ފިނޭންސް މިނިސްޓްރީ

ފިނޭންސުގެ ޕްރޮކިއުމަންޓް ހެޑް ކުއްލިއަކަށް ނިޔާވެއްޖެ

Jul 29, 2022
2

ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ހެޑުގެ މަގާމުގައި ހުންނެވި އަހުމަދު މުޖްތަބާ ކުއްލިގޮ ތަކަށް މިއަދު ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މުޖުތަބާ ކުއްލިގޮތަކަށް ނިޔާވީ އޭނަގެ ރަށުގައި އާއިލާ ކައިރީގައި އުޅެނިކޮށް ކުއްލިގޮތަކަށް ދެ ކިޑްނީ ފެއިލް ވެގެންނެވެ.

ރާއްޖޭގެ ޕްރޮކިއުމަންޓް ދާއިރާގެ އެންމެ ތަޖުރިބާހުރި އެއް ބޭފުޅާ ކަމަށްވާ ޒުވާން މުޖުތަބާއާއެކު މަސައްކަތް ކުރާ ފިނޭންސުގެ މުވައްޒަފަކު ބުނި ގޮތުގައި މުޖުތަބާއާއެކު އިއްޔެ ނޫން ކުރީ ދުވަހު ވެސް ވާހަކަ ދެއްކި އެވެ.

އަދި އޭގެފަހުން އެނގުނީ އޭނާ ބަލިވެގެން ހޮސްޕިޓަކަށް ދިޔަ ހަބަރެވެ. އަދި ގދ. ތިނަދޫ ހޮސްޕިޓަލުގައި ހެދި ޓެސްޓްތަކުން ކިޑްނީ ފެއިލްވެފައި ހުރިކަން އެނގުމުން މާލެ ގެނައުމުގެ މަސައްކަތް ފެށި އެވެ.

"މާލެ ގެންނަން މަސައްކަތްކޮށް ޗާޓަރު ފްލައިޓެއްގައި މިއަދު ގެނައީ. އޭގެފަހުން އަޅުގަނޑު ނިދަން އޮއްވައި އެނގުނީ މުޖޫ އަށް ސީޕީއާރު ދެމުން ދިޔަކަން. ފަހުން އިވުނީ ނިޔާވި ހަބަރު. މުޖޫ ވަރަށް އެކްޓިވްކޮށް ފުޓުބޯޅަ ވެސް ކުޅެއުޅޭ،" ނަން ނުޖެހުމަށް އެދި ބުންޏެވެ. "ހުރިހާ މީހުންނާވެސް ގުޅިގެން މަސައްކަތް ކުރައްވާ ހިތްހެޔޮ ބޭފުޅެއް އެއީ."

ހަތަރު ކުދިންގެ ބައްޕައެއް ކަމަަށްވާ މުޖުތަބާ ނިޔާވިއިރު އޭނާ ހުންނެވީ ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެކްޒެކެޓިވް ހެޑް އޮފް ޕްރޮކިއުމަންޓް ޕޮލިސީ ޑިޕާޓްމަންޓުގަ އެވެ.