ރާއްޖެއަށް މުދަލާއި ހިދުމަތުގެ އަގުތައް މަތިވުމުގެ ސަބަބުން ކުރާ އަސަރު ކުޑަވާނެ ކަމަށް ވޯލްޑް ބޭންކުގެ ވޯލްޑް ބޭންކުން ރާއްޖެ، ސްރީ ލަންކާ އަދި ނޭޕާލުގެ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒަރުވޯސް ވިދާޅުވެއްޖެ އެވެ.
ދުވަހު ނޫސް ދައުރަށް ވާހަކަ ދައްކަވަމުން ވޯލްޑް ބޭންކް ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ޒަރުވޯސް ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއަށްވެސް މުދަލުގެ އަގު ބޮޑުވުމުގެ ސަބަބުން އަސަރެއް ކުރާނެ އެވެ. އަދި އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރުގެ ތެރޭގައި އެވްރެޖްކޮށް 0.5 ޕަސެންޓުގައި ހުރިނަމަވެސް މި އަހަރު އިންފްލޭޝަން 3.5 ޕަސެންޓަށް އުފުލޭނެ އެވެ. އަދި މިކަމުގެ އަސަަބަބުން އާމްދަނީ ދަށް މީހުންނަށް ކުރާ އަސަރު ބޮޑުވާނެ ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ނަމަވެސް ސަބްސިޑީ ދެމުން ދާތީ އަސާސީ ކާބޯތަކެތީގެ އަގު ރާއްޖޭގެ ބާޒާރުގައި އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެ ކަމަަށާ، އެހެންވެ ހަގީގީ އިންފްލޭޝަންގެ އަސަރު ރާއްޖެ އަށް ކުރާ ވަރު ކުޑަ ވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ރާއްޖެ އަށް ގިނައިން ދަތުރު ކުރައްވާ ކަންޓްރީ ޑިރެކްޓަރު ވަނީ ސަރުކާރުން މި ހާލަތުގައި އަޅަމުން ގެންދާ ފިޔަވަޅުތަކަށް ތައުރީފު ކުރައްވާފަ އެވެ. މިހާރު ރާއްޖޭގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާ ޖީއެސްޓީ ބޮޑުކޮށް، ސަބްސިޑީ ބަދަލު ކުރަން ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތާއީދު ކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ދާދިފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ވަނީ ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑު ކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް ތާއީދު ކުރާ ކަމަށް ބުނެފަ އެވެ.