ބިޕާޝާ ބާސޫ އިނީ ބަލިވެ ކަމަށާއި ވަރަށް އަވަހަށް އޭނާ އާއި ފިރިމީހާ ކަރަން ސިންގް ގްރޯވަރު އަށް ދަރިއަކު ލިބެން އުޅޭކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ. ނަމަވެސް މި ޚަބަރާ ގުޅޭ ގޮތުން ބިޕާޝާ އާއި ކަރަން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
ބިޕާޝާ އާއި ކަރަން ކައިވެނިކުރީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން ފައިތުވީ ހައެއްކަ އަހަރު މި ދެމަފިރިން އުޅެނީ ވަރަށް ލޯބިން ކަމަށް އެމީހުންގެ ސޯޝަލް މީޑީއާ އެކައުންޓްތަކުން ޝެއާކުރާ ޕޯސްޓްތަކުން ދޭހަވެ އެވެ.
އިންޑިޔާގެ ނޫހަކަށް މައުލޫމާތު ދެމުން ކަރަން އާއި ބިޕާޝާގެ އެކުވެރިޔަކު ވަނީ ބިޕާޝާ ބަލިވެ އިންކަން ޔަގީންކޮށްދީފަ އެވެ.
އޭނާ ބުނި ގޮތުގައި އަލަތު ދަރިފުޅު ލިބެން ތައްޔާރުވަމުންދާތީ ކަރަން އާއި ބިޕާޝާ މިހާރު ތިބީ ވަރަށް އުފަލުންނެވެ. އަދި ވަރަށް އަވަހަށް ރަސްމީކޮށް މިކަން އިއުލާން ކުރާނެ ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
ބިޕާޝާ އާއި ކަރަން ފުރަތަމަ ބައްދަލުވީ ދެ މީހުން އެކުގައި ކުޅުނު "އެލޯން" ކިޔާ ފިލްމެއްގެ ސެޓުންނެވެ. ފުރަތަމަ ބައްދަލުވުމުން ވެސް ދެ މީހުންގެ ހިތް އެކަކު އަނެކަކަށް ދެވުނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ ކައިވެނި ވެސް ވަނީ ކޮށްފަ އެވެ.