މަރު

މުޖްތަބާގެ ކުއްލި ވަކިވުން، އާއިލާއަށް އެކުވެރިންނަށް ޝޮކެއް

ފިނޭންސް މިނިސްޓްރީގެ ޕްރޮކިއުމަންޓް ހެޑުގެ މަގާމުގައި ހުންނެވި އަހުމަދު މުޖްތަބާ އަކީ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރެއްވުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އަހުމަދު މުޖްތަބާ ކުއްލި ގޮތަކަށް މިއަދު ނިޔާވުމާއި ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި މުޖުތަބާ ކުއްލިގޮތަކަށް ނިޔާވީ އޭނަގެ ރަށުގައި އާއިލާ ކައިރީގައި އުޅެނިކޮށް ކުއްލިގޮތަކަށް ދެ ކިޑްނީ ފެއިލް ވެގެންނެވެ. މުޖްތަބާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ފިނޭންސް މިނިސްޓްރީން ބުނީ 2008 ވަނަ އަހަރު އެ މިނިސްޓްރީގެ ހިދުމަތާއި ގުޅުމަށް ފަހު މިދިޔަ 14 އަހަރުގެ ތެރޭގައި ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރެއްވުމުގައި ވަރަށް އިސް ދައުރެއް މުޖްތަބާ އަދާ ކުރައްވާފައިވާ ކަމަށެވެ.

އަދި މުޖްތަބާގެ ކުއްލި ވަކިވެދިއުމަކީ އެ މިނިސްޓްރީ އާއި މުވައްޒިފުންނަށް ލިބުނު ބޮޑު ހިތާމައެއް ކަމަށެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިއަދަކީ ފިނޭންސްގެ ހުރިހާ މުވައްޒަފުންނަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.

"މުޖުތަބާ އަކީ ހިތްހެޔޮ ގާތް ރަހުމަތްތެރި އެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މުުޖްތަބާގެ ކުއްލި ވަކިވުމުގެ ސަބަބުން އާއިލާ އާއި ރަހުމަތްތެރީންނަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. ވަރަށް ގިނަ ބަޔަކު ދަނީ މުޖްތަބާއަށް ހެޔޮ ރަހްމަތަށް އެދި އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. މުޖްތަބާއާ ގުޅޭގޮތުން ވާހަކަ ދެއްކި ކޮންމެ މީހަކުވެސް ވަނީ އޭނާގެ ހިތްހެޔޮ ކަން ފާހަގަ ކޮށްފައެވެ. އަދި އެއީ އެންމެނާއިވެސް ގުޅޭ މަަސައްކަތުގެ އަހުލާގު ހުރި ހަރުދަނާ ބޭފުޅެއް ކަމަށެވެ.

އުމުރުން 39 އަހަރުގައި ނިޔާވި މުޖްތަބާގެ ކަށުނަމާދު އޮތީ މިރޭ މަގުރިބު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ.