ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވާ ކަންތައްތަކެއް ހިމަނާފައިވާތީ ފިނޭންސް މިނިސްޓަރު އަމީރު އެކަމަށް ވަރުގަދައަށް ރައްދު ދެއްވައިފި އެވެ.
ވޯލްޑް ބޭންކުން ނެރޭ އަޕްޑޭޓްގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު 8.2 ޕަސަންޓަށް ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި ނަމަވެސް ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް މިހާރު ލަފާކުރަނީ 6.6 ޕަސަންޓްގައި ކަމަށެވެ.
ރާއްޖެއިން ބޮޑު އަގުގައި ލޯން ނަގާފައިވުމާއި ރާއްޖޭގެ އިގްތިސާދު އޮތް ނާޒުކު ހާލަތުގެ ސަބަބުން ރާއްޖެއަށް ގޮންޖެހުންތައް އެބަހުރި ކަމަށްވެސް ބުނެފައިވެ އެވެ. ރާއްޖޭގެ އިންފްލޭޝަން 5.7 ޕަސެންޓަށް އިތުރުވާނެ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
މީގެއިތުރުން މިއަހަރަކީ ރާއްޖޭގައި ރިޔާސީ އިންތިހާބު ބާއްވާ އަހަރު ކަމަށްވެފައި އެކަމާ ގުޅިގެން ކުރާ ހަރަދު އިތުރުވުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުގެ ކުންފުނިތަކަށް ދޫކުރާ ފައިސާގެ އަދަދު އިތުރުކުރުމަކީވެސް އިގްތިސާދަށް ހުރި ގެއްލުމެއް ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.
ވޯލްޑް ބޭންކް ޕްރޮފެޝަލް ލަފާކުރުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު އަމީރު މިއަދު ވަނީ ފުލުފުލުގައި އެތައް ޓްވީޓެއް ކުރައްވާފަ އެވެ.
މިނިސްޓަރު އަމީރު ދިވެހި ބަހުން ކުރެއްވި ޓްވީޓްތަކުގައި ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު މިދިޔަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރު ކަމަށެވެ.
"ލަފާކުރެވެނީ މި އަހަރު ރެކޯޑު މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް. ވީމާ އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށް ވުރެ މަތިވާނެ،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށް ވުރެ މަތިވެފައިވާތީ ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓާ ގުޅިގެން ކަމަށެވެ.
މިވަގުތަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅަކަށްވީ ނަމަވެސް، ރާއްޖެއަށް މިކަމުގެ އަސަރު ކުރަމުންދާ މިންވަރު އަވައްޓެރި ގިނަ ގައުމުތަކާ އަޅާބަލާއިރު ކުޑަކަންވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެ އެވެ.
އަމީރު ވިދާޅުވީ އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށެވެ.
"ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަވަނީ ބޮޑުތަނުން އިތުރުވެފައި،" އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވީ ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި މިނޫނަސް ކުރިމަތިވާ ފިސްކަލް ގޮންޖެހުންތަކުގެ ތަފްސީލް މިއަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ގޮންޖެހުންތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެ ކަމަށެވެ.
"މި ގޮންޖެހުންތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން އިތުރުވި ލޯނުގެ އަދަދު އުފެއްދުންތެރިކަމުގެ ނިސްބަތުން މެދުރާސްތާގައި ދާނީ ދަށަށް ކަމަށެވެ. މިކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލުގެންނާނީ ރައްޔިތުންނަށް އެކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެގޮތަށް ކަމުގައިވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.