ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އިންވެސްޓްމަންޓުތައް އިތުރަށް ފުޅާކުރަން މާލެއިން އިތުރު ބިމެއް ގަންނަން އެކުންފުނިން އިއުލާން ކޮށްފި އެވެ. މާލެއިން ބިމެއް ގަތުމަށް ގައުމީ ބޭންކް އިން މިދިޔަ ހޯމަ ދުވަހު ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެކުންފުނިން 8000 އާއި 12000 އަކަފޫޓާއި ދެމެދުގެ ބިމެއް ގަންނަން ބޭނުންވާތީ، ބިން ވިއްކަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ. އެގޮތުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ކުރިން އީއޯއައި އެކުންފުނީގެ މައި އޮފީހަށް ހުށަހެޅުމަށެވެ.
ބީއެމްއެލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެކުންފުނިން މިއަހަރު ތެރޭގައި މާލޭގައި ބޮޑެތި އިންވެސްޓްމަންޓުތަކެއް ކުރަން ރާވައިފަވާނެ ކަމަށާއި ހާއްސަކޮށް ހުޅުމާލޭގައި ވެސް ބޮޑެތިން އިންވެސްޓްމަންޓުތަކެއް މިއަހަރު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް މާލެއިން ގަންނަ ބިމާ ގުޅޭގޮތުން އެ އޮފިޝަލުގެ ފަރާތުން މައުލޫމާތެއް ސާފެއް ނުވި އެވެ.
ދާދިފަހުން ބީއެމްއެލް އިން ވަނީ ހުޅުމާލޭގައި ހުންނަ އެކުންފުނީގެ ގޮފި އިތުރަށް ތަރައްގީކޮށް އަލުން ހުޅުވާފައެވެ. އަދި ކުންފުނީގެ ސީއީއޯ އެންޑްރިއު ހީލީ ވިދާޅުވެފައިވާ ގޮތުގައި އެކުންފުނިން ހުޅުމާލޭގައި ވެސް އިތުރު ބިޒްނަސް ސެންޓަރު ތަކާއި އޭޓީއެމް ތަކެއް ހުޅުވައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރާނެ ކަމަށެވެ.