ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ހަތަރު ފޮޓޯ ގަނޑު އެމަނިކުފާނުގެ އަތްޕުޅުގައި އެބަ އޮތް ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ މި ތުހުމަތު ފެންމަތި ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕަށް މިއަދު ހަވީރު ފޮނުއްވި މެސެޖްތަކެއްގައެވެ. ނަޝީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށެވެ. އަދި އެ ގައުމަށް ވަޑައިގެންނެވުމާއެކު މީހަކު ފޮޓޯތަކެއް ފޮނުވާފައިވާ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަރިހުގައި އައްސަވަން ޖެހިފައި އޮތް ސުވާލެއް އެބައޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެއީ ބަރަހަނާ ފޮޓޯ ހުރި އެންމެން ހިމާޔަތްކޮށް ނާޒިމް ސައްތާރު އެކަނި ހައްޔަރު ކުރީ ކީއްވެތޯ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބަދު އަހްލާގީ އަމަލު ހިންގާ ފޮޓޯތަކެއް އެބަހުރި ކަމަށާ އެ ފޮޓޯތައް ދިވެހި ފުލުހުންގެ ހިދުމަތަށް ފޮނުއްވަންވީ ވީތޯ ސުވާލު ކުރައްވާފައިވެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރައީސްގެ ބަރަހަނާ ހަތަރު ފޮޓޯގަނޑެއް އެމަނިކުފާނުގެ އަތްޕުޅުގައި އެބައޮތެވެ. އެއީ މީހަކު އެމަނިކުފާނަށް ފޮނުއްވާފައިވާ ފޮޓޯތަކެއް ކަމަށްވެސް ވިދާޅުވިއެވެ. އެ ފޮޓޯތަކުން ފެންނަނީ ރައީސް ސޯލިހް އަންހެން ކުއްޖަކާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު އެ [ރައީސް ސޯލިހްގެ ފޮޓޯތައް] ޕޮލިހަށް ފޮނުވަންވީތޯ،" ނަޝީދު އަލުން ސުވާލު ކުރައްވާފައިވެއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ފޮޓޯތަކުން ފެންނަ އަންހެން ކުއްޖަކީ އާއިލީ ގޮތުން ގާތް އަދި ވަރަށް އެކުވެރި ބޭފުޅެއްގެ ދަރިއެއް ކަމަށެވެ. އެ އަންހެން ކުއްޖާގެ ހާލަތާމެދު ކަންބޮޑުވާ ކަމަށްވެސް ވިދާޅުވިއެވެ.
މި ވާހަކަތައް ނަޝީދު ފެއްޓެވީ ބަންގްލަދޭޝްގެ އަލަމްގިރި ކައިރިއަށް އައްޑޫ މީދޫ ދާއިރާގެ މެެންބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒް ވަޑައިގެންނެވި ކަމަށް ބުނެ މީހަކު ޓްވީޓާގައި ލިޔެފައިވާ ވާހަކަތަކެއް ހިއްސާ ކުރައްވަމުންނެވެ. އެެއީ ތެދެއްތޯ ރޮޒައިނާ އާއި ނާޒިމް ކުރެން އައްސަވާފައިވެއެވެ.
ރައީސްގެ މައްޗަށް ބޮޑު ތުހުމަތެއް ނަޝީދު ކުރައްވާފައި މިވަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ބަންގްލަދޭޝްގެ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގަނިކޮށް ފެންނަ ވީޑިއޯއެއް އާންމުވެ އެ މައްސަލާގައި އޭނާ ހައްޔަރު ކޮށްފައި ވަނިކޮށެވެ. ނާޒިމް ހައްޔަރު ކުރަން ކޯޓުން އަމުރު ހޯދުމުން އޭނާގެ އާއިލާއިން ވަނީ ނާޒިމް މާލެއިން ފުރުވާލާފައެވެ. ވަޑައިގެންނެވީ ރިސޯޓަކަށެވެ. ރިސޯޓްގައި ހުންނަވަނިކޮށް ހައްޔަރު ކުރުމުން ނަޝީދު ވަނީ ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެމަނިކުފާނުގެ ކޮއްކޮ ނާޒިމު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ނާޒިމު ހައްޔަރު ކުރީ ޖިނާއީ އިޖުރައާތާ ހިލާފަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ނާޒިމު ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރުގެ ނުފޫޒުންނެވެ. އަދި އެގޮތަށް ސަރުކާރުން އަމަލުކުރީ ސަރުކާރާއި ގުޅިފައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށް ކަމަށްވެސް އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި ނަޝީދު ތުހުމަތު ކުރައްވާފައިވެ އެވެ.