން ނުކުމެއްޖެއެވެ. ވަކި ހިސާބަކުން އޭނާ ދުއްވައިގަނެއްޖެއެވެ.
މަގުމައްޗަށް ނުކުމެވުމުން މާޔަލް ހަށިފުރާ ފުންނޭވާއެއް ލިއެވެ. އޭނާގެ ފޯނު އަނެއްކާ ވެސް އަތްދަބަހުގެ ތެރެއިން ނެގިއެވެ. ހުއްޓާނުލާ އެ ގުޅަނީ އައިރިކްއެވެ. އޭނާއަށް ވެސް އެނގުނީ މިވަގުތު ގުޅާށެވެ. މާޔަލް އަނެއްކާވެސް ކޯލު ކަނޑާލީއެވެ. ހުޅުވުނު ދޮރޯށިން ނުކުތްތަން ފެނުނީ އިވާނެވެ. އޭނާ ހުރީ މާޔަލް ހުއްޓުވަން ބޭނުންވެފައެވެ. ނަމަވެސް ކައިރިވާކަށް ނުކެރުނެވެ. މާޔަލްއަށް ޓެކްސީއެއް ގެނެސްދެންތޯ އިވާން އަހާލިއެވެ. އެއާއެކު މާޔަލް ބޯޖަހާލިއެވެ. ޓެކްސީ އަންނަންދެން ދޮރޯށި ކައިރީ މާޔަލްއާއެކު އިވާން ހުއްޓެވެ. ދެއަތްއުރާލައިގެން މަގުމައްޗަށް ބަލަހައްޓައިގެން މާޔަލް ހުރިއިރު އޭނާ އެ ހުރީ ގަސްދުގައި އިވާންއަށް ނުބަލާށެވެ. ދޭތެރެއަކުން އިވާން އޭނާއަށް ބަލާކަން އެނގޭއިރު ވެސް މެއެވެ.
"މައްޔު... ސޮރީ..." އިވާން މަޑުމަޑުން ބުނެލިއެވެ. ނަމަވެސް މާޔަލް ވާހަކައެއް ނުދެއްކިއެވެ.
ޓެކްސީ އައިސް މަޑުކޮށްލުމާއެކު އިވާން އަވަހަށް އައިސް ފަހަތު ދޮރުފަތް ހުޅުވާލަ ދިނެވެ. މާޔަލް އަރާ އިށީނުމުން ފަހުން ގުޅާނަން ކަމުގައި އިވާން ބުނެ ދޮރުފަތް ލައްޕާލީއެވެ. ޓެކްސީގައި ހަމަޖެހިލުމާއެކު މާޔަލްގެ ފޯނު ސައިލެންޓްކޮށްލިއެވެ. މިވަގުތު އޭނާއަކަށް އެއްވެސް އެއްޗެއް ނުވިސްނެއެވެ. އައިރިކްއާ ވާހަކަދައްކާނޭ ހިތްވަރެއް ނެތެވެ. ޖަޒުބާތުތައްވަނީ އޮޅުންބޮޅުންވެފައެވެ.
* * * * *
އަތުގައި އޮތް ފޯނު ގެނެސް ތުންފަތުގައި އައިރިކްއަށް ޖައްސާލެވުނެވެ. މާޔާއަށް ގުޅީ ވަރަށް ފޮނި އުންމީދާއެކީގައެވެ. އޭނާ ގުޅުމުން މާޔާ ފޯނުކޯލު ނަގާނޭކަމުގެ ޔަގީންކަމެއް ހިތުގައި އޮތެވެ. ނަމަވެސް އޭނާ އުންމީދު ކުރިގޮތެއް ނުވިއެވެ. އެގާރަ ފަހަރު އޭނާ މާޔާއަށް ގުޅައިފިއެވެ. ފޯނެއް ނުނެގިއެވެ. ލިބުނު މާޔޫސްކަމުގެ މައްޗަށް ރުޅިވެރިވިއެވެ. މަސްފެންގަނޑު ކައިރީ ހުރި ބެންޗުން ތެދުވެގެން އައިރިކް އައިސް ގޭތެރެއަށް ވަނެވެ. ހުރިހާ ދޮރުތަކެއް އޭނާ ބަންދުކުރިއެވެ. އުނދޯލީގައި އަތް ޖެހުމުން އޭނާ އޭގައި އިށީނެވެ. ދެފައި އެލުވާލައިގެން އިނދެ އުނދޯލީގައި އޭނާގެ ހަށިގަނޑު ދަމާލައިފިއެވެ. މިރޭ އެތަނުގައިވީ ކަނުއަނދިރިކަމެވެ. އެބައިގެ ބޮކިތައް ދިއްލަން މީހަކު ނާންނަނަމަ ރޭގަނޑު އެތަނަކީ އަނދިރީގެ ހިމޭންކަމުގައިވާ މެހެފިލްއެކެވެ. އެ ހިމޭންކަމުގައި ބައެއް ރޭ ރޭ ހަމައެކަނި އިވޭނެ އަޑަކީ އުނދޯއްޔެއްގެ ހެއްލުމުގެ އަޑެވެ. އެ ހިމޭންކަމާއި އަނދިރީގައި ރަސްކަންކުރާ ރާޖާގެ އެކަނިވެރިކަމާއި ހިތްދަތިކަމުގެ ދާސްތާން އަޑު އަހާނޭ ކަންފަތެއް ނުވެއެވެ. އޭނާގެ އިޙްސާސްތަކުގައި ބައިވެރިވަމުން އައީ އެ ހިމޭންކަމެވެ.
"މާޔާ..." އައިރިކް ކިޔާލިއެވެ.
ރޭގަނޑު އެގާރަޖެހިކަން އައިރިކްގެ ފޯނުން ގޮވާލިއެވެ. އުނދޯލީގެ ހުރަހަށް ދެފައި އެލުވައިލައިގެން އަދިވެސް އޭނާ އޮތީއެވެ. ދޭތެރެއަކުން ފައިން ކޮށްޕާލަނީ އުނދޯލީގެ ހެއްލުން މަޑުޖެހިލީމައެވެ. އެހެންއޮއްވާ ފޯނު ރިންގުވާން ފަށައިފިއެވެ. މޭމަތީ ބާއްވާލި ފޯނު ނަގަމުން ކުއްލިއަކަށް އައިރިކް ތެދުވެ އިށީނދެއްޖެއެވެ.
"ހެލޯ..." އައިރިކް ފޯނު ނެގި ގޮތަށް ބުނެލިއެވެ.
"ކަމަކުތަ ގުޅީ." އައިރިކްގެ ކަންފަތުގައި ޖެހުނީ އޭނާގެ ހިތުގެ މަލަކާގެ އަޑެވެ. އެއީ ހަމަ އެ އަޑެވެ. މާޔާގެ އަޑު ފޯނުން އަހާލަން އޭނާ އެހާވަރަކުން ބޭނުންވީ އެކަން ޔަގީން ކުރާށެވެ.
"ކީއްކުރަނީ... ބިޒީތަ؟." އައިރިކް އަހާލިއެވެ. އޭރު އޭނާއަށް ލިބިފައިވި މާޔޫސްކަން ފިލައި ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
"ނިދަން މިއުޅެނީ. ބޮސް އެހާވަރަށް ގުޅާފަ އޮތީމަ. ކަމަކުތަ ގުޅީ." މާޔަލްގެ އަޑުގައި އެއްވެސް ގާތްކަމެއް ނެތެވެ.
"ރިކް ކިޔާށޭ ބުނީމެންނު. ކިހިނެއްވީ ފޯނު ނުނެގީ." މާޔާއާ ވާހަކަދައްކާއިރު އައިރިކް ގެންގުޅޭ ރާގު އެ އަޑުގައި ހުއްޓެވެ. ސަމާސާއާއި ޖެއްސުމުގެ ގޮތެވެ. އޯގާތެރިކަމާއި ހަރުކަށިކަމެވެ.
"ސޮރީ. އެވަގުތު ނުނެގުނީ. ކަމެއްނެތިއްޔާ ދެން ބާއްވަނީ. މާދަމާ ގަޑިއަށް ދާނަން." މާޔަލް ބުންޏެވެ.
"މާޔާ... ކަމެއްވީތަ؟. ކަމަކާ ދެރަވެފަތަ؟." އައިރިކްއަށް އަހާލެވުނެވެ.
ޖަވާބެއްނުދީ މާޔަލް އިރުކޮޅަކު ހުއްޓެވެ. ދެން އިވުނީ ފޯނު ކޯލު ކެނޑުނު އަޑެވެ. އައިރިކް ވަގުތުން މާޔާއަށް ގުޅިއެވެ. އޭނާ ފޯނެއް ނުނެގިއެވެ.
"މާޔާއަށް ކަމެއްވީތަ؟." އައިރިކްއަށް އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ.
ފޯނުގެ ރަނގަބީލާއެކު އައިރިކް އަތް ދަމާލިއެވެ. އެނދުއަރިމަތީ މޭޒުން ފޯނު ނެގިއެވެ. އެ ރަނގަބީލު އައިރިކްއަށް އެ އެންގީ ތެދުވަންވީ ވަގުތު ޖެހިއްޖެކަމެވެ. އުޅާހަށް ދެމެމުން އޭނާ އެނދުން ތެދުވިއެވެ. ލޯ ހުޅުވާލި ވަގުތު ވީ ގޮތަކުން އޭނާގެ ހަށިގަނޑުގެ ހަމަ ގެއްލުނެވެ. އެނދުމައްޗަށް ވެއްޓުނު ފަދައަކުން އިށީނދެވުނީއެވެ. ވަގުތުން ދެ ލޯ މަރައިލައިފިއެވެ. އަދި ނިކަން ބަލައިގެން ލަސްލަހުން އެސްފިޔަތައް ދުރުކޮށްލައިފިއެވެ. ކަޅު ބޯ ދުންފުސްގަނޑެއް ފެންނަ ފަދައެވެ. އެއްޗެއް ސާފެއްނުވެއެވެ. އެކަމަކު ކަޅުކަން ގަދަ ހިޔަނިތަކެއް އެބަހުއްޓެވެ. އައިރިކްއަށް އަނެއްކާވެސް ދެ ލޯ މަރާލެވުނީއެވެ. ދެ ލޮލާއެކު ނިތްކުރީގައި އޭނާ ދެއަތުން ހިފަހައްޓާލިއެވެ.
"ކިހިނެއް މިވަނީ..." އައިރިކްއަށް ބުނެވުނެވެ. އޭނާ ލޮލެއް ނުހުޅުވިއެވެ. އެނދުން ތެދުވެގެން ފާޚާނާއަށް ގޮސް ވަނީ ވެސް ލޯ މަރައިގެން ހުރެއެވެ.
* * * * *
ލަސްލަހުން އެސްފިޔަތައް ތަޅުވާލުމާއެކު މާޔަލް ލޯ ހުޅުވާލިއެވެ. ދެ ލޮލުން ދިލަނަގާފަދަ އާތްވެއްގެ އިޙްސާސް ކުރެވުނެވެ. ރޭ އޭނާއަށް ނިދެންދެން ރުއިމުގެ ނަތީޖާކަން އެއީ މާޔަލްއަށް އެނގުނެވެ. މަޑުމަޑުން ލޮލުގައި ފިރުމާލިއެވެ. އިވާން ކުރާން އުޅުނު ކަންތަކާމެދު މާޔަލް ބިރުގަތެވެ. އެކަމަކު އެއަށްވުރެ އޭނާއަށް ވިސްނުނީ އިވާން އެހިސާބަށް އެ ދިޔައީ އޭނާގެ ސަބަބުން ކަމަށެވެ. ލޯބިވެރީންގެ ގޮތުގައި އެ ދެމީހުން އެހާ ދުވަސްވީއިރު ވެސް ދެމެދުގައި ގާތްކަމެއް ނެތެވެ. އިވާންގެ ކޮންމެ އިސްނެގުމެއް މާޔަލް އެއްފަރާތްކޮށްލަނީއެވެ. ލޯބިވެރީންގެ މެދުގައި އެއީ މައްސަލައެއްނޫންކަން އިވާން ބުނާއިރު ވެސް އެ ފުރުޞަތު ދޭން މާޔަލްއަށް އުނދަގުލީއެވެ. އެކަން މިހާރު ވަކިން ބޮޑަށް އޭނާއަށް އިޙްސާސް ކުރެވެނީއެވެ. އައިރިކްއާ ބައްދަލުވީ ފަހުންނެވެ. ލޯބިވެރިޔާގެ އިސްނެގުންތަކާއި ބީހުންތަކުން ހިތްއަވަސްނުވާންވީ ސަބަބެއް މާޔަލްއަށް ބަޔާންކުރާކަށް ނޭނގެއެވެ. ސިކުނޑިއާއި ހިތުގައި އަތްފުނާ އެޅިއްޖެއެވެ. އެހެންވާންޖެހޭ ސަބަބު ނުހޯދުނެވެ. އެކަމަކު އައިރިކްގެ ގާތުގައި މާޔަލްގެ އިޙްސާސްތައް ހިފެހެއްޓުން އެއާ ދިމާ އިދިކޮޅެވެ.
"މޭބީ އައި ޝުޑް ސްޓޮޕް ދިސް. އައި އޭމް ހާޓިން އިވާން. ކައިވެނި ހަމަޖެހިފަ އޮއްވާ އަހަރެން އުޅޭން ޖެހޭނީ ވިސްނައިގެން." ފެންވަރަން ހުރިއިރު މާޔަލްގެ ސިކުނޑީގައި ހިނގަމުން ދިޔައީ އިވާންއާއި އައިރިކްގެ ޚިޔާލުތަކެވެ. އިވާން ގޯސް ހަދައިފިކަން އެނގުނަސް މާޔަލް ހުރީ މަޢާފުދޭށެވެ. ދެމެދުގައި އޮތް ދުވަސްވީ ގުޅުމުގެ ސަބަބުންނެވެ. އިވާން ލޯބިވާވަރު އެނގޭތީއެވެ. ކައިވެނި ހަމަޖެހިފަ އޮތީމައެވެ. ދެ ޢާއިލާއިން ވެސް އެ ދެމީހުން ބަލައިގެންފައިވާވަރު އެނގޭތީއެވެ. މީ އެންމެ ރަނގަޅު ގޮތްކަމުގައި މާޔަލްއަށް ހީވަނީއެވެ. އޭނާއަކީ މީހެއްގެ ހައްޤެއްކަން އެނގިއްޖެނަމަ އައިރިކް ވެސް ފަހަރެއްގައި އެ އުޅޭ ގޮތް ބަދަލުވެދާނޭ މާޔަލް ހީކުރިއެވެ. އައިރިކް ކައިރީ ކޮންމެވެސް ސިފައެއްގައި އެކަން ހާމަކުރާން މާޔަލް ނިންމީ އެހެންވެއެވެ. (ނުނިމޭ)