ދުނިޔެ

އެމެރިކާ އާއި ރަޝިއާ ކުށްވެރިން ބަދަލުކުރަން މަޝްވަރާ ކުރައްވައިފި

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް މަޝްވަރާ ކުރައްވައިފި އެވެ.

މިއީ ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން -- ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި، މި ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ.

އެންތަނީ ބްލިންކެން ލަވްރޯފްއަށް ގުޅުއްވީ އެމެރިކާގެ އެދުމެއް އޮވެގެންނެވެ އެއީ ރަޝިއާގައި ހައްޔަރު ކޮށްފައި ތިބި އެމެރިކާގެ ދެ މީހުން -- ބްރިޓްނީ ގްރައިނާ އާއި ޕޯލް ވީލަން ދޫކޮށްލާ މަތިން އެމެރިކާގައި ހައްޔަރު ކޮށްފައި ހުރި ރަޝިއާގެ ވިކްޓަރު ބޫތު ދޫކޮށްލާނެ ކަމަށް ވިދާޅުވުމަށެވެ.

ބްރިޓްނީ ގްރައިނާ ހައްޔަރުކުރީ ރަޝިއާއަށް މަސްތުވާ ތަތެކެތި އެތެރެކުރި މައްސަލައެއްގަ އެވެ. ރަޝިއާގެ އިދާރާތަކުން ބުނި ގޮތުން ގްރައިނާގެ ދާގީނާތައް ބަލާ ފާސްކުރުމުގެ ތެރޭގައި މެރިޖުއާނާ ވަނީ ފެނިފަ އެވެ.

ގްރައިނާ ބުނި ގޮތުން އޭނާ ގެންގުޅުނީ ދަތުކަނޑުވަން ބޭނުންކުރާ ބާވަތުގެ ކެނަބިސް އެވެ. އެއީ ބޭސްވެރި ކަމުގައި ހުއްދަ ކުރާ ބާވަތެއް ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ ރަޝިއާގެ ގާނޫނު މުގުރުމުގެ ވިސްނުމެއް އެއްވެސް އިރެއްގައި ނުގެންގުޅޭ ކަމަށެވެ.

ޕޯލް ވީލަން އަކީ ރިޓަޔާކޮށްފައި ހުރި އެމެރިކާގެ ކަނޑުގެ ސިފައިންގެ މީހެކެވެ. ރަޝިއާއިން 2018 ގައި އޭނާ ހައްޔަރުކުރީ ޖާސޫސްކުރަން އުޅެނިކޮށެވެ.

ރަޝިއާގެ ވިކްޓަރު ބޫތު އެމެރިކާއިން ހައްޔަރުކުރީ ހަތިޔާރު ގެންގުޅުމާއި ވިޔަފާރިކުރުމުގެ ކުށުގަ އެވެ. އޭނާއަށް އިއްވާފައި އޮތީ 25 އަހަރުގެ ޖަލު ހުކުމެކެވެ.

އެމެރިކާ އާއި ރަޝިއާއާ ދެމެދު ކުށްވެރިން ބަދަލުކުރަން ބްލިންކެން ހުށަހެޅި ނަމަވެސް ސަރުގޭ ލަވްރޯފް ވިދާޅުވި ކީކޭކަން ބްލިންކެން ހާމައެއް ނުކުރެއްވި އެވެ. ލަވްރޯފް ވިދާޅުވީ ކީކޭކަން ހާމަނުކުރެވެން ނެތް ކަމަށް ބްލިންކެން ވިދާޅުވި އެވެ.

ރޮއިޓާސް ބުނާ ގޮތުން ރަޝިއާ ބޭނުންވަނީ ކުށްވެރިން ބަދަލުކުރުމުގައި އަދި އިތުރު މީހަކު ދޫކޮށްލުމަށެވެ. އެއީ މީހުން މެރުމުގެ ކުށުގައި ޖަރުމަނުގައި ހައްޔަރުކޮށްފައި ހުރި ވަޑިމް ކްރާސިކޮފް އެވެ.

ވަޑިމް ކްރާސިކޮފް ހައްޔަރުކޮށްފައި ހުރީ އެމެރިކާގައި ނޫން ކަމަށް ބްލިންކެން ދެންނެވި އެވެ. ދެ ގައުމުއްގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމަށް ކުރެވޭ މަޝްވަރާގައި ތިންވަނަ ގައުމެއް ބައިވެރި ކުރުމަކީ ކުރެވެން ނެތް ކަމެއް ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

ދެ ބޭފުޅުންގެ ފޯންކޯލް 25 މިނެޓަށް ދިގުދެމިގެން ދިއަ އެވެ. އެކަމަކު ވެސް އެމެރިކާގެ ހުށަހެޅުން ރަޝިއާ ބަލައިގަތް ކަމަކަށް ބްލިންކެން ވިދާޅެއް ނުވެ އެވެ.