ލައިފްސްޓައިލް

މަންމަ ހިނިތުންކުރުވަން ކަލާމް ކުރުވި ހުވާ

އިންޑިޔާގެ ކުރީގެ ރައީސް އެއް ކަމަށްވާ އޭޕީޖޭ އަބްދުލް ކަލާމް އަކީ ވަރަށް މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ކަލާމްގެ ވާހަކަފުޅު އަޑުއަހާލުމަށް ވަރަށް ގިނަ ބަޔަކު ޝައުގުވެރިވަނީ އެ ވާހަކަފުޅުތަކުގައި ދެއްވާ ވަރުގަދަ މެސެޖުތަކުންނާއި ދައްކަވާ އިބުރަތްތެރި ވާޙަކަފުޅު ތަކުގެ ސަބަބުންނެވެ.

އެއްފަހަރަކު އެމަނިކުފާނު އޯޑިއަންސަކާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅެއް މި ފަހަކުން ސޯޝަލް މީޑިއާގައި ވައިރަލް ވެފައި ވެއެވެ.

މި ވާހަކަފުޅުގައި ކަލާމް ވިދާޅުވަނީ ޓިރުޕަތީ ކިޔާ ރަށެއްގެ ޒުވާނުން ތަކަކާ ބައްދަލުކޮށް އެމީހުން ލައްވާ އެމަނިކުފާނު ކުރުވި ހުވައެއްގެ ވާޙަކަ އެވެ. އަދި ހަމަ އެ ހުވާ އޯޑިއަންސްގައި ތިބި އެންމެން ލައްވާ ވެސް އެމަނިކުފާނު ކުރުވާތަން މި ވީޑީއޯގައި ފެނެ އެވެ.

"މިއަދުން ފެށީގެން ކޮންމެ ދުވަހަކުވެސް އަހަރެންގެ މަންމަ ހިނިތުން ކުރުވާނަމެވެ." އެންމެން ލައްވާ އެމަނިކުފާނު ކުރުވީ މި ހުވަ އެވެ.

"މަންމަ ހިނިތުންވާނަމަ މުޅި އާއިލާ ވެސް ހިނިތުންވާނެ. އަދި އެކަމުގެ ސަބަބުން އާއިލާގެ ތެރޭގައި އުފާވެރިކަމުގެ އޮއިވަރެއް ދެމިގެން ދާނެ،" އަބްދުލްކަލާމް ވިދާޅުވެފައި ވެއެވެ.

ޓުވިޓާގައި މި ވީޑީއޯ އަށް ކޮމެންޓުކުރި މީހުން ބުނެފައިވަނީ "މިސައިލް މޭން އޮފް އިންޑިޔާ"ގެ ބަލާޣާތްތެރި ބަސްކޮޅު ހަމަ ހަގީގަތުގައި ވެސް ވަރަށް މޮޅު ކަމަށެވެ. އަދި ކަލާމް ވަރުގެ ވާޙަކަދެއްކުންތެރިއަކު ދެން ނުފެންނާނެ ކަމަށް ވެސް ބައެއް މީހުންގެ ކޮމެންޓުގައި ބުނެފައި ވެއެވެ.

އެމްކޭ ކަންނާ ކިޔާ މީހަކު ބުނީ މި ވާޙަކަފުޅު އަޑުއަހާފައި ލޮލުން ކަރުނަ އައި ކަމަށެވެ. އަދި އޭނާގެ ގައުމަށް ކަލާމް ފަދަ ވެރިން ދެއްވުމަށް އެމީހާ ދުއާ ކުރި އެވެ.

މަންމައެއްގެ ލޯތްބާއި އަޅާ ކިޔޭނެ އެހެން އެއްވެސް ލޯތްބެއް ނެތް ކަމަށާއި މަންމައެއްގެ ލޯބިން އެ ލިބޭ ހިތްވަރަކީ ބަޔާން ނުކުރެވޭ ވަރުގެ ހިތްވަރެއް ކަމަށް ވެސް ކޮމެންޓުކުރި ބައެއް މީޙުން ސިފަ ކޮށްފައި ވެއެވެ.

ކަލާމަކީ އޭރޯސްޕޭސް ސައިންޓިސްޓެކެވެ. އަޖައިބެއް ފަދަ ކުޅަދާނަ ޓީޗަރެކެވެ. އަދި 2002 އިން 2007 އަށް އިންޑިޔާގެ ރައީސްކަން ކުރެއްވި ސިޔާސީ ބޭފުޅެއް ވެސް މެއެވެ.

އިންޑިޔާގެ ރައްޔިތުންގެ މެދުގައި އެމަނިކުފާނު މަޝްހޫރުވެފައިވަނީ "ރައްޔިތުންގެ ރައީސް"ގެ ނަމުންނެވެ.

ކަލާމް އަވަހާރަވީ ޖުލައި 27، 2015 ގައެވެ. ހިތުގެ މައްސަލައެއް ދިމާވެގެން ވެއްޓިވަޑައިގެންނެވި އިރު ކަލާމް ހުންނެވީ ޝިލޯންގް ކިޔާ ރަށެއްގައި ހުންނަ އިންޑިއަން އިންސްޓީޓީއުޓް އޮފް މެނޭޖްމަންޓް (އައިއައިއެމް)ގައި ތަގުރީރެއް ދެއްވާށެވެ.

އެމަނިކުފާނުގެ ކޮންމެ ތަގުރީރަކީ ވެސް އިބުރަތުން ފުރިގެންވާ އެތައް ވާޙަކަތަކެއް ދައްކަވާފައިވާ ތަގުރީރު ތަކެކެވެ.