ބަސް ދަތުރުތައް

މިނީ ބަސްތައް ރަށްތަކަށް ގެންގޮސްފި

Jul 30, 2022

އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ މިނީ ބަހުގެ ހިދުމަތް ދިނުމަށް އަތޮޅުތަކަށް މިވަގުތަށް ބޭނުންވާ މިނީ ބަސްތައް ރަށްތަކަށް ގެންގޮސްފި އެވެ.

މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

މިނީ ބަހުގެ ފްލީޓަށް ބޭނުންވާ އިތުރު ފަސް މިނީ ބަސް ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދެ ރޫޓަކުން ދިނުމަށް ނިންމާފައިވީ ނަމަވެސް އެ ރޫޓުތަކުގެ މައުލޫމާތާއި މިނީ ބަސް ދަތުރުގައި ނަގާނެ އަގެއްވެސް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.

އަތޮޅު ތެރެއަށް ބޭނުންވާ މިނީ ބަސްތަކުގެ ތެރެއިން ލ. އަތޮޅު މައި ހައިވޭގައި ދުއްވާ ފަސް ބަހާއި އެ އަތޮޅު އިސްދޫ-ކަލައިދޫގައި ދުއްވާ ދެ ބަސް ލ. އަތޮޅަށް ގެންދިޔައީ މިދިޔަ ބުދަ ދުވަހު އެވެ. ފުވައްމުލަކަށް ގެންދާ ފަސް މިނީ ބަސް މިދިޔަ ބުރާސްފަތި ދުވަހު އެ ސިޓީއަށް ގެންގޮސްފައިވާއިރު އައްޑޫ ސިޓީއަށް ގެންދަން ނިންމާފައިވާ މިނީ ބަސް އިއްޔެ ވަނީ އެ ސިޓީއަށް ވެސް ގެންގޮސްފަ އެވެ.

އެމްޓީސީސީން ބުނީ މުޅި އަލަށް ގެނައި މިނީ ބަސް ތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރަން ނިންމާފައިވެ އެވެ.

އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ހިދުމަތެވެ. މިގޮތުން ހދ. އަދި ހއ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާފައިވާއިރު ށ. އަތޮޅަށް ފެރީގެ ހިދުމަތް ދިނުމުގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ނިންމާފަ އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިިން އަވަސް އަށް ވިދާޅުވީ މި މަހު 31 ހިސާބުގައި މާލޭގައި ވެސް މިނީ ބަހުގެ ހިދުމަތް ފެށުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.