ބޮލީވުޑް

އަދުނާން ސާމީ "އަލްވިދާ" ކީ ކުރީގެ ސިފަޔަށް

މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާން ސާމީ އިންސްޓަގްރާމުގައި ޝެއާ ކޮށްފައި ހުރި ހުރިހާ ޕޯސްޓްތައް ފޮހެލައި "އަލްވިދާ" އޭ ކިޔާ މެސެޖެއް ޕޯސްޓްކުރުމުން ގިނަ ބަޔަކު ވަރަށް ހައިރާންވެގެންވަނީ އުޅެފަ އެވެ. އޭނާ ލަވަކިޔުމަށް އަލްވަދާއު ކީ ކަމަށް ވެސް ވަރަށް ގިނަ ބަޔަކު ހީކުރި އެވެ. މިއީ އޭނާގެ އާ ލަވައެއް އިޝްތިހާރުކޮށްލަން ކުރި ކަމެއް ކަމަށް ހީކުރީ މަދު ބައެކެވެ.

ހަގީގަތުގައި ކަން ވީވެސް އެހެންނެވެ. "އަލްވިދާ" އަކީ އަދުނާނުގެ އާ މިއުޒިކް ވީޑިއޯއަކަށް ކިޔާ ނަމެކެވެ. މިއީ ދެ އަހަރެއްހާ ދުވަހު އެއްވެސް ލަވައެއް ރިލީޒްނުކޮށް ހުރުމަށްފަހު ރިލީޒްކުރި އަދުނާނުގެ ފުރަތަމަ ލަވަ އެވެ.

މި ލަވަ ޝެއާ ކުރުމާއެކު އަދުނާނުގެ އެތައް ލައްކަ ފޭނުންނެއް ވަނީ އޭނާއަށް މަރުހަބާ ކިޔައި އުފާ ފާޅުކޮށްފަ އެވެ.

"އަލްވިދާ"ގެ ލިރިކްސްގައި އަދުނާން ބޭނުންކޮށްފައިވަނީ ޕާސިއަން ޝާއިރު ރޫމީގެ ބައެއް ޅެމުގެ ބައިތަކެވެ.

"އަލްވިދާ އަކީ އެމީހެއްގެ ދެލޮލުން ލޯބިވާ މީހުންގެ އެއްޗެއް. އެމީހެއްގެ ހިތާއި ފުރާނައިން ލޯބިވާ މީހުންނަށް ޚާއްސަ އެއްޗެއް. ވަކިވުން ފަދަ އެހެން އެއްވެސް އެއްޗެއް ނެތެވެ." މި ލަވައިގައި އަދުނާނު ކިޔަ އެވެ.

މި ލަވައިގައި އަދުނާނުގެ ލަވަތަކުގައި ހުންނަ ހުރިހާ ރަހަތަކެއް އެކުލެވިގެން ވެއެވެ. މި ލަވައިގެ މިއުޒިކް ވީޑީއޯގައި ހަރަކާތެރިވަނީ ޕަންޖާބު ބަތަލާއެއް ކަމަށްވާ ސާރާ ޚަތުރީ އެވެ.

މި ލަވައާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން އަދުނާނު ބުނީ އޭނާ "އަލްވިދާ" އޭ ބުނުމުން އެތައް ހާސް ބަޔަކު އެކަމާ ކަންބޮޑުވެގެން އޭނާއަށް މެސެޖުތައް ފޮނުވި އެވެ.

"އަލްވިދާއަކީ ހަގީގަތުގައި އަހަރެންގެ ކުރީގެ ސިފަޔަށް، ހަށިގަނޑަށް އަހަރެން ކީ އަލްވިދާ އެއް. މި ލަވައިގެ މަސައްކަތް އަހަރެން ކުރާތާ ދުވަސްކޮޅެއް ވެއްޖެ. މިއީ އަހަންނަށް ވަރަށް ޚާއްސަ ލަވައެއް،" އަދުނާނު ބުންޏެވެ.