އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ އާސާރީ ތަރިކަ ހިމާޔަތްކުރަން މަޝްވަރާކޮށްފި

Jul 29, 2022

މިނިސްޓާ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖު ޔުމްނާ މައުމޫން އައްޑޫ ސިޓީއަށް ވަޑައިގެން ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ވަކިވަކިން ކުރިއަށް ގެންދިޔަ މިބައްދަލުވުންތަކުގައި މައގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ އައްޑޫސިޓީގައި ހުރި އާސާރީ ތަރިކަ ހިމާޔަތް ކުރުމާއި، އެ ސިޓީގައި ފަންނުވެރިކަން އިތުރުކޮށް ފަންނުވެރިންނަށް ތަމްރީނާއި އިތުރު ފުރުސަތުތައް ހޯދައިދިނުމާއި ގުޅޭގޮތުންނެވެ.

މީގެއިތުރުން އައްޑޫގައި އުވިގެންދާ ސަގާފީ ކަންކަން ދިރުވައި އާލާކުރެވޭނޭ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ. އަދި އައްޑޫގެ އަންހެނުންގެ ތަރައްގީއަށް މަސަތްކަތް ކުރާ ކޮމިޓީން ކުރަމުންދާ މަސަތްކަތްތައް މިނިސްޓަރު ބައްލަވާލެއްވި އެވެ.

މިނިސްޓަރު ޔުމްނާ މިދިޔަ ބުދަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންނެވީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމު ކުރާ "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" ޝޯ ބައްލަވާލެއްވުމަށެވެ.

ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ޝޯ މީގެކުރިން އަތޮޅު ތެރޭގެ ރަށެއްގައި ބާއްވާފައެއް ނުވެ އެވެ. އައްޑޫގައި ބޭއްވި ޝޯއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ.