މުހައްމަދު ނަޝީދު (ކާނަލް)

ކާނަލް ނަޝީދުގެ ބަންދަށް ހަތް ދުވަސް

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށް ހައްޔަރު ކުރި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ނަޝީދު ހައްޔަރު ކުރީ އިއްޔެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް ހައްޔަރު ކުރި 45 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށެވެ. ނަމަވެސް އެ މީހާގެ ވަނަވަރެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރާއި ކާނަލް މުހައްމަދު ނަޝީދުގެ އިތުރުން ފުލުސް އޮފިސަރަކާއު ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް ވެސް ވަނީ ހައްޔަރު ކޮށްފައެވެ. ނާޒިމްގެ ބަންދަށް ޖެހީ ހަތް ދުވަހުގެ މުއްދަތެވެ. އޭނާ ހައްޔަރު ކުރީ އއ އަތޮޅު ރިސޯޓަކުން ކަމަށް ވާތީ ބަންދަށް މުއްދަތު ޖެހީ ރަސްދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.