މޯލްޑިވްސް ޕޮލިސް ސާވިސް

ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ނާޒިމް ސައްތާރުގެ ބަންދަށް ހަތް ދުވަސް ޖެހީ ބަންދާމެދު ގޮތް ނިންމަން އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ނާޒިމް ސައްތާރު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވީޑިއޯގެ މައްސަލާގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރިއެވެ. އަދި ފަހުން ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.

މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ފަހު އެކަށީގެންވާ ހެކި ލިބުމުން އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން އިއްޔެ ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގައި ނަޝީދުގެ ކޮއްކޮ، ނާޒިމް ހައްޔަރު ކުރީ އއ އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރުމުން ނާޒިމް ރިސޯޓަށް ވަޑައިގެންނެވީ އެވެ. ހައްޔަރު ކުރިއިރު އޭނާ ހުރި އއ އަތޮޅުގެ ރިސޯޓަށް ދިއުމުގެ ކުރީން އިތުރު ރިސޯޓަކަށްވެސް ދިޔަ ކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުންގެ އިސް ބޭފުޅަކު އަވަސްއަށް ޔަގީން ކޮށްދެއްވި ގޮތުގައި ނާޒިމް ހައްޔަރު ކުރަން ފުލުހުން އެ ރިސޯޓަށް ދިއުމުން އޭނާ ވަނީ ރުހުމުގައި ފުލުހުންނާއި ހަވާލުވެފައެވެ. އެހެން ކަމުން ފުލުހުން އެ ރިސޯޓަށް އަރާފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުުސް އޮފިސަރެކެވެ. މި ދެ މީހުންވެސް އަލަމްގިރިއާއެކު ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯތައް ވަނީ އާންމުވެފައެވެ.