ކުޅުދުއްފުށި

ކުޅުދުއްފުށީގައި ސިޒޭރިއަން ހެދި މީހާ އަދިވެސް ހޭނާރާ: ކައުންސިލް

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެއްދިފަހުން ލޭމަނާ ނުވެ ހާލު ދެރަވި މީހާގެ ހާލަތު އަދި ވެސް ސީރިއަސް ކަމަށާއި އޭނާ އަދިވެސް ހޭނާރާ ކަމަށް އެރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި ހޮސްޕިޓަލަށް ސިޒޭރިއަން ހައްދަން އިއްޔެ ހެނދުނު ގެންދިޔަ މީހާ އޮޕަރޭޝަނަށް ފަހު ލޭ މަނާ ނުވެ އިއްޔެ 11:00 ޖަހާއެހާކަންހާއިރުން ފެށިގެން ވަނީ ހޭނެތިފަ އެވެ. އަދި އޭނާގެ ލޭމަނާ ކުރުމަށާއި ހޭ އެރުވުމަށް ޑޮކްޓަރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭނާގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ހޮސްޕިޓަލުގެ މެނޭޖަރާއި ހަވާލާދީ ކައުންސިލްގެ ނައިބު ރައީސް އައިމަން ވިދާޅުވީ އަންހެން މީހާގެ ހާލު އަދި ވެސް ރަނގަޅު ނުވާ ކަމަށާއި އޭނާ އަދިވެސް ހޭނާރާ ކަމަށެވެ.

"އެ މީހާގެ ގައިން އަދިވެސް ލޭމަނާ ނުވެގެން މި އުޅެނީ. އެހެންވެ މާލެ ގެންދިޔުމަށް ނުވަތަ އެހެން ދަތުރެއް ކުރުމަށް ވެސް ހޮސްޕިޓަލުން ހުއްދައެއް ނުދޭ. ނަމަވެސް ހޮސްޕިޓަލުން ބުނާ ގޮތުގައި އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލް ތަކަށް ގުޅައިގެން އެފަރާތްތަކުގެ ލަފަޔާ އެކީ އަދިވެސް މަސައްކަތް ކުރަމުން ދޭ،" އައިމަން ވިދާޅުވި އެވެ.

އެ މީހާ ސީޒޭރިއަން ހެދުމަށްފަހު ދަރިފުޅު ނަގައި ވަނީ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ވޯޑަށް ބަދަލުކޮށްފަ އެވެ.