ތުރުކީ

ދެން އޮތީ ޔުކްރޭން ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރުން: ތުރުކީ

ރަޝިއާ އާއި ޔުކްރޭންއާ ދެމެދު ގޮވާން އެކްސްޕޯޓް ކުރަން އެއްބަސްވުމެއްގައި ސޮއިކުރެވުން ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެ ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި ދެން އޮތީ ޔުކްރޭން ހަނގުރާމަ ހުއްޓުމަށް މަސައްކަތް ފެށުމެވެ.

މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުން ޔުކްރޭނުން ގޮވާން ބޭރުކުރަން ވެވުނު އެއްބަސްވުން ދެމެހެއްޓިއްޖެ ނަމަ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ކޮންމެވެސް ވަރެއްގެ އިތުބާރެއް އުފެދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ތުރުކީއަށް ވަޑައިގެން އުޅުއްވާ ޖޯޖިއާގެ ފޮރިން މިނިސްޓަރު، އިލިއާ ދާޗިއާސްވިލީ ގެ އަރިހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ވަޒީރު ވިދާޅުވި ގޮތުގައި އިސްތަމްބޫލްގައި މިދިއަ ހުކުރު ދުވަހު އދ. އާއި ތުރުކީ މެދުވެރިވެރިންގެ ގޮތުގައި މަސައްކަތްކޮށް ރަޝިއާ، ޔުކްރޭނާ އެކު ސޮއިކުރެވުނީ މުހިންމު އެއްބަސްވުމެއްގަ އެވެ.

އެއްބަސްވުމުގެ ސަބަބުން ދުނިޔެއަށް ކާންދިނުމަށް ޔުކްރޭނުން ގޮވާން ބޭރުކުރުމުގެ އިތުރުން ރަޝިއާއިން ވެސް ގޮވާމާއި ގަސްކާނާ މާކެޓަށް ސަޕްލައި ކުރެވޭނެ ކަމަށެވެ.

ގޮވާން އެއްބަސްވުމުގައި ލިޔެވުނު ފަދައިން ޝިޕްމަންޓްތައް ބަލައި ފާސްކުރުމަށް ޓަކައި ކޯޑިނޭޝަން ސެންޓަރުތަކެއް ތުރުކީގައި ވަނީ މިހާރު ގާއިމުކޮށްފަ އެވެ.

ތުރުކީ ވަރަށް މުހިން ދައުރެއް އޮވެގެން ހުށަހެޅި އެއްބަސްވުންތަކަށް މޮސްކޯ އާއި ކީޔެވް އެއްބަސްކުރުވައި ޔުކްރޭންގެ އޮދެއްސާ ބަނދަރު މިހާރު އޮތީ ހުޅުވާލާފަ އެވެ. އަދި ރަޝިއާ، ޔުކްރޭނަށް އިތުބާރު ކުރެވޭ ފެންވަރަށް ކޯޑިނޭޝަން ސެންޓަރުތައް ގާއިމުކުރެވުމުން ގޮވާން ބޯޓުފަހަރުގައި ޝިޕްމަންޓްތައް ދުނިޔޭގެ ބާޒާރަށް ކަޅުކަނޑު ހުރަސްކޮށް ދަތުރުކުރާނެ އެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އަރައިގަތް ފަހުން ގޮވާން ބޭރުކުރުމަށް އޮތީ ވަރަށް ބޮޑަށް ހުރަސްއެޅިފަ އެވެ.

އެއީ ޔުކްރޭންގެ ބަނދަރުތަކުގައި މައިން ވަޅުލައި ކަނޑު އުޅަނދުފަހަަރު ދަތުރުކުރުން ހުއްޓުވާފައި އޮތުމުންނެވެ. އަނެއްކޮޅުން ޔުކްރޭންގެ ބަނދަރަކުން ކަޅުކަނޑަށް ނުކުތުމުގެ ކުރިން އެ އުޅަނދަކަށް ރަޝިއާގެ ހަމަލާއެއް ނާރާނެކަން ކަށަވަރު ކޮށްދެވިފައި ނެތުމުންނެވެ.

މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި ގޮވާން ޑީލަށް ފަހު ޔުކްރޭން ހަނގުރާމަ ހުއްޓުވަން ތުރުކީ އިސްނަގާނެ އެވެ. އުންމީދަކީ ވަޒީރު ވިދާޅުވި ގޮތުގައި މޮސްކޯ އާއި ކީޔެވް މަޝްވަރާ ބަލައިގަނެ ދިމާވެފައި އޮތް ނިކަމެތިކަމުން އަރައިގަތުމަށް އެއްބާުރުލުމެވެ.